ޚަބަރު

އާދަމް ޝަރީފް، ޠާރިޤު އަދި ދިޔާނާ ސަފީރުންގެ މަޤާމަށް އައްޔަނުކުރައްވަނީ


  • ބޭރު ޤައުމުތަކުގެ ސަފީރުންގެ މަޤާމުތައް ހަމަޖެއްސުމަށް ވަކި އުސޫލުތަކެއް ކަނޑައަޅާފައި އޮވޭ

އެމްބެސެޑަރ އެޓް ލާޖުގެ މަޤާމަށް 3 ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިމަޤާމަށް ޢައްޔަން ކުރައްވާފައިވަނީ އާދަމް ޝަރީފު ޢުމަރާއި، ޠާރިޤު އިބްރާހީމް އަދި ފާޠިމަތު ދިޔާނާ ސަޢީދެވެ.

ސަރުކާރުގެ ބައެއް މަޤާމުތަކަށް ގެނައި ބަދަލުތަކާއެކު ބައެއް މަޤާމުތައް ވަނީ ހުސްވެފައެވެ. އެހެންކަމުން ސަރުކާރުން ވަނީ، މިހާރު އެފަދަ 3 މަޤާމަކަށް ބޭފުޅުން ޢައްޔަން ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ސިލްސިލާ ގޮތެއްގައި ބާއްވަވާ ނޫސްވެރިންގެ ބައްދަލު ކުރެއްވުމުގައި ކުރިން ވަޒީރުންގެ ގޮތުގައި މަސައްކަތް ކުރެއްވި 2 ބޭފުޅަކަށް މިމަޤާމުތައް ދެއްވުމާއި ގުޅޭގޮތުން ވަނީ ތަފްސީލް ހިއްސާ ކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ވަޒީރުންގެ ތެރެއިން އެމްބެސެޑަރ އެޓް ލާޖުގެ މަޤާމަށް 2 ބޭފުޅަކު ޢައްޔަން ކުރައްވާފައިވަނީ، ބޭރުގެ އެކި ކޮމިޝަންތަކަށް އެބޭފުޅުން ކަނޑައެޅުއްވުމަށްޓަކައި ކަމަށެވެ. އަދި އެއީ އިތުރަށް އުފެއްދެވި މަޤާމުތަކެއް ނޫންކަމަށާއި، އެއީ މިވަގުތު ހުސްވެފައިވާ މަޤާމުތައްކަން ރައީސް ފާހަގަކުރެއްވިއެވެ.

"ސަރުކާރުގެ ބައެއް މަޤާމުތައް މިހާރު މިހިރީ ހުސްކޮށް އެމްބެސެޑަރުން ޢައްޔަން ކުރުމުގެ އަދި ހައިކޮމިޝަންތަކަށް މީހުން ޢައްޔަން ކުރުމުގެ މަޤާމުތަކުގެ. ދެތިން ހަތަރު ހައިކޮމިޝަންގެ މަޤާމުތަކަށް މީހުން އެބަޖެހޭ ޢައްޔަންކުރަން. ޑިޕްލޮމެޓިކް ޕްރޮސީޖަރ އަދި ޕްރޮޓޮކޯލް އޮންނަ ގޮތުން ވަކި ޕްރޮސެސްއެއް އޮވޭ ފުރިހަމަ ކުރަންޖެހޭ. އައްޔަން ކުރެވޭ ޤައުމުން އެމީހަކު ޤަބޫލު ކުރުމާއި، މަޖިލީހުން ފާސްކުރުން، މިހެން ގޮސް ހައިކޮމިޝަނަރއަކަށް ވެވެނީ. އެގޮތުން 3 ޤައުމަކަށް ފޮނުވުމަށް އެ 3 ބޭފުޅުން އައްޔަން ކުރުމަށް އެބޭފުޅުން މިހާރު އައްޔަން ކުރެވިފައިވާ މަޤާމަށް އެއައްޔަން ކުރެވިފައިވަނީ."

ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ ކެބިނެޓަށް ބޮޑު ބަދަލެއް ގެންނަވާފައެވެ. އަދި ކެބިނެޓުގެ ޢަދަދު 20 އިން 15 އަށް ވަނީ ކުޑަ ކުރައްވާފައެވެ. އަލަށް 5 ވަޒީރަކު ޢައްޔަން ކުރައްވާފައިވާއިރު، އޭގެތެރެއިން 2 ބޭފުޅުންނަކީ ރާއްޖެއިން އެހެން ޤައުމުތަކަށް ކަނޑައަޅާފައި ތިއްބެވި ސަފީރުންނެވެ.