ބާސެލޯނާގެ ކޯޗު ހަންސީ ފްލިކަށް ބްރެޒިލްގެ ފޯވަޑް ރަފީނިއާ ވަރަށް ބޮޑަށް ތައުރީފު ކޮށްފިއެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ ރޭ ކުޅުނު އެލް ކްލަސިކޯގައި ރެއާލް މެޑްރިޑް ކޮޅަށް ދެ ލަނޑު ޖަހާފައެވެ.
އަދި މި ސީޒަނުގައި ބާސެލޯނާއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއަކީވެސް އޭނާއެވެ.
ރަފީނިއާ ބުނީ މި ސީޒަނުގައި ޓީމާ ހަވާލުވި ފްލިކް ނެތްނަމަ އޭނާވެސް ބާސެލޯނާގައި ނުހުންނާނެ ކަމަށެވެ.
"އަހަރެން ފްލިކަށް އަބަދުވެސް ޝުކުރުވެރިވާނަން. އަހަރެންގެ ވިސްނުން ބަދަލުކޮށްލި މީހަކީ އޭނާ. އަހަރެންގެ މުޅިން ތަފާތު ކުޅުންތެރިއަކަށް ބަދަލު ކޮށްލީ އޭނާ. އޭނާ ނެތްނަމަ އަހަރެން ވެސް މިއަދު ބާސެލޯނާގައި ނުހންނާނެ. އެއީ ޔަގީންކަމެއް،" ރަފީނިއާ ބުންޏެވެ.
ފްލިކް ބާސެލޯނާއާ ހަވާލުވީ ކުރީގެ ކޯޗު ޒަވީ ހަނާންޑޭޒް ވަކިކުރުމުންނެވެ. ރަފީނިއާ ބުނީ ޒަވީގެ ޕްލޭންގައި އޭނާއަށް އެންމެ ފުރިހަމައަށް ޖާގަ ނުލިބުނު ކަމަށާއި، ކުލަބު ބަދަލުކުރަން ވިސްނަމުންދަނިކޮށް އޭނާ މަޑުކުރުވީ ފްލިކް ޓީމާ ހަވާލުވުމަށްފަހު ކަމަށެވެ.
ބާސެލޯނާއިން މި ސީޒަނުގެ ސްޕެނިޝް ސުޕަ ކަޕާއި، ކޮޕާ ޑެލް ރޭ ކާމިޔާބުކޮށްފައިވާއިރު، ރަފީނިއާ ވަނީ މޮޅަށް ކުޅެފައެވެ. އަދި ސްޕެނިޝް ލީގު ކާމިޔާބުކުރަން ތިން ޕޮއިންޓް ބޭނުންވާއިރު، ޔުއެފާ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުން ބަލިވުމާ ހަމައަށް އެ މުބާރާތުގައިވެސް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައި، ލަނޑުތަކެއް ޖަހައިދީފައެވެ. އެގޮތުން އޭނާ ވަނީ މި ސީޒަނުގައި މިހާތަނަށް 54 މެޗުން 34 ލަނޑު ޖަހައިދީފައެވެ. މީގެ ތެރޭގައި ޗެމްޕިއަންސް ލީގުގައި ޖެހި 13 ލަނޑާއި، ސްޕެނިޝް ލީގުގައި ޖެހި 18 ލަނޑުވެސް ހިމެނެއެވެ.