ޚަބަރު

މުލީ ރީޖަނަލް ހޮސްޕިޓަލުގެ 50 އެނދުގެ އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި


  • މިއީ 171 މިލިއަން ރުފިޔާގެ މަޝްރޫޢުއެއް

  • 4 ފަންގިފިލާގެ އިމާރާތުގައި ގިނަ އާ ޚިދުމަތްތަކެއްވެސް ޤާއިމުކުރާނެ

މ.މުލީ ރީޖަނަލް ހޮސްޕިޓަލުގެ 50 އެނދުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މުލީ ހިއްކި ބިމުގައި ތަރައްޤީކުރާ ހޮސްޕިޓަލް އިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ.

މުލީ ރީޖަނަލް ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީންނެވެ.
މުލީ ހޮސްޕިޓަލްގެ 50 އެނދުގެ އާ އިމާރާތަކީ 4 ފަންގިފިލާއަށް ތަރައްޤީކުރާ އިމާރާތެކެވެ. މި އިމާރާތާއެކު ހޮސްޕިޓަލްގައި އިތުރު ގިނަ ޚިދުމަތްތަކެއް ޤާއިމުކުރާނެއެވެ. ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ އެންމެ ބޮޑު ބޭނުމަކަށްވަނީ، އަމިއްލަ ރަށާ ސަރަޙައްދުގައި ތިބެގެން ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

ހޮސްޕިޓަލް އިމާރާތުގެއިތުރުން ވަކިން އިދާރީ މަސައްކަތަށް ޚާއްސަ އޮފީސް އިމާރާތެއްވެސް މި މަޝްރޫޢުގައި ހިމެނެއެވެ. މި މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 171 މިލިއަން ރުފިޔާއަށެވެ.
މިއީ 32250 އަކަފޫޓުގެ ބިމެއްގައި ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

ހޮސްޕިޓަލްގެ އާ އިމާރާތުގައި ކޮންސަލްޓޭޝަން ރޫމް، އޮޕަރޭޝަން ތިއޭޓަރ، އީ.އާރް، އެން.އައި.ސީ.ޔޫ، ކުޑަކުދިންގެ ވޯޑް،ޑެންޓަލް، ފިޒިއޮތެރަޕީ، ރޭޑިއޮލޮޖީގެ އިތުރުންވެސް ގިނަ ޚިދުމަތްތަކެއް ހިމެނެއެވެ. މީގެއިތުރުން ޕްރައިވެޓް ރޫމްތަކާއި، މީޓިން ރޫމް އަދި ކުޑަކުދިން ކުޅޭ އޭރިއާއެއްވެސް ހިމެނެއެވެ.

މުލަކަތޮޅަކީ އާބާދީގައި 7400އެއްހާ މީހުން ދިރުއުޅެމުން އަންނަ އަތޮޅެކެވެ. އެ އަތޮޅުގެ ރައްޔިތުން ސިއްޙީ ޚިދުމަތަށް ބަރޯސާވާ މައި ހޮސްޕިޓަލް މުލީ ރީޖަނަލް ހޮސްޕިޓަލަކީ 30އަށްވުރެ ގިނަ އަހަރުވީ ހޮސްޕިޓަލެކެވެ. ނަމަވެސް މި ދިގު މާޒީގައި ޚިދުމަތާ ފެންވަރުގެ ގޮތުން މާބޮޑު ކުރިއެރުމެއް ލިބިފައެއް ނެތެވެ.

ހޮސްޕިޓަލްގެ އިމާރާތާއެކު އާ ޚިދުމަތްތައް ތަޢާރަފުކުރުމާއެކު ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެކަމަށް ސަރުކާރުން ހާމަކުރައްވައެވެ.