ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެން މީހަކު ވެއްޓުނު މައްސަލައިގެ ތަޙުޤީޤަށް އެއްވެސް މީހެއްގެ ނުފޫޒެއް ނެތްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.
މިދިޔަ ހުކުރު ވިލޭރޭގެ ފަތިހުގެ ވަގުތެއްގައި ހ. ފެންޓަނޯއީގެއާ އިންވެގެން ހުރި ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް 21 އަހަރުގެ އަންހެނަކު ވެއްޓިފައިވާކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 7:30 އެހާއިރުއެވެ. އެއާއެކު ފުލުހުން ސީންގައި ހަރަކާތްތެރިވެ، އަންހެން މީހާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔައީ 8:00 އެހާ ކަންހާއިރުއެވެ.
މި މައްސަލާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ. މިގޮތުން ފާޅުކުރާ އެއް ކަންބޮޑުވުމަކީ މި މައްސަލާގެ ތަޙުޤީޤަށް ސިޔާސީ އިސް ފަރާތްތަކަކުން ނުފޫޒުފޯރުވަމުންދާކަމަށް ބުނެ ކުރާ ތުހުމަތުތަކެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ އަންހެން މީހާ ވެއްޓުނު މައްސަލަ ފެންމަތިވިއިރު، މިކަމުގައި ބައިވެރިވަނީ ކޮން ބައެއްކަމަށް ފުލުހުންނަށް ނޭނގޭ ކަމަށެވެ. އެހެންކަމުން މީހެއްގެ މަސްލަހަތު އޮވެގެން ނުފޫޒު ފޯރުވުމުގެ ޖާގައެއް ނެތްކަމަށް ސީޕީ ވިދާޅުވިއެވެ. އަދި މިހާރުވެސް މައްސަލަ ތަޙުޤީޤުކުރަމުންދަނީ އެއްވެސް މީހެއްގެ ނުވަތަ ސިޔާސީ މީހެއްގެ ނުފޫޒެއް ނެތި ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި ތަޙުޤީޤަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު އެއްވެސް މީހަކަށް ނުދެއްވާނެކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
"ނޫސްވެރިންނަށް މި މައްސަލާގައި ވަރަށް ހާމަކަން ބޮޑު ގޮތެއްގައި މަޢުލޫމާތު ފޯރުކޮށްދެމުން މިދަނީ. މިއިން ވެސް ދޭހަކޮށްދެނީ އަޅުގަނޑުމެން ފޮރުވާނެ އެއްޗެސް މި މައްސަލާގައި ނެތްކަން" ސީޕީ ވިދާޅުވިއެވެ.
ވެއްޓުނު އަންހެން މީހާއަށް މިހާރު ދަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ. އުންމީދަކީ އޭނާގެ ޙާލު ރަނގަޅުވެ، ތަޙުޤީޤަށް ބޭނުންވާ މުހިންމު މަޢުލޫމާތުތަކެއް ލިބޭނެކަން ސީޕީ ފާހަގަކުރެއްވިއެވެ. ފުލުހުން ވަނީ މި މައްސަލާގައި ހިމެނޭ 8 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައި، އެ މީހުންގެ ފަރާތުން ބަޔާން ނަގާފައެވެ.