ޚަބަރު

ކައުންސިލަރުންގެ ދައުރު ނިމެން ދޮޅު އަހަރަށްވުމުން ބައި-އިލެކްޝަން ނުބާއްވާނަމަ ބޮޑު ޚަރަދެއް ކުޑަކުރެވޭނެ


  • ގިނަ ބައި-އިލެކްޝަންތަކެއް ބޭއްވޭނެ ވަރު މާލިއްޔަތުގައި ނެތްކަން މެންބަރުން ފާހަގަކުރެއްވި

  • މިއީ ޚަރަދު ކުޑަކުރުމަށް ހުށައެޅުއްވި މުހިންމު އިސްލާހެއްކަން މެންބަރުން ފާހަގަކުރެއްވި

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ ދައުރު ނިމެން ދޮޅު އަހަރަށްވުމުން ހުސްވާ މަޤާމުތަކަށް ބައި-އިލެކްޝަންތައް ނުބާއްވާނަމަ ދައުލަތުން ކުރަންޖެހޭ ބޮޑު ޚަރަދެއް ކުޑަކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.

މެންބަރުން މިހެން ވިދާޅުވީ، ލޯކަލް ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީގެ މެންބަރުންގެ ދައުރު ނިމެން 548 ދުވަހަށް ވުމުން ބައި-އިލެކްޝަން ބާއްވަން ނުޖެހޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ހުށައަޅާފައިވާ އިސްލާހަށް ކުރިއަށްގެންދިޔަ ބަހުސްގައެވެ.

މި ބަހުސްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ 2000 ނުވަތަ 1500 އަށްވުރެ ދަށް އާބާދީތަކަށް ކޮންމެހެން 5 ކައުންސިލަރުން ބޭނުންނުވާ ކަމަށެވެ. އެހެންކަމުން އެއް ކައުންސިލަރަކު އިސްތިއުފާދެއްވި ނަމަވެސް، ރަށަށް ބޭނުންވާ ކަންކަމާއި ސިޔާސަތުތައް ކަނޑައެޅުމަށް ބޭނުންވާ މިންވަރަށް ކައުންސިލަރުން ތިއްބަވާނެކަމަށާއި އިންތިޚާބު ގާތްވެފައި ވަނިކޮށް ބައި-އިލެކްޝަނެއް ބޭއްވުން ކޮންމެހެން މުހިންމުނޫންކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދަޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުންވެސް 40 އަކަށް ބައި-އިލެކްޝަން ބާއްވާފައިވާ ކަމަށާއި ކޮންމެ ފަހަރަކު އެތައް ޚަރަދެއް ސަރުކާރުން ކުރައްވާފައިވާ ކަމަށެވެ. އަދި މިއީ އެންމެ އެދެވޭ ގޮތެއް ނޫންކަން ފަލާހު ފާހަގަކުރެއްވިއެވެ.

"ކޮންމެހެން ކައުންސިލަރަކު ހަމަ އިސްތިއުފާ ދެއްވާއިރަށް ބައި-އިލެކްޝަން ބާއްވާކަން ނުޖެހޭ. ބައި-އިލެކްޝަން ބާއްވާ ކޮންމެ ފަހަރަކު އެތައް ޚަރަދެއް ސަރުކާރުން އެބަޖެހޭ ކުރަން. އެހެންވީމަ މި އިސްލާހުގެ ސަބަބުން ވަރަށް ބޮޑު ތަނުން ސަރުކާރުގެ ޚަރަދު ކުޑަ ކުރެވޭނެ." ފަލާޙު ވިދާޅުވިއެވެ.

ބިލަށް ކުރިއަށްގެންދިޔަ ބަހުސްގައި ވާހަކަދައްކަވަމުން ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުޙައްމަދު ޢައްބާސްވެސް ވަނީ ބިލަށް ތާޢީދުކުރައްވާފައެވެ. އަދި ދައުރު ނިމެން ދޮޅު އަހަރަށްވުމުން ކޮންމެހެން ބައި-އިލެކްޝަނެއް ބޭއްވުން މުހިންމު ނޫންކަން އައްބާސް ފާހަގަކުރެއްވިއެވެ. އޭގެ ބަދަލުގައި އެ ފައިސާ ރަށްރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށާއި ސަރުކާރުން ފޯރުކޮށްދޭންޖެހޭ އެހެން ޚިދުމަތްތައް ފޯރުކޮށްދޭން ބޭނުންކުރުން މާ ރަނގަޅުވާނެކަމަށް ޢައްބާސް ވިދާޅުވިއެވެ.

"މިއަދު ޤައުމު އޮތީ އިޤުތިޞާދީ ގޮތުން ވަރަށް ބޮޑު އަދަވަޅެއްގައި. ކުރީ ސަރުކާރުތަކުން ކަންކަން ކޮށްފައި އޮތް ގޮތުން ބޮޑެތި ޚަރަދުތަކެއް ކުރަންޖެހިފައި. އެހެންވީމަ ޚަރަދުތައް ވީވަރަކުން ކުޑަ ކުރަންޖެހޭ." ޢައްބާސް ވިދާޅުވިއެވެ.

ބިލަށް ބަހުސްކުރައްވަމުން ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ޤައުމު އޮތީ އިޤުތިޞާދީ ގޮތުންނާއި މާލީ ގޮތުން ދަތި ހާލަތެއްގައި ކަމަށެވެ. އަދި އެކަމުން އަރައިގަތުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން މެންބަރު ފާހަގަކުރެއްވިއެވެ. އަދި ބައި-އިލެކްޝަންތައް މަދުކުރުމަކީ މިގޮތުން ކުރައްވާ މަސައްކަތެއްގެ ގޮތުގައި މެންބަރު ފާހަގަކުރެއްވިއެވެ.

"ހުށައެޅިފައިވާ އިސްލާހަށް ވަރަށް ބޮޑަށް ތާޢީދުކުރަން. މިއީ ޚަރަދު ކުޑަކުރުމުގެ ހެޔޮ ނިޔަތެއްގައި ހުށައަޅާފައިވާ އިސްލާހެއް." މެންބަރު ވިދާޅުވިއެވެ.

ބިލަށް ކުރިއަށްގެންދިޔަ ބަހުސްގައި އިދިކޮޅު ބައެއް މެންބަރުން ވަނީ ބިލާ ދެކޮޅަށް ވާހަކަދައްކަވާފައެވެ. އެ ގޮތުން ޚަރަދު ކުޑަކުރުމުގެ ނަމުގައި ދޮޅު އަހަރުވަންދެން ކައުންސިލަރަކު އިންތިޚާބު ނުކޮށް ތިބުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް އިދިކޮޅު މެންބަރުން ފާހަގަކުރެއްވިއެވެ.

"އައްޑޫ ސިޓީ ކައުންސިލްގައި އަޅުގަނޑުގެ ދާއިރާ ތަމްސީލްކުރާ މެންބަރު އިސްތިއުފާ ދިނީ މިސާލަކަށް. އެހެންވެއްޖިއްޔާ އަޅުގަނޑުގެ ރަށް ސިޓީ ކައުންސިލްގައި ތަމްސީލްކުރައްވާ ބޭފުޅެއް ނުހުންނާނެ. މިއީ އެންމެ ރަނގަޅު ގޮތެއްކަމަކަށް އަޅުގަނޑު ނުދެކެން." މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނަށް ހުށައަޅާފައިވާ އިސްލާހުތަކަށް ގިނަ މެންބަރުން ތާޢީދުކުރެއްވިއިރު، ބައެއް އިދިކޮޅު މެންބަރުން ވަނީ އިސްލާހާ ދެކޮޅަށް ވާހަކަދައްކަވާފައެވެ.