ޚަބަރު

"އޭޕްރީލް މަހުގެ ނިޔަލަށް އަތޮޅުތެރޭގެ އޭޓީއެމްތަކުން 1.3 ބިލިޔަން ރުފިޔާ ޖަމާކުރި"


  • އަތޮޅުތެރޭ ގާއިމުކޮށްފައިވާ އޭޓީއެމްތަކުން 240,000 މުއާމަލާތް ކޮށްފައިވޭ

މާލެ ނުހިމަނާ އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ އޭޓީއެމްތަކުން މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 1.3 ބިލިޔަން ރުފިޔާ ޖަމާކޮށްފައިވާކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، ނ. އަތޮޅުގެ ބައެއް ރަށްރަށުގައި އޭޓީއެމް ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް، މި މަޝްރޫއަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެ އިރުޝާދުގެ ދަށުން މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މާލީ ޚިދުމަތްތައް ގެންދިއުމަށް ބޭންކުން ފަށާފައިވާ ހާއްސަ މަޝްރޫއެކެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މުޅިރާއްޖެއިން ފެންނަމުންދަނީ ފައިސާ ޖަމާކުރުމަށް އޭޓީއެމް ބޭނުންކުރާ މިންވަރު އިތުރުވަމުންދާތަންކަމަށެވެ. މިގޮތުން ޕްރީލްގެ ނިޔަލަށް މާލޭ ފިޔަވައި އަތޮޅުތެރޭ ގާއިމުކޮށްފައިވާ އޭޓީއެމްތަކުން 240,000 މުއާމަލާތް ކޮށްފައިވާކަމަށެވެ. މިއީ 1.3 ބިލިއަން ރުފިޔާގެ މުއާމަލާތްކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ 2 މަސް ކުރިން ދ. އަތޮޅުގައި ބަހައްޓާފައިވާ އޭޓީއެމްތަކަށް މިދިޔަ އޭޕްރީލްގެ ނިޔަލަށް ވަނީ 14 މިލިއަން ރުފިޔާ ޖަމާކޮށްފައިކަމަށް އޭނާ ވިދާޅުވިއެވެ. އެއީ 2000 އަށްވުރެ ގިނަ މުއާމަލާތެވެ. އަދި އޭޓީއެމް ހިދުމަތް ލިބެން ނެތްނަމަ އެއީ ހިދުމަތް ހޯދުމަށް ކުރަންޖެހޭ 2000 ދަތުރުކަން ސީއީއޯ ފާހަގަކުރެއްވިއެވެ.

މިދިޔަ ރަމަޟާންމަހު ހއ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ފަށާފައިވާއިރު ހއ. އަތޮޅުގައި ބަހައްޓާފައިވާ އޭޓީއެމްތަކުން މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ފައިސާ ޖަމާކުރުމަށް ވަނީ 8000 މުއާމަލާތް ހިންގާފައެވެ. އެއީ 45 މިލިއަން ރުފިޔާގެ މުއާމަލާތެވެ. އެ އަތޮޅުގައި ފައިސާ ނެގުމަށް ވަނީ 27,000 މުއާމަލާތް ކޮށްފައެވެ. އެއީ 52 މިލިއަން ރުފިޔާގެ މުއާމަލާތެވެ. މިއީ ގާތްގަނޑަކަށް 5 ހަފްތާތެރޭ ކޮށްފައިވާ މުއާމަލާތްކަމަށް ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރު ނިމެންވާއިރަށް 100 އަށްވުރެ ގިނަ ރަށުގައި އޭޓީއެމް ބެހެއްޓުން. މިއާއެކު މުޅިރާއްޖޭގައި ބޭންކުގެ 250 އަށް ވުރެ ގިނަ އޭޓީއެމް ގާއިމުކުރެވިގެންދާނެ. ދިވެހީންގެ ބޭންކު ހަގީގީ މާނާގައި ދިވެހީންގެ ބޭންކަކަށް ވަނީ ހުރިހާ ރަށެއްގައި މި ބޭންކުގެ ޚިދުމަތް ދިނުމުން". ޝަރީފް ވިދާޅުވިއެވެ.

ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމެއްގައި، ކޮންމެ ރަށެއްގައި އޭޓީއެމް ގާއިމްކުރުމަކީ ފަސޭހަކަމެއް ނޫން ނަމަވެސް އެއީ ކޮންމެހެން ބޭނުންތެރިކަމެއްގެ ގޮތުގައި ބީއެމްއެލްއިން ސިފަކުރައްވައެވެ. ބީއެމްއެލްގެ އަމާޒަކީ އެއްވެސް ރައްޔިތެއް އަދި އެއްވެސް ރަށެއް ބާކީ ނުކޮށް އޭޓީއެމް ޚިދުމަތް ކޮންމެ ރަށަކަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމެވެ. މިއާއިއެކު ބޭންކިންގެ ޚިދުމަށް ހޯދުމަށް ދަތުރު ކުރަން ނުޖެހި ޚިދުމަތް ލިބުމުގެ އިތުރުން ރައްޔިތުން އަތުގައި ހުރި ފައިސާ ބޭންކިން ނިޒާމަށް ވަންނަމުންދާކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.