ޚަބަރު

ތިމާވެށި ރައްކާތެރިކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ކޭންސީސީން މަޝްވަރާކޮށްފި


  • ތިމާވެށި ރައްކާތެރިކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައި

  • މި ބައްދަލުވުންތައް އަމާޒުކުރެވިފައިވަނީ ނޭޝަނަލް އެޑެޕްޓޭޝަން ޕްލޭނެއް އެކުލަވާލުމަށް

ޖަޒީރާ ޤައުމުތަކުގައި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި އެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ކޯލިޝަން އޮފް އެޓޯލް ނޭޝަން އޮން ކްލައިމެޓް ޗޭންޖް، ކޭންސީސީއިން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ބައްދަލުވުން ބާއްވާފައިވަނީ ކޭންސީސީގެ މެމްބަރު ޤައުމުތައް ކަމުގައިވާ ދިވެހިރާއްޖެ، ކިރިބާސް، މާޝަލް އައިލެންޑްސް، ޓޮކެލާއު، އަދި ތުވާލޫގެ މަންދޫބުންނާއެކު ބަނޑޮސް މޯލްޑިވްސްގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްވަރާތައް ބާއްވާފައިވަނީ އެކަކު އަނެކެއްގެ ކިބައިން ދަސްކުރުމުގެ އުސޫލުގެ ދަށުންކަމަށެވެ. އަދި މި ބައްދަލުވުންތައް އަމާޒުކުރެވިފައިވަނީ ނޭޝަނަލް އެޑެޕްޓޭޝަން ޕްލޭން (އެން.އޭ.ޕީ) އެކުލަވާލުމަށްކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

މި ބައްދަލުވުމުގައި ސަރަޙައްދީ ފެންވަރުގައި، ޚާއްޞަކޮށް ރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކުގައި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި، އެ މަސައްކަތް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ.

މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކޭންސީސީގެ ޤައުމުތަކުން މިހާރު އަޅަމުންދާ ފިޔަވަޅުތަކުގެ އިތުރުން އެޅިދާނެ ފިޔަވަޅުތަކާއި، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކުރުމަށްޓަކައި ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމާ ބެހޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މި މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވި ކޭންސީސީގެ މެންބަރުން ވިދާޅުވީ، މިބައްދަލުވުމުގެ ސަބަބުން ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން މޫސުމަށް އަންނަ ބަދަލުތަކަށް ހޭލުންތެރިކުރުމަށް ކުރެވިދާނެ ކަންތައްތައް ވަރަށް ރަނގަޅަށް އެނގިގެން ދިޔަކަމަށެވެ. އަދި މެންބަރު ގައުމުތަކުން އެ ގައުމެއްގެ ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތައް ދަސްވެ، އެގޮތަށް އަމަލުކުރަން ދަސްވެގެންދިޔަކަމަށްވެސް ބައިވެރިން ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ސަރަޙައްދީ ޤައުމުތަކާއެކު ބާއްވާ މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ދޭދޭ ޤައުމުގެ ގުޅުންތައް އިތުރަށް ހަރުދަނާވުމާއެކު، ވަކިން ޚާއްޞަކޮށް މި ސަރަޙައްދުގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެކަމަށެވެ.

ކޯލިޝަން އޮފް އެޓޯލް ނޭޝަން އޮން ކްލައިމެޓް ޗޭންޖް، ކޭންސީސީއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާތަކާ ދެކޮޅަށް ވަކާލާތުކުރަމަށް އެކުލަވާލައިފައިވާ ކޯލިޝަނެކެވެ. މިއީ ކޯލިޝަންގައި ރާއްޖެ ހިމެނޭހެން 5 ޤައުމެއް ބައިވެރިވެއެވެ. އަދި މިހާރު ކޭންސީސީގެ ރިޔާސަތު ބަލަހައްޓަނީ ދިވެހިރާއްޖެއިންނެވެ.