ބާސެލޯނާގެ ކޯޗު ހަންސީ ފްލިކްގެ ކޮންޓްރެކްޓް އައު ކުރަން އޭނާ އާއި ކުލަބުން އެއްބަސްވެއްޖެ އެވެ.
އުމުރުން މިހާރު 60 އަހަރުގެ ކޯޗުގެ ކޮންޓްރެކްޓް އައު ކުރަން ބާސެލޯނާއިން ނިންމީ މި ސީޒަނުގައި ޓީމާ ހަވާލުވުމަށްފަހު އޭނާ ހޯދަމުން އަންނަ ރަނގަޅު ނަތީޖާތަކުގެ ސަބަބުންނެވެ.
ފްލިކްގެ ކޮންޓްރެކްޓް އައުކުރަން ބާސެލޯނާއިން ނިންމާފައިވަނީ 2027 ވަނަ އަހަރުގެ ނިޔަލަށެވެ. އޭނާއާއެކު މި ސީޒަން ފެށުމުގެ ކުރިން ހެދީ ދެ އަހަރުގެ އެއްބަސްވުމެކެވެ. މި ކޮންޓްރެކްޓަށް އަހަރެއް އިތުރު ކުރަން ނިންމީ ފްލިކް ވެސް އެގޮތަށް ބޭނުންވުމުންނެވެ. އޭނާ ބޭނުންވަނީ މުއްދަތު ދިގު ކުރުމަށްވުރެ އަހަރުން އަހަރުން ކޮންޓްރެކްޓް އާ ކުރުމަށެވެ. ނަމަވެސް ރަސްމީކޮށް ކޮންޓްރެކްޓްގައި ސޮއިކުރާނީ މި ސީޒަން ނިމުމުންނެވެ. ސަބަބަކީ ބާސެލޯނާގެ މާލީ ހާލަތު ހުރި ގޮތުން ސްޕެނިޝް ލީގުން އައު ކޮންޓްރެކްޓެއްގައި ސޮއިކުރަން ފުރުސަތު ނުދީފާނެތީ އެވެ.
ބާސެލޯނާގެ މާލީ ކަންކަމަށް ބަލާއިރު އެކުލަބުން އަލަށް ބިނާކުރަމުން އަންނަ ކޭމްޕް ނޯގެ ވީއައިޕީ ބޮކްސްތައް ވިއްކާލައިގެން ލިބާ ފައިސާ ކުލަބަށް ވަދެފައިނުވާ ކަމަށް ސްޕެނިޝް ލީގުން ވަނީ ބުނެފަ އެވެ. މިހެންވެ މި އާމްދަނީ ބާސެލޯނާ އަށް ލިބިފައިވާކަން މި ސީޒަން ނިމުމުގެ ކުރިން އެކުލަބުން ކަށަވަރުކޮށްދޭންޖެހެ އެވެ. އެހެންނޫނީ ކުޅުންތެރިންނާއި ކޯޗުންގެ ކޮންޓްރެކްޓްތަކުގައި ސޮއިކުރުމުގައި އިތުރު މައްސަލަތައް ކުރިމަތިވާނެ އެވެ.
ޖަރުމަނުގެ ބަޔާން މިއުނިކްގައި ކާމިޔާބު އެ ގައުމުގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ފްލިކް ވަނީ ބާސެލޯނާއާ ހަވާލުވެ މި ސީޒަނުގެ ސްޕެނިޝް ސުޕަކަޕް ކާމިޔާބުކޮށްދީފަ އެވެ. އަދި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ޓީމު ވަނީ ގެންގޮސްދީފަ އެވެ. މިއީ ފާއިތުވެދިޔަ ފަސް އަހަރު ތެރޭގައި ބާސެލޯނާ މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން ސްޕެނިޝް ލީގުގައި ވެސް ބާސެލޯނާ އޮތީ ދެ ވަނާގައިވާ ރެއާލް މެޑްރިޑަށްވުރެ ހަތަރު ޕޮއިންޓް ކުރީގަ އެވެ. ބާކީ އޮތީ އާދީއްތަ ދުވަހުގެ ރޭ ކުޅޭ ކޮޕާ ޑެލްރޭ މުބާރާތުގެ ފައިނަލް މެޗެވެ. މިހެންވެ މި ސީޒަނުގައި ބާސެލޯނާ އަށް ހަތަރު ތަށި ހޯދުމުގެ ފުރުސަތު އެބައޮތެވެ. މިހެންވެ މިއީ 2015 ވަނަ އަހަރުގެ ފަހުން ބާސެލޯނާގެ އެންމެ ކާމިޔާބު ސީޒަނަށްވުން އޮތީ ވަރަށް ކައިރީގަ އެވެ.