ޚަބަރު

ސީއެސްސީގެ ނައިބު ރައީސްކަމަށް މުޖުތާޒް އައްޔަންކުރަން ފާސްކޮށްފި


  • މުޖުތާޒް އައްޔަންކުރަން ފާސްވީ 64 މެންބަރުންގެ އަޣުލަބިއްޔަތުން

  • ސީއެސްސީގެ މެންބަރުކަމަށް މުޖުތާޒް އައްޔަންކުރީ މިމަހުގެ 20ގައި

ސިވިލް ސަރވިސް ކޮމިޝަނުގެ ނައިބު ރައީސްކަމުގެ މަޤާމަށް މުޙައްމަދު މުޖުތާޒް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ.

ސީއެސްސީގެ ނައިބު ރައީސްކަމަށް މުޖުތާޒް އައްޔަންކުރަން ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށައެޅުއްވީ މި މަހުގެ 21 ވަނަ ދުވަހުއެވެ. އެ މަޤާމަށް މުޖުތާޒް އައްޔަންކުރަން ފެންނަ ކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ނިންމަވާފައެވެ.

ކޮމިޓީން ނިންމެވި ގޮތަށް ސީއެސްސީގެ ނައިބު ރައީސްކަމަށް މުޖުތާޒް އައްޔަންކުރަން ފެންނަކަމަށް މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މުޖުތާޒް ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރެއްވީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

މުޙައްމަދު މުޖުތާޒަކީ ޤާނޫނީ ދާއިރާއިން ތަޢުލީމް ޙާސިލުކުރައްވާފައިވަނީ ބޭފުޅެކެވެ. އޭނާ ވަނީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން އަދާކުރައްވާފައެވެ.

ސީއެސްސީގެ ނައިބު ރައީސްކަމަށް މުޖުތާޒް އައްޔަންކުރަން ރުހުން ހޯއްދެވުމަށް އޭނާގެ ނަން މަޖިލީހަށް ހުށައަޅުއްވާފައިވަނީ ކުރިން ސީއެސްސީގެ ނައިބު ރައީސްކަމުގެ މަޤާމުގައި ހުންނެވި އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވީ އެ މަޤާމުން އޭނާ ވަކިކުރުމަށް މަޖިލީހަށް ހުށައަޅާފައި ވަނިކޮށެވެ.

ސީއެސްސީގެ ނައިބު ރައީސްކަމަށް މަޖިލީހުގެ ރުހުމާއެކު މުޖުތާޒް އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.