ޚަބަރު

ތިލަފުށީގައި ތަރައްޤީކުރާ އިންޓަރނޭޝަނަލް ލޮޖިސްޓިކް ޓަރމިނަލަށް ބޭނުންވާ ބިން އެއްވަރުކުރުމުގެ މަސައްކަތް ކުރިއަށް


  • އިންޓަރނޭޝަނަލް ލޮޖިސްޓިކް ޓަރމިނަލް ތަރައްޤީކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ދަނީ ކުރިއަށް

  • އެމްޕީއެލްއިން އެތަނުގައި ވޯރކްޝޮޕާއި އޮފީސް އިމާރާތެއް ތަރައްޤީކުރާނެ

ތިލަފުށީގައި ތަރައްޤީކުރާ އިންޓަރނޭޝަނަލް ލޮޖިސްޓިކް ޓަރމިނަލް ތަރައްޤީކުރުމުގެ މަސައްކަތުގައި މިހާރު ކުރިއަށްދަނީ ބިން އެއްވަރުކުރުމާއިކީ ވޯލް އެޅުމުގެ މަސައްކަތްކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއިން ވިދާޅުވެއްޖެއެވެ.

އިންޓަރނޭޝަނަލް ލޮޖިސްޓިކް ޓަރމިނަލް ތަރައްޤީކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.

އިންޓަރނޭޝަނަލް ލޮޖިސްޓިކް ޓަރމިނަލް ތަރައްޤީކުރުމުގެ މަސައްކަތަކީ މާލެ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓަރމިނަލްގައި ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައި، އޮޕަރޭޝަންސް އިތުރަށް ފުޅާކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. އެމްޕީއެލްއިން ވިދާޅުވީ އިންޓަރނޭޝަނަލް ލޮޖިސްޓިކް ޓަރމިނަލް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ބިން އެއްވަރުކުރުމާއި ކީ ވޯލް އެޅުމުގެ މަސައްކަތްތައްކަމަށެވެ.

އެމްޕީއެލްއިން ވިދާޅުވީ މި މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އަންދާޒާކުރެވޭކަމަށެވެ. މި މަސައްކަތް ކުރިއަށްގެންދަނީ އެމްޓީސީސީއާހަވާލުކޮށްގެންނެވެ. އަދި އެކުންފުންޏާ ހަވާލުކޮށްފައިވާ މަސައްކަތް ނިމުމުން އެމްޕީއެލްއިން އެތަނުގައި ވޯރކްޝޮޕާއި އޮފީސް އިމާރާތެއްގެ އިތުރުން ލައިތް ޕޯސްޓައް ޖެހުމުގެ މަސައްކަތް 3 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ނިންމާފައިވާއިރު ތިލަފުށީ ޕޯޓްގެ އީ.އައި.އޭ، ޖިއޯޓެކްނިކަލް، ހައިޑްރޯ-ސާރވޭ އަދި ބަތިމެޓްރީ ސާރވޭ ކޮށްދޭނެ ކޮންސަލްޓެންޓް އެއް ހޯދުމަށް ވަނީ އިޢުލާންކޮށްފައެވެ.
އެކި މަރުހަލާ ތަކަށް ބަހާލައިގެން ވިޔަފާރި ބަނދަރުގެ މަސައްކަތްތައް ތިލަފުއްޓަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. އާ ޕޯޓު ފުލް އޮޕަރޭޝަނަށް ބަދަލު ކުރުމުން، ހުޅުމާލޭގައި ބޭނުން ކުރާ ބަނދަރު ޓްރާންސްޝިޕްމެންޓް ބަނދަރަށް ހެދުމަށްވެސް ވަނީ ނިންމާފައެވެ. އެމްޕީއެލްގެ އަމާޒަކީ ޕޯޓުގެ މަސައްކަތްތައް ކުރިއަށް އޮތް ދެ އަހަރުދުވަހުގެ ތެރޭގައި ތިލަފުއްޓަށް ބަދަލުކުރުމެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތުގެ އިތުރަށް ނޯތު ހާބަރާއި ޓީޖެޓީ ވެސް އެ ސަރަހައްދަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.