މަތީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންގެ މައުލޫމާތު ބަލަހައްޓައި އަދި ދަރިވަރުންގެ ރިކުއެސްޓުތަކަށް އަވަހަށް ޖަވާބު ދިނުމަށް ތައްޔާރުކުރާ ޕޯޓަލް އޮކްޓޫބަރުމަހު ބޭނުންކުރަން ފެށޭނެކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއަށް ދަރިވަރުން ފޮނުވާ އީމެއިލް އަދި ސިޓީތަކަށް ޖަވާބު ދިނުން ލަސްވުމާގުޅިގެން ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ކުރައްވާފައިވާ ސުވާލަށް ލިޔުމުން ޖަވާބު ދެއްވާ ފޮނުވެވި ސިޓީގައެވެ.
މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވީ ސަރުކާރުގެ ޚަރަދުގައި ލޯން ސްކީމާއި ސްކޮލަރޝިޕްގެ ދަށުން ބޭރުގައި ކިޔަވަމުން އަންނަ ދަރިވަރުންނާއި ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔަވާ ދަރިވަރުންގެ ކަންކަން ބަލަހައްޓާ ސެކްޝަންތަކަށް ދުވާލެއްގެ މައްޗަށް 600 އަށްވުރެ ގިނަ އީމެއިލާއި ސިޓީ ލިބޭ ކަމަށެވެ. އަދި ބައެއް ދުވަސްދުވަހު އެ އަދަދު އެއަށްވުރެވެސް އިތުރުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ އެ ވުޒާރާއަށް ލިބޭ އީމެއިލްތަކާއި ސިޓީތަކަށް އެންމެ ގިނަވެގެންވެސް 7 ދުވަހުގެ ތެރޭގައި ޖަވާބުދެވޭތޯ ބަލާފައިވާނެކަމަށެވެ. އެހެންނަމަވެސް އެ ވުޒާރާއިން މަސައްކަތް ކުރަމުން ގެންދަނީ 3 ދުވަހުގެ ތެރޭގައި ސިޓީއާއި އީމެއިލްތަކަށް ޖަވާބު ދެމުންގެންދިޔުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ހައިދަރު ވިދާޅުވީ ދަރިވަރުންނަށް ޖަވާބު ދިނުން އަވަސްކުރުމަށްޓަކައި އެ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.
އެގޮތުން ދަރިވަރުންނަށް ދޭ ޚިދުމަތްތައް އަވަސްކުރުމަށްޓަކައި ދަރިވަރުންގެ މައުލޫމާތުތައް ބަލަހައްޓާނެ ޕޯޓަލެއް އުފެއްދުމުގެ މަސައްކަތްތައް ފަށާފައިވާކަމަށެވެ. އޮކްޓޫބަރ މަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ދަރިވަރުންގެ ކަންކަން ބަލަހައްޓަން ފެށުމުން ދަރިވަރުންގެ ރިކުއެސްޓުތަކަށް ޖަވާބުދެވުން ވަރަށް ބޮޑުތަނުން ފަސޭހަވެގެން ދާނެކަމަށް ވަޒީރު ހައިދަރު ވިދާޅުވިއެވެ .
ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހަކީ އެ ވުޒާރާއިން އިއުލާންކުރާ ސްޓޫޑަންޓު ލޯނު ސްކީމަށް ހޮވޭ ދަރިވަރުން ފައިސާއަށް އެދި ފޯމް ހުށައަޅާ ދުވަސްވަރުކަމުން މި ދުވަސްވަރު މަސައްކަތްތައް އިތުރުވެގެންދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ދަރިވަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް އެ ވުޒާރާގައި ކޯލް ސެންޓަރެއް އުފެއްދުމުގެ މަސައްކަތްވެސް މިހާރު ކުރަމުން އަންނަކަށެވެ.
ސަރުކާރުން ހޯދަންޖެހޭ ޚިދުމަތްތައް ހޯދުމުގައި ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އެ މަނިކުފާނު ވިދާޅުވީ، މި ކަމުގައި ހުރީ ނިޒާމީ މައްސަލަތަކެއް ކަމަށާއި އެ ކަންކަން ހައްލުކޮށްދެއްވާނެ ކަމަށެވެ.