އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އިޕްސްވިޗް ޓައުން އާއި ދެކޮޅަށް ނިއުކާސަލް ޔުނައިޓެޑް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން އިޕްސްވިޗް ބަލިވެ ޕްރިމިއާ ލީގުން ރެލިގޭޓް ވެއްޖެ އެވެ.
މި މެޗުން ނިއުކާސަލް ޔުނައިޓެޑް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 34 މެޗުން 62 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމް ލިބިފަ އެވެ. އަދި އިޕްސްވިޗް އަށް ލިބިފައިވާ 21 ޕޮއިންޓާއެކު އެ ޓީމު ވަނީ ޕްރިމިއާ ލީގުން ރެލިގޭޓް ވެފަ އެވެ.
އެހެންކަމުން ޕްރިމިއާ ލީގުން މި ސީޒަނުގައި ރެލިގޭޓް ވެފައިވާ ތިން ކްލަބަކީ އިޕްސްވިޗް ޓައުންގެ އިތުރުން ލެސްޓަރ ސިޓީ އާއި ސައުތެމްޓަން އެވެ.
ނިއުކާސަލް ޔުނައިޓެޑް އިން މެޗު ޑޮމިނޭޓް ކޮށްގެން ކުޅެފައިވާ މި މެޗުގެ 37 ވަނަ މިނިޓުގައި އިޕްސްވިޗްގެ ބެން ޖޯންސަން އަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. އެހެންކަމުން މެޗުގެ ބާކީ ބައި އިޕްސްވިޗް އިން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށް 10 ކުޅުންތެރިންނާއިއެކުގަ އެވެ.
މި މެޗުގައި ނިއުކާސަލް ޔުނައިޓެޑް އިން ލީޑު ނަގާފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން އެލެކްޒެންޑަރ އިސާކް އެވެ. މިއީ މި ސީޒަނުގައި އޭނާ ޕްރިމިއާ ލީގުގައި ޖެހި 22 ވަނަ ލަނޑެވެ. މިއާއިއެކު އޭނާ ވެފައިވަނީ މި ސީޒަނުގައި ޕްރިމިއާ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ދެވަނަ ކުޅުންތެރިޔާއަށް ވެފަ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި ނިއުކާސަލްގެ ޑޭން ބާރން ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ނިއުކާސަލް ޔުނައިޓެޑް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނިޓަށް ވެފައިވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ވިލް އޮސޫލާ ކާމިޔާބުކޮށްދިން ލަނޑެކެވެ. ދެވަނަ ހާފުގައި އެ ޓީމުން ޖެހި ދެ ލަނޑު ޖަހަންވެސް ފުރުސަތު ތަނަވަސްކޮށްދީފައިވަނީ ޓްރިޕިއާ އެވެ.
މި ނަތީޖާ އާއިއެކު ނިއުކާސަލް ޔުނައިޓެޑަށް ވަނީ އަންނަ ސީޒަނުގައި ޔޫރަޕްގެ ފުޓްބޯޅަ މުބާރާތުގެ ޖާގައެއް ކަށަވަރުވެފަ އެވެ.