ސަރުކާރުން ވެދިން އެހީތެރިކަމާއެކު 21 އަހަރުގެ މަރިޔަމް ޔުމުނު އިތުރު ފަރުވާއަށް މެލޭޝިޔާއަށް ފުރުވާލައިފިއެވެ.
މިމަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ޔުމުނު ފެނިފައިވަނީ އެދުވަހުގެ 07:23 އެހާއިރުއެވެ. އެތަނުން ޔުމުނު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް މިހާތަނަށް އޭނާއަށް ފަރުވާ ދީފައިވަނީ އެހޮސްޕިޓަލުންނެވެ. ލިބިފައިވާ އަނިޔާތަކާ ގުޅިގެން ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު އޭނާ އަށް ދެން ފަރުވާ ދީފައިވަނީ އައިސީޔޫގައެވެ. އާއިލާގެ އެދުމުގެ މަތިން ބޭރަށް ގެންދަން ޑޮކްޓަރުން ހުއްދަ ދެއްވުމުން ސަރުކާރުން ވެދެެއްވި އެހީތެރިކަމާވެސްއެކު މިހާރު އޭނާ ވަނީ މެލޭޝިޔާއަށް ފުރުވާލާފައެވެ.
މެލޭޝިޔާއަށް ޔުމުނު ގެންދިއުމަށްޓަކައި ބޭނުންވާ ޚަރަދުގެ ގޮތުގައި ސަރުކާރުން ވަނީ ޓިކެޓް ފައިސާވެސް ހިމެނޭގޮތަށް 25،000 ޑޮލަރު އެންސްޕާ މެދުވެރިކޮށް ހަމަޖައްސަވާފައެވެ. އެއީ ޔުމުނުގެ ފަރުވާއަށް ބޭނުންވާ މިންވަރުގެ އެއްބައިކަމަށްވުމާއެކު އާއިލާއާ ހެޔޮއެދޭ ފަރާތްތަކުން ވަނީ އެހެނިހެން ގޮތްގޮތުންވެސް ފައިސާ ހޯދުމުގެ މަސައްކަތްކޮށްފައެވެ.
ހެންވޭރު ގެއެއްގެ ފުރާޅުމައްޗަށް އޭނާ ވެއްޓުނު މައްސަލަ ފުލުހުން ތަޙުޤީގުކުރަމުންދާއިރު، މި މައްސަލައިގަ އެކަކު ހައްޔަރުކޮށް، 9 މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ރާއްޖެއިން ބޭރަށް ނުދެވޭ ގޮތަށް އެ މީހުންގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ. މިމައްސަލައިގަ މިމަހުގެ 24ވަނަ ދުވަހު ހައްޔަރުކުރި ރައުދު އަޙްމަދު ޛިލާލް އިތުރު 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.