ރާއްޖޭގެ ފުރަތަމަ "މެޑިކޯ ލީގަލް" ކޮންފަރެންސް ޤައުމީ ޔުނިވަރސިޓީގައި ފަށައިފިއެވެ. މިކޮންފަރެންސަކީ ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް ޤާނޫނީގޮތުން ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކުރުމާއި ގުޅޭގޮތުން ބާއްވާ ފުރަތަމަ މެޑިކަލް ކޮންފަރެންސްކަން ފާހަގަކޮށްލެވެއެވެ. މިކޮންފަރެންސްގައި ރާއްޖެ ހިމެނޭހެން 8 ޤައުމަކުންވަނީ ދިރާސީ ކަރުދާސް ހުށައަޅާފައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގެ އިސްނެގުމުގެ މަތިން، ކުރިއަށްގެންދާ "މެޑިކޯ ލީގަލް" ކޮންފަރެންސަކީ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ ޤާނޫނީ ދާއިރާގެ ބައިވެރިވުމާއި ގުޅޭގޮތުން ބާއްވާ ފުރަތަމަ މެޑިކަލް ކޮންފަރެންސެވެ.މިކޮންފަރެންސަކީ ރާއްޖޭގެ ސިއްޙީ ނިޒާމު ވަރުގަދަކޮށް ތަރައްޤީކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެއްގެ ގޮތުގައި އެމްއެންޔޫއިން ފާހަގަކުރައްވައެވެ.
3 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މިކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ ޑރ. ޝާހް މާހިރެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ޑރ. ޝާހް މާހިރު ވަނީ ސިއްޙީ ނިޒާމުގައި ޤާނޫނީގޮތުން މިވަގުތު ހުރި މައްސަލަތަކަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން ހޮސްޕިޓަލުތަކުގައި އިހުމާލުގެ ސަބަބުން ހިނގާ އެކިއެކި ކަންކަމުގައި ބަލި މީހާއާއި ސިއްޙީ އެހީތެރިންނަށް ލިބޭ ގެއްލުމާއި ހުށައެޅިގެންދާ ނުރައްކަލުން ރައްކާތެރިކުރުމަށް، އެފަރާތްތަކަށް ލިބިދޭ ޤާނޫނީ ރައްކާތެރިކަމާއި ބެހޭގޮތުން ވާހަކަ ނުދެކެވޭކަން ފާހަގަކުރެއްވިއެވެ.
"ރާއްޖޭގައި އެކަށިގެންވާ މޯޗަރީގެ ޚިދުމަތެއް ޤާއިމުވެފައި ނެތް. އޮޓޯޕްސީއާއި އެނޫންވެސް މުހިއްމު ކަންކަން އިންތިޒާމެއް އަދި ނެތް. އަދި ފަހަކަށްއައިސް ސިއްޙީ ނިޒާމަށް ބަލާއިރު ނުރައްކާތެރި އެކި ހާދިސާތައް ހިންގުން އިތުރުވަމުންދާތަން ފެނިގެންއެބަދޭ. އެކަންކަމަށް ކުރިމަތިލުމަށް ބަލި މީހުންނާއި ސިއްޙީ އެހީތެރިންނަށް ބޭނުންވާ ޤާނޫނީ ރައްކާތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް އަދި ނެތް." ޑރ. ޝާހް މާހިރު ވިދާޅުވިއެވެ.
ރާއްޖޭގެ ފުރަތަމަ މެޑިކޯ ލީގަލް ކޮންފަރެންސްގައި ރާއްޖެ ހިމެނޭހެން 8 ޤައުމަކުން 51 ދިރާސީ ކަރުދާސްވަނީ ހުށައަޅާފައިކަމަށް މެޑިކަލް ކޮލެޖުން ވިދާޅުވެއެވެ. އެގޮތުން އިންޑިއާ، ނޭޕާލް، ސަޢުދީ ޢަރަބިއްޔާ، އިންޑޮނޭޝިޔާ، އަދި ރޮމޭނިޔާގެ އިތުރުން އަލްޖީރިއާއާއި ސްކޮޓްލޭންޑުންވަނީ ދިރާސާތައް ހުށައަޅާފައެވެ. ކޮންފަރެންސްގައި ރާއްޖެ ހިމެނޭހެން 8 ޤައުމަކުންވަނީ ބައިވެރިވެފައެވެ.
އޭގެތެރޭގައި އިންޑިއާއާއި ނޭޕާލްއާއި، ބަންގްލަދޭޝްއާއި، އިންޑޮނޭޝިޔާއާއި ރޮމޭނިޔާއާއޮ، މިޔަންމާގެ އިތުރުން އަލްޖީރިއާ ހިމެނެއެވެ. މިކޮންފަރެންސްގައި ދާއިރާގެ ތަޖުރިބާކާރުންގެ ކީނޯޓް ސްޕީކަރުންނާއި ޕްރެޒެންޓޭޝަން ހުށައެޅުންތައް ހުންނާނެކަމަށް އެމްއެންޔޫއިން ވިދާޅުވެއެވެ.
ކޮންފަރެންސްގެ ފަހު ދުވަހު ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާއަށް ހުށައެޅިފައިތިބޭ ކުދިން ދެނެގަންނާނެގޮތައި، އެފަދަ ޙާލަތުގައި ތިބޭ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތަކާއި ގުޅޭގޮތުން ކަމުގެ ތަޖުރިބާކާރުން، ތަޢުލީމީ ދާއިރާގެ ބޭފުޅުންނަށް އަމާޒުކޮށް ވޯކްޝޮޕެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޔޫއިން ވިދާޅުވެއެވެ.