ޚަބަރު

ޔޫޕީއާރު ވަރކިންގ ގްރޫޕްގެ 49 ވަނަ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ


  • 14 ޤައުމެއްގެ އިންސާނީ ޙައްޤުތަކުގެ ހާލަތު ވަޒަންކުރުމަށް ވަނީ ހަމަޖެހިފައި

  • ރާއްޖެއަކީ ކިރްގިޒްސްތާން ރިވިއުކުރުމަށް ކަނޑައެޅިފައިވާ ޓްރޮއިކާގެ މެމްބަރެއް

ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު، ޔޫޕީއާރުގެ 49 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ. މި ބައްދަލުވުން ކުރިއަށްދަނީ ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީސް ޕެލޭ ޑި ނޭޝަންސްގައެވެ.

ޔޫ.ޕީ.އާރު. ވަރކިންގ ގްރޫޕުން ކޮންމެ އަހަރަކު ތިން ބައްދަލުވުމެއް ބާއްވައެވެ. އެގޮތުން މިހާރު ހިނގަމުންދާ 49 ވަނަ ބައްދަލުވުމަކީ 2022 ވަނަ އަހަރުން ފެށިގެން 2027 ގެ ނިޔަލަށް ކުރިއަށްދާ ޔޫ.ޕީ.އާރުގެ 4 ވަނަ ރިވިއު ސައިކަލްގެ ބައެކެވެ.

މިއީ ދެ ހަފްތާގެ މުއްތަދަށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ދަށުން ޤާއިމުކުރެވިފައިވާ ޔޫ.ޕީ.އާރު ވަރކިންގ ގްރޫޕްއިން 14 ޤައުމެއްގެ އިންސާނީ ޙައްޤުތަކުގެ ހާލަތު ވަޒަންކުރާނެއެވެ. އެއީ އަރުމީނިއާ، ގްރެނާޑާ، ގިނީ، ގިނީ-ބިސާއު، ގަޔާނާ، ކެންޔާ، ކިރިބާސް، ކުވެއިތު، ކިރްގިޒްސްތާން، ލާއޯ ޕީޕަލްސް ޑިމޮކްރެޓިކް ރިޕަބްލިކް، ލެސޯތޯ، ސްޕެއިން، ސްވީޑެން އަދި ތުރުކީވިލާތެވެ.

މި ފަހަރުގެ ޔޫ.ޕީ.އާރު ބައްދަލުވުމުގައިވެސް ރާއްޖޭގެ ވަފުދުން ބައިވެރިވެ، ދިވެހި ސަރުކާރުގެ މުހިންމު ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތިން ބިނާކުރަނިވި އިސްލާޙުތަކެއް ރިވިއު ކުރެވޭ ޤައުމުތަކަށް ހުށަހަޅާނެއެވެ.

މި ބައްދަލުވުމުގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޖެނީވާގައި ހުންނަ އ.ދގެ އޮފީހަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ.

މީގެ އިތުރުން، މި ވަފުދުގައި ކައުންސެލަރ އާދަމް ޙާމިދު، ކައުންސެލަރ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމް، ސެކަންޑް ސެކްރެޓަރީ ޢާއިޝަތު ރަޔާޙީން އަދި އެޓާޝޭ މުޙައްމަދު ރާއިދު ސައީދުވެސް ހިމެނިވަޑައިގަންނަވައެވެ.

ޔޫ.ޕީ.އާރްއަކީ އ.ދގެ މެމްބަރު ޤައުމުތަކުން އިންސާނީ ހައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތް ދެނެގަނެ، އެކަމުން ހޯދާފައިވާ ކުރިއެރުން ވަޒަންކުރުމަށް ކަނޑައެޅިފައިވާ ނިޒާމެކެވެ. އަދި މި ނިޒާމުގެ ތެރެއިން ރިވިއު ކުރެވޭ ޤައުމުތަކުން އިންސާނީ ޙައްޤުތައް ތަންފީޒުކުރުމުގައި އިތުރަށް ހަރުދަނާކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ބިނާކުރަނިވި އިސްލާޙުތައް ހުށަހެޅުމުގެ ފުރުޞަތު އެހެން މެންބަރު ޤައުމުތަކަށް ލިބިގެންދާނެއެވެ.

އެގޮތުން ކޮންމެ ރިވިއުއަކަށް 3 ޤައުމެއްގެ މައްޗަށް އެކުލެވޭ 'ޓްރޮއިކާ' އެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން މިފަހަރުގެ ބައްދަލުވުމުގައި ރާއްޖެއަކީ ކިރްގިޒްސްތާންގެ ރިވިއުއަށް ކަނޑައެޅިފައިވާ ޓްރޮއިކާގެ މެމްބަރެކެވެ.