ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ މުބާރާތް 2025 ގެ އަންހެން ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗުން ކުލަބު ވެމްކޯ ފަސޭހަ މޮޅެއް ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗު ވެމްކޯ ކާމިޔާބުކުރީ ފްލެކްސަރ ސްޕޯޓްސް ކުލަބާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ވެމްކޯ ގެންދިޔައީ 25-22، 25-17 އަދި 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ ޕަޓިޔާ ޖުއަންގްޖަންއެވެ.
ގައުމީ ވޮލީބޯޅަ މުބާރާތުގައި ވާދަކުރަނީ ގައުމީ ލީގުގެ ގަދަ ހަތަރު ޓީމެވެ. އެހެން އަހަރުތަކާ ޚިލާފަށް ގިނަ މެޗުތަކެއް ކުޅޭ ގޮތަށް މި ފަހަރު މުބާރާތް ރޭވިފައިވާއިރު، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ފައިނަލުގެ ފުރަތަމަ ޖަގާ ލިބިގެންދާނެއެވެ. އަދި ފައިނަލްގެ ދެވަނަ ޖާގަ ލިބިގެންދާނީ ލީގު ބުރުގެ ދެވަނަ އާއި ތިންވަނަ ބައްދަލުކުރާ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ. މުބާރާތުގެ ފައިނަލް އޮންނާނީ އަންނަ އާދީއްތަ ދުވަހުގެރެއެވެ.