ޚަބަރު

ތައިލެންޑަށް ދަތުރުކުރާ ދިވެހިންވެސް މިއަދުން ފެށިގެން އެރައިވަލް ކާޑު ފުރަންޖެހޭނެ!


  • ތައިލޭންޑުން ދިވެހިންނަށް 90 ދުވަހުގެ އެންޓްރީ ވިސާ ލިބޭ

  • ދަތުރުކުރުމުގެ 3 ދުވަސްކުރިން އެރައިވަލް ކާޑު ފުރަންޖެހޭ

ތައިލެންޑަށް ދަތުރުކުރާ ފަރާތްތަކުން އެ ޤައުމަށް އެތެރެވުމުގެ ކުރިން ފުރަންޖެހޭ ޑިޖިޓަލް އެރައިވަލް ކާޑު މިއަދުން ފެށިގެން ފުރަންޖެހޭނެ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ތައިލެންޑުގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކާއެކު މިއަދުން ފެށިގެން ތައިލޭންޑަށް ދަތުރުކުރާ އެހެން ޤައުމުތަކަށް ނިސްބަތްވާ ކޮންމެ މީހަކުވެސް އޮންލައިންކޮށް އެރައިވަލް ކާޑެއް ދަތުރުކުރުމުގެ 3 ދުވަސް ކުރިން ފުރަންޖެހޭގޮތަށް ވަނީ އުސޫލުތައް ބަދަލުކޮށްފައެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ މިބަދަލާއި ގުޅިގެން، ރާއްޖެއާއި ތައިލެންޑާ ދެމެދު ހަމަޖެހިފައިވާ ވިސާގެ އެއްވެސް އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލެއް އައިސްފައިނުވާކަމަށެވެ. އަދި، ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް މިހާރުވެސް 90 ދުވަހުގެ "އެންޓްރީ ވިސާ"ގައި ތައިލެންޑަށް ދަތުރު ކުރެވޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އެހެންކަމުން އެ ޤައުމަށް ދަތުކުރާ ދިވެހި އެރައިވަލް ކާޑު ފުރުއްވުމަށް ސަމާލުވުމަށް ޚާރިޖީ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ރާއްޖެއިން ބޭރު ޤައުމުތަކަށް ދަތުރުކުރައްވާ ފަރާތްތަކުން އެޤައުމެއް ޤާނޫނާއި ޤަވާއިދުތަކަށް ފަރުވާތެރިވުމަށް މިފުރުޞަތުގައިވެސް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވަނީ އިލްތިމާސްކުރައްވާފައެވެ.