ޚަބަރު

މޯލްޑިވިއަންގެ ދަތުރުތައް މުލި އެއަރޕޯޓަށް މިމަހުގެ 17 ގައި ފަށަނީ


  • މިއީ 35 މިނެޓުގެ ދަތުރެއް، ޕްރީމިއަމް އިކޮނޮމީގެ ޚިދުމަތް ލިބޭނެ

  • މުލި އެއަރޕޯޓަށް ދަތުރުތައް ފެށުމަށް މިހާތަނަށް ޝަޢުގުވެރިކަން ފާޅުކުރީ މޯލްޑިވިއަނުން އެކަނި

ޤައުމީ އެއަރލައިން މޯލްޑިވިއަނުން މ. މުލި އެއަރޕޯޓަށް ދަތުރުތައް ފެށުމަށް ނިންމައިފިއެވެ. މިއީ އެ އެއަރލައިނުން މި އަތޮޅަށް ދަތުރުތައް ފަށާ ފުރަތަމަ ފަހަރެވެ.

މޯލްޑިވިއަނުން ވިދާޅުވީ، މި އައު ރޫޓުގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މި ހިނގާ މެއި މަހުގެ 17 ވަނަ ދުވަހުގައި ކަމަށެވެ. އަދި މާލެއާއި މުއްޔާ ދެމެދު ކުރެވޭ މި ދަތުރަކީ 35 މިނެޓުގެ ދަތުރެއް ކަމަށްވެސް އެއަރލައިނުން މަޢުލޫމާތުދެއެވެ.

މޯލްޑިވިއަނުން ވިދާޅުވީ، މުލި އެއަރޕޯޓަށް ހަފްތާއަކު ދަތުރެއް ކުރުމަށް ހަމަޖެހިފައިވާކަމަށާއި، މި ދަތުރުތައް ކުރާނީ ކޮންމެ ހަފްތާއެއްގެވެސް ހޮނިހިރު ދުވަހުކަމަށެވެ.

މީގެ އިތުރުން، މި ރޫޓުގައި ދަތުރުކުރާ ފަސިންޖަރުންނަށް އެ އެއަރލައިންގެ ޕްރީމިއަމް އިކޮނޮމީގެ ޚިދުމަތް ލިބޭނެކަމަށް އެ އެއަރލައިނުން މައުލޫމާތުދެއެވެ.


މޯލްޑިވިއަނުން މައުލޫމާތު ދޭގޮތުގައި މި ދަތުރުތަކަށް ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށާއި ޓިކެޓް ގަތުމަށް މޯލްޑިވިއަންގެ ވެބްސައިޓުން ނުވަތަ 24 ގަޑިއިރު ޚިދުމަތްދޭ ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅުމުން ލިބޭނެ ކަމަށް އެއެއަރލައިނުން ވިދާޅުވެއެވެ.

ޤައުމީ އެއެއަރލައިންގެ ފްލީޓުގައި 25 ބޯޓެއް ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނޭ އޭޓީއާރުގެ ބޯޓުތަކާއި، ޑޭޝް8ގެ ބޯޓުތަކާއި، އޭ320 ނެރޯބޮޑީގެ އިތުރުން ސީޕްލޭން ބޯޓުތައް އެތެރޭގެ އުދުހުންތަކަށް ބޭނުންކުރަމުންދެއެވެ. އަދި މ. މުލިއަށް ކުރާ ދަތުރާއެކު، މޯލްޑިވިއަންގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ވިއުގަ މިހާރު 17 މަންޒިލަކަށް ފުޅާވެފައިވާ ކަމަށް އެއަރލައިނުން މައުލޫމާތުދެއެވެ.

މުލި އެއަރޕޯޓަށް މިމަހުގެ 15އިން ފެށިގެން ކޮމާޝަލް ދަތުރުތައް ބޭއްވޭގޮތަށް އެއަރލައިންތަކަށް ފުރުޞަތު ހުޅުވާލައިފައިވާއިރު ދަތުރުތައް ފެށުމަށް މިހާތަނަށް ޝަޢުގުވެރިކަން ފާޅުކޮށްފައިވަނީ ހަމައެކަނި މޯލްޑިވިއަނުންނެވެ.

މުލި އެއަރޕޯޓް ޚާއްސަކޮށްފައިވަނީ އެތެރޭގެ އުދުހުންތަކަށެވެ. މުލީ އެއަރޕޯޓުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެރަށުން 36 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، 1500 މީޓަރުގެ ރަންވޭއެއް ތަރައްޤީކޮށްފައިވެއެވެ. އެންމެ ޒަމާނީ ވަސީލަތްތަކާއެކު މި އެއަރޕޯޓު ތަރައްޤީކުރުމަށް ކުރިއަށްގެންދިޔަ މި މަޝްރޫޢަކީ ސަރުކާރުން 300 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.