ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ.މުޙައްމަދު މުޢިއްޒު ސިފައިންނާ ޙަވާލުކުރައްވާފައިވާގޮތަށް، ތެލެސީމިއާ ސެންޓަރު ހުޅުމާލޭ، އޮރެންޖް ހިޔާއަށް ބަދަލުކުރުމުގެ މަސައްކަތް ނިންމާ ސިއްޙަތާ ބެހޭ ވުޒާރާއާ ހަވާލުކޮށްފިއެވެ.
އެމްއެންޑީއެފްއިން ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައިވާ ޕޯސްޓުގައިވަނީ ޤައުމީ ޚާއްސަ މަސައްކަތެއްގެގޮތުގައި ސިފައިންނާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވި މިމަސައްކަތް ނިންމާލާފައިވާކަމަށެވެ. އަދި ސިފައިންވަނީ އަލަށް ހުޅުވި، އޮރެންޖް ހިޔާގައި ލޭހަދިޔާކުރުމުގެ ހަރަކާތެއްވެސް ކުރިއަށްގެންގޮސްފައެވެ.
ތެލެސީމިއާ ކުދިންނަށް ކުރިމަތިވެފައިވާ މައްސަލަ ޙައްލުކުރުމަށް ހުޅުމާލޭގައި އޮރެންޖް ހިޔާ ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ބަޔަކާއި ހަވާލުކޮށްގެން އެމަސައްކަތް އެކަށީގެންވާ ހަލުވި ދުވެއްޔެއްގައި ކުރިއަށްނުދާތީ އެމަސައްކަތް ޤައުމީ މަސައްކަތެއްގެ ގޮތުގައި ޤައުމީ ދިފާޢީ ބާރާއި، ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވީ މިދިޔަ މާރިޗު މަހުގެ 27 ވަނަ ދުވަހުގައެވެ. އަދި އެއްމަސްތެރޭގައި އެމަސައްކަތް ނިންމާ މިއަހަރުގެ ތެލެސީމިއާ ދުވަހު އެތަން ޚިދުމަތަށް ގެންނަވާނެކަންވެސް އެމަނިކުފާނުވަނީ ހާމަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ، ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، ގައުމީ ޚާއްޞަ މަސައްކަތެއްގެ ގޮތުގައި ސިފައިންނާ ހަވާލުކުރައްވައިގެން ތެލެސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖްހިޔާއަށް ބަދަލުކުރުމަށް ފެށި މަސައްކަތް ނިންމައި، މިއަދު މިނިސްޓްރީ އޮފް ހެލްތާ ހަވާލުކޮށްފި. pic.twitter.com/HFWg9KJryT
— Maldives National Defence Force (@MNDF_Official) May 8, 2025
ރައީސުލްޖުމްހޫރިއްޔާ މިމަސައްކަތް ސިފައިންނާ ހަވާލުކުރެއްވުމާއި ގުޅިގެން، މިމަސައްކަތް ސިފައިން ފެއްޓެވީ މާރިޗު މަހުގެ 28 ވަނަ ދުވަހުގައެވެ. އަދި ކުރީގެ ޑިޒައިނަށް ބައެއް ބަދަލު ގެންނަވާ، ކުޑަކުދިން ގަޔާވާފަދަ ގޮތަކަށް ބަދަލުތަކެއް ގެނެސްފައިވާކަން ސިފައިންވަނީ ފާހަގަކުރައްވާފައެވެ. ސިފައިންގެ އެކި ޑިޕާޓުމަންޓުތަކުން މިކަމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ޕްރޮޖެކްޓްގެ ހުރިހާކަމެއް ބެލެހެއްޓީ އެމްއެންޑީއެފްގެ ސަރވީސް ކޯގެ ބެލުމުގެ ދަށުންކަމަށް އެމްއެންޑީއެފްއިންވަނީ ވިދާޅުވެފައެވެ.
ތެލެސީމިއާ ދުވަހާއި ދިމާކޮށް 1994 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުންދިޔަ މޯލްޑިވިއަން ބްލަޑް ސަރވިސްގެ ޢިމާރާތުގައި ހިންގަމުންދިޔަ ތެލެސީމިއާގެ ޚިދުމަތްތައް މިހާރުވަނީ ހުޅުމާލޭ އޮރެންޖް ހިޔާއަށް ބަދަލުކޮށްފައެވެ. އަދި ޚިދުމަތް ހޯދުމަށް މާލެއިން ފަސޭހަކަމާއެކު ބަހުގައި ދެވޭނެ އިންތިޒާމު ހަމަޖައްސާ އެމްޓީސީސީންވަނީ އެސަރަޙައްދުގައި އިތުރު ބަސް ހުއްޓިއެއް ޤާއިމުކޮށްފައެވެ.