ކުޅިވަރު

ލެޖެންޑް ޖިމީ ވާޑީ ލެސްޓާ ދޫކޮށްލަނީ


ރެލިގޭޓް ލެސްޓާ ސިޓީން އުފެދުނު އެންމެ މަގުބޫލު ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު އެއްބަސްވާ އެ ކުލަބުގެ ކެޕްޓަން އަދި ލެޖެންޑް ޖިވީ ވާޑީ މި ސީޒަނަށް ފަހު އެ ކުލަބު ދޫކޮށްލަން ނިންމައިފި އެވެ.

ލެސްޓާއިން މިކަން އިއުލާނު ކުރަމުން ބުރާސްފަތި ދުވަހު ބުނެފައިވަނީ އެއީ އަހަރުމެންގެ ތާރީހުގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ.

އުމުރުން މިހާރު 38 އަހަރުގެ ފޯވަޑް އެންމެ ބޮޑަށް މަޝްހޫރުވީ އެންމެން ހައިރާން ކޮށްލުމަށްފަހު 2015 ވަނަ އަހަރުގެ ޕްރެމިއާ ލީގު ލެސްޓާ އަށް ހޯދައިދިނުމުގައި އޭނާ އަދާ ކުރި މުހިންމު ދައުރުގެ ސަބަބުންނެވެ. އެ ފަހަރުގެ ލީގުގައި އޭނާ ވަނީ 24 ގޯލު ޖަހައިފަ އެވެ.

އޭނާ 2012 ވަނަ އަހަރު ލެސްޓާއާ ގުޅުނީ ދެ ވަނަ ޑިވިޝަނުގެ ފްލީޓްވުޑް ޓައުންއިންނެވެ. މިއަށްފަހު އޭނާ އަކީ ޕްރެމިއާ ލީގުގައި ލެސްޓާ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. އެއީ 143 ލަނޑާއެކުގަ އެވެ. އޭނާ ވަނީ ހުރިހާ މުބާރާތެއްގައި އެކުލަބަށް 498 މެޗު ކުޅެނީ 198 ގޯލު ޖަހައިދީފަ އެވެ. މީގެ އިތުރުން އޭނާ ވަނީ 2021 ވަނަ އަހަރުގެ އެފްއޭކަޕް ވެސް ލެސްޓާ އަށް ކާމިޔާބުކޮށްދީފަ އެވެ.

"ލެސްޓާގެ ސަޕޯޓަރުންނަށް އަހަރެން ބުނަން އޮތީ މި ދުވަސް އަންނާނެކަން އެންމެނަށް ވެސް އެނގޭނެއެ. އަހަރެން މިވަނީ މި ކުލަބުގައި ކާމިޔާބު 13 އަހަރު ހޭދަކޮށްފައި. ވަރަށް ގިނަ ކާމިޔާބު ވެސް ލިބިއްޖެ. ދެރަ ދުވަސްތައް ވެސް ކުރިމަތިވެއްޖެ. އެކަމަކު ގިނައި ކާމިޔާބު ދުވަސްތައް. އަހަރެން ދެކޭ ގޮތުގައި އަހަރެން ކުލަބާ ވަކިވާން މި ނިންމީ އެންމެ ރަނގަޅު ވަގުތުގައި،" ވާޑީ ބުންޏެވެ.

އޭނާ ބުނީ ކުލަބުން ވަލިވި ނަމަވެސް އޭނާގެ ހިތުގައި އަބަދުވެސް ލެސްޓާ އަށް ހާއްސަކަމެއް އޮންނާނެ ކަމަށެވެ.

އޭނާ ލެސްޓާއިން ވަނީ ވަނީ ޕްރެމިއާ ލީގުގައި ކުޅުން ކުރިއަށް ގެންދިއުމުގެ އުއްމީދުގަ އެވެ. އެއީ ލެސްޓާ ރެލިގޭޓްވުމުން އަންނަ ސީޒަނުގައި ޕްރެމިއާ ލީގުން ފުރުސަތު ނުލިބޭނެތީ އެވެ.

ލެސްޓާގެ މިހާރުގެ ކޯޗު މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވަޑް ރޫޑްވޭން ނިސްޓެލްރޫއި ވެސް ވަނީ ވާޑީ އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ. އޭނާ ބުނީ ކޮންމެ ކޯޗަކަށް ވެސް ވާޑީ ވެގެންދާނީ އަގުހުރި ކުޅުންތެރިއަކަށް ކަމަށެވެ.

ލެސްޓާގެ ޖާޒީގައި އޭނާގެ ވަދާއީ މެޗަށް ވާނީ އަންނަ މަހުގެ 18 ވަނަ ދުވަހު އިސްޕިޗް ޓައުންއާ ދެކޮޅަށް ކުޅޭ މެޗެވެ.