ޚަބަރު

ނިމިގެންމިދިޔައީ މަސައްކަތްތެރިންނަށް ފުރުޞަތުތައް ފަހިކޮށްދީ، ޙައްޤުތައް ކަށަވަރުކޮށްދިން ދޮޅު އަހަރު


  • މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަން ފެށީ 1889 ވަނަ އަހަރު

  • މި ދުވަސް ރާއްޖޭގައި ފާހަގަކުރަން ފެށީ 2006 ވަނަ އަހަރު

ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަސް އެކި ޤައުމުތަކުގައި ފާހަގަކުރަނީ އެކި ދުވަހުއެވެ. މި ގޮތުން ރާއްޖޭގައި މި ދުވަސް ފާހަގަކުރަނީ ކޮންމެ މެއި މަހެއްގެ ފުރަތަމަ ދުވަހުއެވެ.

މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ޤައުމެއް ކުރިއަރައި ދިއުމުގައި މަސައްކަތްތެރިންގެ މަސައްކަތާއި އެ މީހުންވާ ޤުރުބާނީގެ އަގު ވަޒަންކުރުމެވެ. މި ދުވަސް އެންމެ ފުރަތަމަ ފާހަގަކުރީ 1889 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހުއެވެ.

މަސައްކަތްތެރިންގެ ދުވަސް ވުޖޫދުވެގެން އައީ އެހާ އަމާން އޮމާން ގޮތަކަށް ނޫނެވެ. 1880ގެ އަހަރުތަކާއި އޭގެ ކުރިން ދުނިޔޭގައި ބައެއް އިންސާނުން އެކަށީގެންނުވާ މާޙައުލުތަކުގައި މަސައްކަތް ކުރަމުންދިޔައެވެ. ޗުއްޓީއެއް ނުލިބި ހަފުތާގެ ހުރިހާ ދުވަހެއްގައެވެ. ދުވާލަކު 16 ގަޑިއިރާއި 10 ގަޑިއިރާ ދެމެދުގެ ވަގުތަކަށް މީހުން މަސައްކަތްކުރިއެވެ. ކުޑަކުދިން ލައްވާ މަސައްކަތްކުރުވުމަކީ ޢާންމު ކަމެކެވެ.

މި ކަންކަމާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސުލްޙަވެރި އިހުތިޖާޖުތައް ފެށިއެވެ. މި ގޮތުން އެމެރިކާގެ އިލިނޯއީ ސްޓޭޓްގެ ޗިކާގޯގައިވެސް މިފަދަ ދަތި އުނދަގޫ ހާލަތްތަކުގައި މަސައްކަތްކުރަމުންދިޔަ މީހުން އިހުތިޖާޖުކުރަން ފެށިއެވެ. މި ސިލްސިލާ އިހުތިޖާޖުތަކުގެ ތެރެއިން 1886 ވަނަ އަހަރުގެ މެއި މަހުގެ 4 ވަނަ ދުވަހު އެއްވެފައި ތިބި މީހުންގަނޑުގެ ތެރެއަށް މީހަކު ބޮމެއް އެއްލިއެވެ. އެ ބޮން ގޮވައި، އެކި ދިމަދިމާއަށް ފުލުހުން ބަޑި ޖަހަން ފެށުމާއެކު ބައެއް މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވިއެވެ. މި ހާދިސާގައި 7 ފުލުހަކު ނިޔާވިއިރު، ޢާންމުންގެ 4 މީހަކު ނިޔާވިއެވެ.

މި ހާދިސާއާ ގުޅިގެން އެ ކަމުގެ ޚަބަރުތައް ފެތުރި އިހުތިޖާޖުތައް ގިނަވާން ފެށިއެވެ. އަދި ޤައުމުތަކުން މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށްދޭން ފެށިއެވެ. ބައިނަލްއަޤުވާމީ މަސައްކަތްތެރިން ދުވަސް ފާހަގަކުރުމަށް ކަނޑައެޅީ 1889 ވަނަ އަހަރު ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ކޮންގްރެސްއިންނެވެ. މިދުވަސް ފާހަގަކުރާ ދުވަހެއްގެ ގޮތުގައި މެއި މަހުގެ ފުރަތަމަ ދުވަސް ކަނޑައެޅީ، އެ ދުވަހަކީ ޗިކާގޯގެ ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި އިހުތިޖާޖުތައް ފެށުނު ދުވަސްކަމަށްވާތީއެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަން ފެށީ 2006 ވަނަ އަހަރުއެވެ. ރާއްޖޭގައި މޭ ޑޭ ފާހަގަކުރަން ފެށިފަހުން 19 އަހަރު ފާއިތުވެފައިވާއިރު، މިއަދުގެ ސަރުކާރުން ގެންދަވަނީ ރާއްޖޭގައި މަސައްކަތްކުރާ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކޮށްދީ، މަސައްކަތްތެރިންނަށް ފަހި މާޙައުލުތަކާއި ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

17 ނޮވެންބަރު 2023ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގަތީ އެކިއެކި މަސައްކަތްތައްކުރާ މީހުންނަށް ފުރުޞަތުތައް ތަނަވަސްކޮށްދެއްވައި، އިނާޔާތްތައް ދެއްވާނެކަމުގެ ވަޢުދުފުޅާވެސްއެކުއެވެ.

އެގޮތުން ފާހަގަކޮށްލެވޭ އެއް ކަމަކީ ދިވެހި އިޤުތިޞާދުގެ ލޭނާރުކަމަށް ގިނަ ބަޔަކު ސިފަކުރާ މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކަށް 48 ގަޑިއިރުގެ ތެރޭގައި ބާނާ މަހަށް ފައިސާ ދެއްވުމެވެ. ކުރާ މަސައްކަތަށް ފައިސާ ނުދީ، އެތައް ދުވަހެއް ވަންދެން ހިފެހެއްޓުމަކީ މަސައްކަތްތެރިންގެ ޙައްޤުތައް ނިގުޅައިގެން ދުވަސްވަރުގެ އާދައަކަށްވާއިރު، ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވިއިރު ގިނަ ދިވެހި މަސްވެރިން އުޅެންޖެހިފައި އޮތީ އެ ހާލަތުގައެވެ. އެ މީހުން ބާނާ މަސް ކިރުމަށްފަހު، މިފްކޯއިން އެ މީހުންނަށް ފައިސާ ނުދޭ މައްސަލައަކީ އޭރު މަސްވެރިންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މަސްވެރި މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށް، މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޭން ވަނީ ފަށްޓަވާފައެވެ. ހަމައެކަނި ގަވާއިދުން ފައިސާ ދީ ނިންމަވާލެއްވީއެއް ނޫނެވެ. އެމަނިކުފާނުގެ އިރުޝާދުގެ ދަށުން މަސްވެރިކަމާ ބެހޭ ވުޒާރާއިން ދަނީ މަސްވެރިންނަށް ތަފާތު ފުރުޞަތުތައް ފަހިކޮށްދެއްވުމުގެ މަސައްކަތްވެސް ކުރައްވަމުންނެވެ. އެ ގޮތުން މަސްވެރިންނަކީ ބޭންކުތަކާއި މުއައްސަސާތައް ދަންނަ ބަޔަކަށް ހެދުމަށްޓަކައި މަސްވެރިން ދަފްތަރކުރަން ވަނީ ފަށާފައެވެ. އަދި މިހާތަނަށް ދަފްތަރުވެފައިވާ ފަރާތްތަކަށް މަސައްކަތްކުރާ އެހެން ދިވެހިންނަށް ފަހިވާ އިނާޔަތްތަކާއި ލޯނަށް އެދުމުގެ ފުރުޞަތު، މަސްވެރިންނަށްވަނީ ފަހިކޮށްދެއްވާފައެވެ. މިއީ އެންމެ ގިނަ ދިވެހިން މަސައްކަތްކުރާ އެއް ސިނާޢަތުގެ މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުވެ، އެ މީހުންނަށް އެކިއެކި ފުރުޞަތުތައް ފަހިވެގެންދިޔަ ދިޔަ ކަމެކެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ފާހަގަކޮށްލެވޭ އަނެއް ކަމަކީ މަސައްކަތްތެރިންނަށް ޙައްޤުވާ ބަންދުތައް ދެއްވުންމެވެ. އެ ގޮތުން ރަމަޟާން މަހަކީ މާތްކަން ބޮޑުވެގެންވާ އަޅުކަމުގެ މައްސަރަކަށްވާއިރު، އެ މައްސަރުގެ ފަހު 10 ދުވަހު ސަރުކާރު ބަންދުކުރެއްވުމަކީ އަޅުކަމުގައި މަޝްޢޫލުވެ އުޅުމުގެ ފުރުޞަތު މަސައްކަތްތެރިންވެސް ހިމެނޭގޮތަށް ރައްޔިތުންނަށް ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި މުހިންމު ނިންމެވުމެކެވެ. އެމަނިކުފާނުގެ މި ނިންމެވުމާއެކު ރަމަޟާން މަހުގެ ބޭނުން ކުރިއަށް ވުރެ ފުރިހަމަ ގޮތުގައި ހިފުމުގެ ފުރުޞަތު ގިނަ އަދަދެއްގެ މަސައްކަތްތެރިންނަށް ފަހިވިއެވެ.

މީގެ އިތުރުން ރަމަޟާން މަހުގެ ފަހު 10 ބަންދުވުމާ އެކު ބައެއް ވަޒީފާތަކުގައި އުޅޭ މީހުންނަށް ބަންދުނުވާނެކަމީ ޤަބޫލުކުރަން ޖެހޭ ޙަޤީޤަތެވެ. އެ ފަދަ މީހުނަށް ޚާއްސަ އިނާޔަތެއް ދެއްވަންވެސް މިސަރުކާރުން ވަނީ ފަށްޓަވާފައެވެ. އެ ގޮތުން މި އަހަރުން ފެށިގެން ކޮންމެ ރަމަޟާން މަހެއްގެވެސް ފަހު 10ގައި މަސައްކަތްކުރާ މަސައްކަތްތެރިންނަށް އިނާޔަތެއް ލިބޭ ގޮތަށް ދައުލަތުގެ ޕޭ ފްރޭމްވަރކް ސަރުކާރުން މިހާރު ވަނީ އިސްލާޙުކުރައްވާފައެވެ.

ސަރުކާރުން ފަހިކޮށްދެއްވަމުން ގެންދަވާ މި ފުރުޞަތުތަކާއި އިނާޔަތްތަކުން ދޭހަވަނީ މަސައްކަތްތެރިންނަށް ފުރުޞަތުތައް ފަހިކޮށްދީ، އެ މީހުންގެ ޙައްޤުތައް ކަށަވަރުކުރުމަށް މިވީ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމެވެ. އޭގެ އިތުރަށްވެސް އިނާޔަތްތައް ބޮޑުކުރައްވައި، މުސާރައަށް ހެޔޮ ބަދަލުތައް އަންނަމުންދާނެ ކަމުގެ ފެހި ސިގްނަލް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފައެވެ.