ޚަބަރު

ޔުމްނު މައްސަލަ: ކޮމިޝަނުން ކަމާ ބެހޭ ފަރާތްތަކާ ސުވާލުކުރަން ފަށައިފި


  • ގުޅުންހުރި އިދާރާތަކުގެ ކަމާބެހޭ މުވައްޒަފުންނާ ބައްދަލުކުރަން ވަނީ ފަށާފައި

  • ރައީސުލްޖުމްހޫރިއްޔާ ޚާއްސަ ކޮމިޝަނެއް އުފެއްދެވީ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓަނޯއީ ގެއާ އިންވެގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްވާ މީހަކު ފެނުނު މައްސަލަ ތަޙުޤީޤުކުރުމަށް ކަމާ ބެހޭ ފަރާތްތަކާ ސުވާލުކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ކޮމިޝަނުން ފަށްޓަވައިފިއެވެ.

ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ ގ.ރަނައުރާގެއާގެ ހައްވާ ޔުމްނު ރަޝީދެވެ
ޔުމްނު ވެއްޓިފައި އޮތްވާ ފެނުނު މައްސަލަ ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ ކޮމިޝަނެއް އުފެއްދެވީ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުއެވެ. މި ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގިނަ ބާރުތަކެއް ދެއްވާފައެވެ.

މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ކޮމިޝަނުން ވިދާޅުވީ މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް، ގުޅުންހުރި އިދާރާތަކުގެ ކަމާއި ބެހޭ މުވައްޒަފުންނާ ބައްދަލުކޮށް، މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ ކިބައިން މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް ފަށްޓަވާފައިވާ ކަމަށެވެ.

މިކޮމިޝަން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވަނީ މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ ތަޙުޤީޤެއް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ކުރުމަށެވެ.

ރައީސުލުޖުމްހޫރިއްޔާ އުފެއްދެވި ޚާއްސަ ކޮމިޝަންގެ މަސައްކަތަށް އާންމުންގެ އެހީތެރިކަން ހޯދުމަށް ހާއްސަ ޕޯޓަލެއްވެސްވަނީ ހުޅުވާލާފައެވެ. މި ޕޯޓަލްގެ ޒަރީއްޔާއިން އަންހެން ކުއްޖާ ވެއްޓުނު ހާދިސާއާއި ގުޅޭ ފޮޓޯއާއި ވީޑީއޯ އާއި އެނޫންވެސް ލިޔެކިއުމެއް ނުވަތަ މައުލޫމާތުތައް ކޮމިޝަނާއި ހިއްސާ ކުރެވޭނެއެވެ. މީގެ އިތުރުން، ކޮމިޝަނުގެ މަސައްކަތާއި ގުޅޭގޮތުން ސުވާލެއް އޮތްނަމަ އެ ޕޯޓަލް މެދުވެރިކޮށް ކުރުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފައެވެ.

ފުރާޅުމައްޗަށް ވެއްޓިފައި އޮތްވާ ފެނުނު ޔުމްނު އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު މިހާރުވަނީ މެލޭޝިޔާއަށް ގެންގޮސް އިތުރުފަރުވާ ދޭން ފަށާފައެވެ.

ޔުމްނު ވެއްޓުނު މައްސަލަ ފުލުހުން ތަޙުޤީގުކުރަމުންދާއިރު، މި މައްސަލައިގަ އެކަކު ހައްޔަރުކޮށް، 9 މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ރާއްޖެއިން ބޭރަށް ނުދެވޭ ގޮތަށް އެ މީހުންގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.