ކުޅިވަރު

އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ މޮޅު އެތުލީޓުންނަކީ ޝައްމޫން އާއި ޒީކް


މި މަހުގެ 24 އިން 26 ގެ ނިޔަލަށް މާލޭ އެކުވެނި ސިންތެޓިކް ޓްރެކުގައި ކުރިއަށްދިޔަ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2025 ގެ އެންމެ މޮޅު އެތުލީޓުންނަށް ހަސަން ޝައްމޫން އަދި ޒީކް އަޝްރަފް ރަޝީދު ހޮވިއްޖެއެވެ.

ފިރިހެން ޑިވިޝަނުގެ އެއްވަނަ އެތުލީޓަކަށް ހޮވުނު ދިވެހި ސިފައިންގެ ކުލަބުގެ ޝައްމޫން ވަނީ މި މުބާރާތުން ދެ ރަން މެޑެލް ހާސިލްކޮށްފައެވެ. އޭނާއަށް ރަން މެޑެލް ލިބިފައިވަނީ ޝޮޓްޕުޓް އަދި ޖެވެލިން ތުރޯއިންނެވެ. އަދި އަންހެން ޑިވިޝަނުން ޒީކް އަޝްރަފު ރަޝީދަށް އެންމެ މޮޅު އެތުލީޓުގެ ޝަރަފު ލިބިފައިވާއިރު، އޭނާވެސް ވަނީ ދެ ރަން މެޑެލް ހޯދާފައެވެ. އޭނާއަށް ރަން މެޑެލް ލިބިފައިވަނީ 800 މީޓަރު ދުވުމާއި 1500 މީޓަރު ދުވުމުންނެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަނުން އެއްވަނަ ދިވެހި ސިފައިންގެ ކުލަބުން ހޯދާފައިވާއިރު، އަންހެން ޑިވިޝަނުގެ އެއްވަނަ ޓީމަކަށް ހޮވިފައިވަނީ އައްޑޫ އެތުލެޓިކްސް ކުލަބެވެ.

12 ވަނަ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ 16 އަހަރުން ދަށުގެ ފިރިހެން ބައިން އެއްވަނަ އެތުލީޓަކަށް އައްޑޫ އެތުލެޓިކްސްގެ މުޙައްމަދު ޔޫނުސް ބިން ހުސައިން ބިން އިބްރާހީމް ހޮވިފަވާއިރު، މި އުރުފުރާއިން އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވިފައިވަނީ ޝަރީފް ސްޕޯޓްސްގެ އާމިނަތު އައުހާ އަބްދުއްރަހްމާނެވެ.

މި އުމުރުފުރާއިންވެސް ދެ ޑިވިޝަނުގެ އެންމެ މޮޅު ޓީމު ހޮވާފަވާއިރު، ފިރިހެން ޑިވިޝަނުގެ އެއްވަނަ ޓީމަކީ އައްޑޫ އެތުލެޓިކްސްއެވެ. އަދި އަންހެން ޑިވިޝަނުން އެއްވަނަ ހޯދާފައިވަނީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުންނެވެ.

17 އެކެޑަމީއަކުން އެތުލީޓުން ވާދަކުރި މި މުބާރާތުގައި ވަނީ 16 އަހަރުވީ ގައުމީ ރިކޯޑެއްވެސް މުގުރާލާފައެވެ. އެގޮތުން ހައި ޖަމްޕްގެ ގައުމީ ރިކޯޑު ހަދާފައިވަނީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ފަރާތުން ވާދަކުރި އެތުލީޓު ޔޫސުފް ނާއިކް ވަޖީހުއެވެ.

ތިން ދުވަހުގެ މުއްދަތަށް މާލޭ ސިންތެޓިކް ޓްރެކުގައި ކުރިއަށްދިޔަ މި މުބާރާތުގެ 56 އިވެންޓުގައި 250 އެތުލީޓުންވަނީ ވާދަކޮށްފައެވެ.