ރަސްމާލެ މަޝްރޫޢު ހިއްކުމުގެ މަސައްކަތުގެ ދަށުން މިހަތަނަށް 101 ހެކްޓަރުގެ ބިން ހިއްކާފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއްޖެއެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ 12 ސަރަޙައްދަށް ބަހާލައިގެން 1009 ހެކްޓަރުގެ ބިން ހިއްކާގޮތަށެވެ.
މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢަށް ހައްލެއް ގެނެސްދިނުމަށް އިސްކަން ދެއްވާނެ އިންޤިލާބީ މަޝްރޫޢުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާންކުރައްވާފައިވާ ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރު ފަޅުން ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގައެވެ. މިމަޝްރޫޢު ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ 12 ސަރަޙައްދަކަށް ބަހާލައިގެންނެވެ. މި މަޝްރޫއުގެ ދަށުން މިހާރުކުރިއަށްދާ މަސައްކަތްތަކުގެ އަދާހަމަ ހިއްސާކުރައްވަމުން އެޗްޑީސީން ވިދާޅުވީ، މިމަހުގެ 13 ވަނަ ދުވަހާ ހަމައަށް 101 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާކަމަށެވެ.
މީގެތެރޭގައި ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން ހިއްކާފައިވާ ސައިޓު "ޖޭ"ގައި ހިމެނޭ 29 ހެކްޓަރުގެ ބިމާއި، މޯހަން މުތާ އެކްސްޕޯރޓްސްއާއި ހަވާލުކޮށްގެން ހިއްކާފައިވާ ސައިޓު "ޑީ، އެފް، ޖީ، އެލް"ގައި ހިމެނޭ 72 ހެކްޓަރުކަމަށް އެޗްޑީސީން ވިދާޅުވެއެވެ. މި 4 ސަރަޙައްދުން ޖުމްލަ 378 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ.
އެޗްޑީސީން ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަޝްރޫޢާއެކު އެސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. ތިމާވެއްޓާ ރައްޓެހި ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރާ ރަސްމާލެ ތަރައްޤީކުރަނީ މޫދު ލޮނުގަނޑުން ފެށިގެން 2.5 މީޓަރު އުސްމިނުގައެވެ. ސަރުކާރުން ވިދާޅުވީ މިގޮތަށް ނިންމީ މޫސުމަށް އަންނަމުންދާ ބަދަލުތަކާއެކު ރަށްގިރުމުގެ މައްސަލަ ރާއްޖޭގެ ގިނަ ރަށްތަކަކަށް ކުރިމަތިވަމުންދާތީ އެކަމުން ރައްކާތެރި ސިޓީއެއް ތަރައްޤީކުރުމުގެ މަޤްސަދުގައިކަމަށެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމަށް ތަރައްޤީކުރާ ރަސްމާލެ ސިޓީގައި ގާތްގަނޑަކަށް 240000 އަށްވުރެ ބޮޑު އާބާދީއެއް މިސަރަޙައްދުގައި އާބާދުކުރެވޭނެކަމަށް ސަރުކާރުން އަންދާޒާކުރައްވައެވެ. އެގޮތުން ރަސްމާލެއިން 11000 ގޯއްޗާއި 26000 އަށްވުރެ ގިނަ ފްލެޓު ތަރައްޤީކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
ގެދޮރުވެރިކަމުގެ އިތުރުން، ފުށިދިއްގަރުފަޅު ޕްލޭންކޮށް ތަރައްޤީ ކުރަނީ ވިޔަފާރިތަކަށާއި އިންޑަސްޓްރިއަލް އެކި ބޭނުންތަކަށާއި އަދި ޓޫރިޒަމްގެ އެކި ޚިދުމަތްދެވޭނެގޮތަށްކަމަށް ސަރުކާރުން ވިދާޅުވެއެވެ.