މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް ޢާއިޝަތު އަސްނާ ހަމްދީ އައްޔަންކުރުމަށްޓަކައި ރުހުން ހޯދަން މަޖިލީހަށް ހުށައަޅުއްވައިފިއެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް ޢާއިޝަތު އަސްނާ ހަމްދީގެ ނަން ރައީސުލްޖުމްހޫރިއްޔާ ހުށައަޅުއްވާފައި މިވަނީ އެ މަޤާމުގައި ހުންނެވި އަަޙްމަދު އިމާދު މިދިޔަ މަހުގެ 17 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިމާދު އިސްތިއުފާދެއްވާފައިވަނީ އެ މަޤާމުން އޭނާ ވަކިކުރުމަށް މަޖިލީހަށް ހުށައަޅާފައި ވަނިކޮށެވެ.
ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލާގައި ވަނީ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމު ހުސްވެފައިވާތީ ޢައިޝަތު އަސްނާ އެ މަޤާމަށް އައްޔަންކުރުމާ މެދު ގޮތެއް ކަނޑައަޅައިދެއްވުމަށް އެދިވަޑައިގެންފައެވެ. އަސްނާގެ ނަން ދިރާސާކުރުމަށް މިހާރު ވަނީ ކޮމިޓީއަށް ފޮނުވާފައެވެ.
އަސްނާ މިހާރު ހުންނެވީ އެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުގައެވެ. އަސްނާ އެމްއެމްއޭއަށް ޚިދުމަތްކުރައްވާތާ 17 އަހަރަށްވުރެ ދިގު މުއްދަތެއް މިހާރު ވަނީ ވެފައެވެ.
ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް އަސްނާ އައްޔަންކުރާނީ އޭނާ އެ މަޤާމަށް އައްޔަންކުރުމަށް މަޖިލީހުން ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާއެވެ.