ޚަބަރު

އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު މެއިމަހުގެ 10އާ ހަމައަށް


  • މައުރަޒުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މެއިމަހުގެ 10

  • ޖުމްލަ 4415 އުފެއްދުމެއް ބައިވެރިކުރަން އެޕްލިކޭޝަން ހުށަހަޅާފައިވޭ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ. މިހާރު މި މައުރަޒުގައި ބައިވެރިވުމުގެ ސުންގަޑި މެއިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީއިން ވަނީ ވިދާޅުވެފައެވެ.

އުފެއްދުންތެރިކަމުގެ މައުރަޒު 2025އަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބާއްވާ މައުރަޒެކެވެ. އިޤްތިޞާދީ ވުޒާރާގެ އިރުޝާދާއެކު ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީންނެވެ.

ބީސީސީން ވިދާޅުވީ، އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު މިިހާރު އަންނަ މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް މިހާރު ވަނީ އިތުރުކޮށްފައިވާކަމަށެވެ. މީގެކުރިން ހުޅުވާލި ފުރުސަތުގެ މުއްދަތު ވަނީ މިމަހުގެ 24ވަނަ ދުަހުގެ ނިޔަލަށް ހަމަވެފައެވެ.

މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފައިވަނީ، މި މައުރަޒުގައި ބައިވެރިވުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމާއެކު، ބައިވެރިވުމުގެ ފުރުޞަތު ވީހާވެސް ގިނަ ފަރާތްތަކަކަށް ދިނުމަށްކަމަށް ބީސީސީން މައުލޫމާތުދެއްވައެވެ.

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ވެބްސައިޓް އިފްތިތާހްކޮށް މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހުޅުވާލާފައިވާއިރު، މިހާތަނަށް މައުރަޒުގައި ބައިވެރިވުމަށް 256 ފަރާތަކުން 4415 ޕްރޮޑަކްޓް ހުށައަޅާފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިބެހޭ ވަޒީރު މުޙައްމަދު ސަޢީދު މީގެކުރިން ވިދާޅުވެފައިވެއެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ބޭނުން ޢަދަދަކަށް ތަކެތި ބައިވެރި ކުރެވޭގޮތަށް އިތުރު ފަހި ފުރުޞަތުތަކެއް މިހާރުވަނީ ހަމަޖައްސަވާފައެވެ. ކުރިން އޮންނަގޮތުން މަޢުރަޒުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް ބައިވެރިކުރެވޭނީ 15 ބާވަތެއްގެ އުފެއްދުމެވެ. ނަމަވެސް މި އުސޫލަށް ބަދަލުގެނެސް މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ބޭނުން އަދަދަކަށް ތަކެތި ބައިވެރިކުރުމުގެ އިންތިޒާމްތައް މިހާރު ވަނީ ހަމަޖައްސަވާފައެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު 2025 އަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މަޢުރަޒެވެ. މި މައުރަޒުގައި ރާއްޖޭގައި ތިބި ފަންނުވެރިން ޕްރޮމޯޓްކޮށް އެމީހުންގެ ހުނަރު ތަރައްޤީކުރުމަށް ގިނަ ކަންތައްތަކެއް ކުރިއަށް ގެންދިއުމަށް ބީސީސީން ވަނީ ނިންމަވާފައެވެ. މި މައުރަޒު ބާއްވަން ހަމަޖެހިފައިވަނީ މިއަންނަ މެއި މަހުގެ 23 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހާ ހަމައަށެވެ.