އިނގިރޭސިވިލާތުގެ ފުޓުބޯޅަ ކުލަބު، ލިވަރޕޫލް އެފްސީއާ ގުޅިގެން ކުރިއަށް އޮތް ސީޒަނުގައި ފަތުރުވެރިކަން އިސްތިހާރުކުރުމަށް ރާއްޖެއިން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ބާއްވާފައިވަނީ ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއާއި ރާއްޖެއަށް މިހާރު ޒިޔާރަތްކުރަމުންދާ ލިވަރޕޫލްގެ ވަފުދާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ ކުރިއަށް އޮތް ސީޒަނުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ލިވަޕޫލް އެފްސީއާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިކޮށް، އެ ކްލަބުގެ މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން ލިވަޕޫލް އެފްސީގެ "ދި ރެޑް ވޭ" އިނިޝިއޭޓިވްގެ ދަށުން ރާއްޖޭގައި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ބައްދަލުވުމާއެކު ރާއްޖޭގެ ފަތުރުވެރިކަން ބައިނަލްއަޤުވާމީ ފެންވަރުގައި އިތުރަށް ފުޅާކުރުމުގައި މުހިންމު ދައުރެއްއަދާކުރާނެ ކަމަށެވެ.
ރާއްޖެއާއި ލިވަޕޫލް އެފްސީއާ ދެމެދު ވެފައިވާ ރާއްޖެ އިސްތިހާރުކުރުމަށް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިދިޔަ މަހުގެ 3 ވަނަ ދުވަހުއެވެ.
ލިވަޕޫލް ގެ "އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު"ގެ ގޮތުގައި ރާއްޖެ ހަމަޖެއްސީ ރާއްޖޭގެ ޓޫރިޒަމް ބްރޭންޑް ވާސިލުވާ މިންވަރު އިތުރުކޮށް، ރާއްޖެއަށް ޒިޔާރަތްކުރުމަށް އިތުރު ފަތުރުވެރިންނަށް ހިތްވަރުދިނުމުގެ ގޮތުން، 3 އަހަރާއި 6 މަސް ދުވަހަށް ކުރިއަށްގެންދާ ކެމްޕޭނެއްގެ ދަށުންނެވެ.