ޚަބަރު

މިފަހަރުވެސް ޙައްޖުވެރިންނަށް ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި


  • މާލޭގައި 3 ރޫޓަކުން ބަސް ދަތުރުކުރާނެ

  • ހުޅުމާލެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގައިވެސް ބަސްދަތުރު އޮންނާނެ

ދިވެހިރާއްޖެއިން ޙައްޖަށް ދާ ފަރާތްތަކަށް މިއަހަރުވެސް ބަހުގައި އެއަޕޯޓަށް ދެވޭނެ އިންތިޒާމްތައް ހަމަޖައްސައިފިއެވެ.

ރާއްޖެއިން މިއަހަރުވެސް 1000 މީހުން ހައްޖުގެ އަޅުކަން އަދާކުރުމަށް ދަތުރުކުރާނެއެވެ. ދިވެހި ޙައްޖުވެރިން ފުރަން ފަށަނީ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެނެނެވެ.

ޓީީވީއެމްއިން ގެނެސްދޭ ހެނދުނު ހެނދުނާ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޙައްޖު ޓާސްކްފޯސްގެ މެންބަރު އަޙްމަދު ރައްސާމު ވިދާޅުވީ ޙައްޖުވެރިން އެއަޕޯޓަށް ދިއުމަށްޓަކައި މާލެއާއި ހުޅުމާލޭގައިވެސް ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށެވެ. އެގޮތުން މާލޭގައި 3 ރޫޓެއް އަދި ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައިވެސް ބަސްރޫޓް ހަމަޖައްސާފައިވާކަމަށް ރައްސާމް ވިދާޅުވިއެވެ.
މިގޮތުން މާލޭގެ މަޖީދީމަގާއި، އޯކިޑް މަގާއި އަމީނީމަގުގެ ބަސްރޫޓް ހަމަޖައްސާފައިވާކަމަށެވެ.

"ބަސް ރޫޓް ކަނޑައަޅާފައި މިހުރީ މައިގަނޑު ގޮތެއްގައި ބަސްތައް މަޑުކުރަނީ ޙައްޖާޖީންނަށް ފަސޭހަވާނެ ހިސާބުތަކުގައި. ވީހާވެސް ލުއިފަސޭހަކޮށް މާލެއާއިި ހުޅުމާލެއިންވެސް އެއަޕޯޓަށް ދެވޭނެ އިންތިޒާމް މި ހަމަޖައްސަނީ." ޙައްޖު ޓާސްކްފޯސްގެ މެންބަރު އަޙްމަދު ރައްސާމު ވިދާޅުވިއެވެ.

ރައްސާމު ވިދާޅުވީ ޙައްޖުވެރިންއަރާ ބަސްތަކަށް އާޢިލާގެ އެއް މެންބަރަކަށް އެ ބަހުގައި ދަތުރުކުރެވޭނެކަމަށެވެ. އަދި އެއަށްފަހު އަންނަ ބަސްތަކުގައި އާޢިލާގެ އިތުރު މެންބަރުންނަަށް ދަތުރުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޙައްޖުވެރިން ފުރަން އޮންނަ ގަޑިތަކާއި ބަސް ދަތުރުތައް ކުރާނެ ގަޑިތައް ޙައްޖުވެރިންނަށް އަންގަމުންދާނެކަމަށެވެ. އޭނާ ވިދާޅުވީ ބަހުގައި ދަތުރު ކުރަން އުނދަގޫ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ.

މިއަހަރު ރާއްޖެއިން 1000 މީހުން ޙައްޖަށް ދާއިރު މީގެ ތެރޭގައި ޙައްޖު ކިއުގައި މިއހަރަށް ދޭވޭނެ ކަމަށް ކަނޑައަޅާފައިވާ އެންމެން ހައްޖަށް ދާނެއެވެ. އަދި ޙައްޖުވެރިންގެ އެހީތެރިންނާއި ސަރުކާރުގެ ޚަރަދުގައި ޙައްޖަށްދާ މީހުންވެސް ހިމެނެއެވެ.

މިއަހަރު ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ 4 ފްލައިޓެއްގައެވެ. އެގޮތުން ސަޢުދީ އެއަރލައިންގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓުގައި ޙައްޖުވެރިން އުފުލުމަށް ހަމަޖެހިފައިވެއެވެ.

މިއަހަރު ރާއްޖެއިން ޙައްޖަށްދާ ފުރަތަމަ ފުލައިޓު 235 ޙައްޖުވެރިން ފުރާއިރު މި ފްލައިޓް އޮންނާނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. ޙައްޖުވެރިންގެ ދެވަނަ ފުލައިޓު މި މަހުގެ 27 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު 2 ވަނަ ފުލައިޓުގައި 257 ޙައްޖުވެރިން ދަތުރުކުރާނެއެވެ. އަދި ތިން ވަނަ ފުލައިޓު މި މަހުގެ 29 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު އެ ފުލައިޓުގައި 250 ޙައްޖުވެރިން ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. ޙައްޖުވެރިންގެ ފަހު ފުލައިޓު ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. އެ ފުލައިޓުގައި 250 ޙައްޖުވެރިން ސަޢުދީއަށް ދާނެއެވެ.