އުތުރުގައި ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދިޔުމަށް އިންވެސްޓަރުން ހޯދުމަށް ވަރަށް އަވަހަށް ހުޅުވާލާނެކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އުތުރުގައި އެކަށީގެންވާ މިންވަރަށް ފަތުރުވެރިކަން ތަރައްޤީވެފައި ނެތުމަކީ، އެސަރަޙައްދުގެ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއެކު އެސަރަޙައްދަށް ފަތުރުވެރިކަން އަންނާނެކަމަށް ހއ،ހދ އަދި ށ.އަތޮޅުގެ ރައްޔިތުން އުއްމީދުކުރެއެވެ.
އުތުރުގެ ފަތުރުވެރިކަމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާ މުޅި އެއަރޕޯޓު ބޭނުންކުރަން ފެށޭނެކަމަށެވެ.
"އުތުރުގެ ހދ.ގައި އޮތީ 2 ރިސޯޓު، ހއ.ގައި އޮތީ 1 ރިސޯޓު ދެން ހުރީ ހޮޓެލްސްތަކެއް އަދި ގެސްޓް ހައުސްތަކެއް. ފުލް ފްލައިޓު ގެނައުމަށް އެބަ ބޭނުންވޭ މަދުވެގެން 3000 އެނދު އެސަރަޙައްދުގައި. އެކަންކުރުމަށް އިންވެސްޓަރސް އެޓްރެކްޓްކުރުމަށް ހުޅުވާލާނެ ވަރަށް އަވަހަށް." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މިހާރު އެސަރަޙައްދަށް ފަތުރުވެރިން ގެންދަނީ މާލެއިން ޑޮމެސްޓިކް ފްލައިޓުގައި ނުވަތަ ސީޕްލޭންގައިކަމަށާއި ފުލް ފްލައިޓު ހަނިމާދޫއަށް ގެންދިޔުމަށް އެސަރަޙައްދުގައި އެނދު އިތުރުކުރަންޖެހޭކަމަށެވެ. އަދި އެކަން ކުރުމަށް އިންވެސްޓަރުން ހޯދުމަށްޓަކައި އިންވެސްޓަރުން ޝައުގުވެރިވާނެ ފަދަ ގޮތަކަށް ބައެއް ގަވާއިދުތަކަށް ބަދަލުގެނެސް، އެކަމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ވަރަށް އަވަހަށް ހުޅުވާލާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި ފަތުރުވެރިކަން މިހާތަނަށް ތަރައްޤީނުވެ އޮތް ސަރަޙައްދުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން އުތުރުގެ 3 އަތޮޅާއި. ތ.އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމުގެ މަސައްކަތްވެސް ސަރުކާރުންދަނީ ކުރަމުންނެވެ. އެގޮތުން މެޑިކަލް ޓޫރިޒަމް ތަޢާރަފްކުރުމަށްދަނީ މަސައްކަތް ކުރަމުންނެވެ. މީގެއިތުރުން ބެޑް ކެޕޭސިޓީ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިއަހަރު ފަތުރުވެރިކަމަށް އިތުރު 1200 އަށްވުރެ ގިނަ އެނދު ނެރުމަށް މަސައްކަތް ކުރަމުންދާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.