ޚަބަރު

ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭނެ މުދައްރިސުން ތަމްރީންކުރަނީ


  • ވަޒީރު ވަނީ ކިޔަވައިދިނުމުގައި އެއްވެސް ކުއްޖަކު ބާކީ ނުކުރާނެކަމަށް ވިދާޅުވެފައި

  • ޖޫން މަހުގެ ތެރޭގައި މުދައްރިސުން ތަމްރީން ކުރަން ފަށާނެކަމަށް ވިދާޅުވި

ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭނެ މުދައްރިސުން ތަމްރީންކުރުމުގެ މަސައްކަތް އަންނަ މަހު ފަށްޓަވާނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ޖަވަބު ދެއްވުމަށް ކުރިއަށް ގެންދާ "އަހާ" ފޯރަމްގެ 5ވަނަ ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ފޯރަމްގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ތަޢުލީމީ ވަޒީރާއި އާންމު ރައްޔިތަކު ވަނީ ސްކޫލްތަކުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ބާކީ ކުރަނީ ކީއްވެގެންތޯ ސުވާލުކޮށްފައެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ތަޢުލީމީ ނިޒާމުގައި އެއްވެސް ކުއްޖަކު ބާކީ ނުވާނެކަމަށެވެ. ވަޒީރު ވިދާޅުވީ ތަޢުލީމީ ދާއިރާގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން ތިބިނަމަވެސް މިހާތަނަށް އައިއިރު އެކުދިންނަށް ބޭނުންވާ އެންމެ ފުރިހަމަ ވަޞީލަތްތައް ނެތްކަމަށެވެ. އަދި މިހާރުވެސް މިފަދަ ކުދިންނަށް ކިޔަވައިދިނުމަށް 600 އެއްހާ މުދައްރިސުން ބޭނުންވާކަމަށާއި މިހެން ހުރި މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

އެގޮތުން އަންނަ މަހުގެ ތެރޭގައި ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭނެ މުދައްރިސުން ތަމްރީން ކުރުމުގެ ޚާއްސަ މަސައްކަތެއް ފަށްޓަވާނެކަމަށާއި ކުރިއަށްވުރެ ބޮޑަށް އެފަދަ ކުދިންނަށް ބޭނުންވާ ޒަމާނީ ވަޞީލަތްތައްވެސް ހޯއްދަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އިންކްލޫސިވް ޑިޕާޓްމަންޓުން މަޢުލޫމާތު ލިބިފައިވާގޮތުން ރާއްޖޭގައި ސްކޫލްތަކުގައި ލޮލަށް ނުފެންނަ 5 ކުދިން އެބަތިބި. އެކަމަކު އެފަދަ ކުދިންނަށްވެސް ކިޔަވައިދޭނެ އެންމެ ފުރިހަމަ ވަޞީލަތްތަކެއް ނެތް." ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވިއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭނެ މުދައްރިސުން ތަމްރީން ކުރުމަށް ނިންމަވާފައިވާއިރު މުދައްރިސުން ލިބުން ދަތިވާ މާއްދާތަކަށް މުދައްރިސުން ތަމްރީން ކުރުމުގެ މަސައްކަތްވެސް ތަޢުލީމީ ވުޒާރާއިން ވަނީ ފަށްޓަވާފައެވެ. އެގޮތުން މިދިޔަ އަހަރު ވަނީ މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 135 ދަރިވަރުންނަށް ސްކޮލަރޝިޕް ދީފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ 18 އަހަރުން ދަށުގެ ކުދިންގެ އަދަދު 4700 އަށްވުރެ އިތުރުވެފައިވާކަން އެންސްޕާގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ. މި ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ 18 އަހަރުން ދަށުގެ ކުދިންގެ ތެރޭގައި ގިނައީ "މަލްޓިޕަލް ޑިސެބިލިޓީ" ހުންނަ ކުދިންނެވެ. ދެވަނައަށް އެންމެ ގިނައީ ނަފްސާނީ އެހީތެރިކަން ބޭނުންވާ ކުދިންނެވެ.