ރާއްޖޭގެ ފެރީ ނިޒާމު ތަރައްގީކޮށް މުޅި ރާއްޖެ ގުޅުވާލުމަށް އިންޑިއާއިންދޭ 100 މިލިޔަން ރުފިޔާގެ މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ދިވެހިރާއްޖެ އާއި އިންޑިއާއިން ސޮއިކޮށްފިއެވެ.
ޚާރިޖީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރި މި 13 މަޝްރޫއު ކުރިއަށް ގެންދަނީ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕެމެންޓް" ސްކީމް ތިންވަނަ ފިޔަވަހީ ގެ ދަށުންނެވެ.
ރާއްޖޭގެ ފެރީ ނިޒާމު ތަރައްގީކޮށް އެއްކޮށް މުޅި ރާއްޖެ ގުޅުވައި ނިންމަން އެހީއަކަށް ވެގެންދާ 100 މިލިއަން ދިވެހި ރުފިޔާގެ މި މަޝްރޫއުތަކުގެ ފަހުމްނާމާތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލުއާއި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބާލަސުބްރަމާނިއަންއެވެ. އަދި މި މަޝްރޫއުތަކުގެ ތަންފީޒީ ފަރާތުގެ ގޮތުން ސޮއިކުރެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ އާރުޓީއެލް ފެރީތައް ބަނުމަށް 100 މިލިޔަން ރުފިޔާގެ މާލީ އެހީތެރިކަން އިންޑިޔާ ސަރުކާރުން ދެއްވާފައިވާ ކަމަށެވެ. އަދި އާރުޓީއެލް ފެރީގެ ނިޒާމު ކުރިއެރުވުމަށް އިންޑިޔާ ސަރުކާރުގެ އެހީތެރިކަމާއެކު 13 ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ޕްރޮޖެކްޓުތަކުގެ ސަބަބުން ރައްޔިތުންގެ ޢާންމު ދިރިއުޅުމަށް ފަސޭހަތައް ލިބޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އާރުޓީއެލްގެ ޚިދުމަތް އަތޮޅުތަކުގައި ތަޢާރަފުކުރެވޭއިރު، އިޤުތިޞާދީ ކުރިއެރުމަށްވެސް ގިނަ ފުރުޞަތުތައް ފަހިވާނެ. ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއެކު ކޮންމެ ދިވެހި ރައްޔިތަކަށްވެސް އާރުޓީއެލްގެ ޚިދުމަތް ލިބޭނެ" ވަޒީރު ވިދާޅުވިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ ކޮންމެ ރައްޔިތަކަށްވެސް ބޭނުންކުރެވޭ ހަލުވި ފެރީގެ ނިޒާމެއް މުޅި ރާއްޖޭގައި ޤާއިމުކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ ކަމަށެވެ. އަދި މި ނިޒާމާއެކު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ކުރިއެރުމަށްވެސް މަގު ފަހިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އާރުޓީއެލްގެ ޚިދުމަތް ޤާއިމުކުރަމުންދަނީ 3 ފިޔަވައްސަކަށް ބަހާލައިގެން 6 ސަރަހައްދެއްގައި ކަމަށެވެ. އަދި މިހާތަނަށް 9 އަތޮޅެއްގެ 81 ރަށުގައި ފެރީގެ ނިޒާމުން މިހާރު ގުޅާލާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"ފެރީ ނިޒާމުގެ ތެރެއިން ކޮންމެ ރަށެއްވެސް ވަނީ އެއަރޕޯޓާކާ ގުޅުވާލާފައި. އިންޑިޔާއިން ދީފައިވާ މި އެހީގެ ސަބަބުން ރަށްރަށަށް ފެރީގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ." ވަޒީރު ވިދާޅުވިއެވެ.
އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ބަލަސުބްރަމާނިއަމް ވިދާޅުވީ ރާއްޖެއާއި އިންޑިޔާގެ ގުޅުމަކީ ޒަމާންވީ ގާތް ގުޅުމެއް ކަމަށެވެ. އަދި މި ގުޅުމުގެ ތެރެއިން އިންޑިޔާއިން ގިނަ އެހީތަކެއް ފޯރުކޮށްދީފައިވާކަމަށް ހައި ކޮމިޝަނަރު ވިދާޅުވިއެވެ. އަދި މިއީ އިންޑިޔާގެ "ހައި އިމްޕެކްޓް ކޮމިޔުނިޓީ ޑިވަލޮޕްމެންޓް ޕްރޮޖްކެޓްސް"ގެ ދަށުން ދޭ އެހީތެރިކަމެއް ކަމަށާއި މި ޕްރޮގުރާމްގެ ދަށުން ޖުމްލަ 78 ކަމަކަށް އެހީ ދިނުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
"އިންޑިޔާ ސަރުކާރުން ވަނީ ފުރަތަމަ އަވަށްޓެރި ޤައުމުތަކަށް އެހީވުމުގެ ސިޔާސަތެއް ގެންގުޅެއް ފަށާފައި. މި ސިޔާސަތުގެ ތެރެއިން ވެސް ރާއްޖެއަކީ އެހީ ފޯރުކޮށްދިނުމުގައި ޚާއްސަ ޤައުމެއް" ހައި ކޮމިޝަނަރު ވިދާޅުވިއެވެ.
އިންޑިޔާއިން ދޭ އެހީތެރިކަމާއެކު 12 އުޅަނދެއް ބަނުމުގެ އިތުރުން ރ. އުނގޫފާރުގައި ފެރީ ޓަރމިނަލެއް ތަރައްޤީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އާރުޓީއެލްގެ ފެރީގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމެވެ.
ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ދަތުރުފަތުރާ މަދަނީ އުފުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، އާރްޓީއެލްގެ މުޅި މަޝްރޫޢު ފަރުމާކޮށްފައި އޮތީ 2027ވަނަ އަހަރަށް މުޅި ރާއްޖެއަށް ޚިދުމަތް ފުޅާކުރުމަށް ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި މަސައްކަތް މި އަހަރުގެ ނިޔަލަށް މުޅި ރާއްޖެއަށް ފެށުމަށް މަސައްކަތް ކުރެއްވުމަށް ނިންމަވާފައިކަމަށެވެ.