ކުޅިވަރު

ވެސްޓާން އޭޝިއާ ޔޫތު ޗެސް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ރާއްޖޭގެ ކުޅުންތެރިން ފުރައިފި


ވެސްޓާން އޭޝިއާ ޔޫތު ޗެސް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ރާއްޖޭގެ ޖޫނިއަރ ގައުމީ ރާޒުވާ ޓީމު ފުރައިފިއެވެ.

މި ޓީމު ރާއްޖެއިން ފުރާފަވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ޖުމްލަ 8 ބައިވެރިންނާއެކު ޖޫނިއާ ގައުމީ ރާޒުވާ ޓީމުން ދަތުރަށް ފަށާފަވާއިރު، މިކުދިންނާއެކު ޓީމުގެ ޒުވާން ކޯޗު މުހަންމަދު ރައްޔާން އާދަމް ޝާކިރުގެ އިތުރުން ރާޒުވާ އެސޯސިއޭޝަނުގެ އޮފިޝަލުންވެސް ބައިވެރިވެއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ޖޫނިއާ ގައުމީ ރާޒުވާ ޓީމުގެ ޒުވާން ކޯޗު މުހަންމަދު ރައްޔާން އާދަމް ޝާކިރު ބުނީ މި މުބާރާތައް ދިއުމާ ދޭތެރޭ ފަރތިކޮށްލަން ލިބުނީ އެންމެ ތިން ދުވަސްކަމަށެވެ. އެހެންނަމަވެސް މުބާރާތާ ކުރިމަތިލާނީ ވަނައަކަށް އަމާޒުކޮށްގެންކަމަށެވެ.

"އަޅުގަނޑުމެންނަށް މުބާރާތައް ދެވޭކަން ފައިނަލައިޒްވުމަށްފަހު ޓްރޭންކުރުމަށް ލިބުނީ ތްރީ ޑޭސް. އެހެން ނަމަވެސް އަޅުގަނޑުމެންގެ ޓާރގެޓަކީ އިރާދަކުރެއްވިއްޔާ ރާއްޖެއަށް ރަނގަޅު ވަނައެއް ހޯދާދިނުން" ރައްޔާން ބުންޏެވެ.

މި މުބާރާތުގެ 16 އަހަރުންދަށުގެ އުމުރުފުރާގައި ރާއްޖެ ތަމްސީލުކުރާ ފާތުމަތު ޒޯޔާ ހަސަން ސައީދު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ބުނެފަވަނީ މުބާރާތާ ކުރިމަތިލަނީ ވަރަށް ބޮޑު އުއްމީދަކާއެކުކަމަށެވެ. މިދިޔަ އަހަރުވެސް މި މުބާރާތުގައި ވާދަކޮށްފައިވާ ކުޅުންތެރިޔާ ބުނެފަވަނީ ގިނަ ގައުމުތަކަކުން ބައިވެރިވާ މި ފަދަ މުބާރާތްތަކުގެ ސަބަބުން އިތުރަށް ކުރިއަރަން ވަރަށް ރަނގަޅު ތަޖުރިބާއަކަށްވާކަމަށެވެ.

"މިއީ ވަރަށް ރަނގަޅު އެކްސްޕީރިއަންސްއެއް. ވަނައެއް ހޯދުން އުންމީދަކީ. އިންޝާﷲ ޓޮޕް 5ލިބޭނެކަމަށް" ޒޯޔާ ބުނެފަވެއެވެ.

ވެސްޓާން އޭޝިއާ ޔޫތު ޗެސް ޗެމްޕިއަންޝިޕުގައި ފާއިތުވެދިޔަ އަހަރުވެސް ރާއްޖެއިންވަނީ ވާދަކޮށް ރަން ވަނަތަކެއް ހާސިލްކޮށްފައެވެ. އެގޮތުން 3 ރިހި މެޑެއްޔާއި، 4 ލޯ މެޑަލް ހިމެނޭހެން ޖުމްލަ 7 މެޑެލް އެމުބާރާތުގައި ރާއްޖޭގެ ޓީމުންވަނީ ހާސިލްކޮށްފައެވެ.

މުބާރާތަށް ފުރަންގޮސް އެއަރޕޯޓްގައި ހުރެ ރާޒުވާ ޓީމުގެ ޒުވާން ކޯޗު ބުނީ ކުރިއަށްހުރި މެޗުތަކުގެ ޕްރެކްޓިސް ރާވާނީ މުބާރާތުގެ ވާދަވެރިންގެ ކުޅުމަށް ބެލުމަށްފަހުކަމަށެވެ. އަދި ޓީމާމެދު ވަރަށް ބޮޑު އުންމީދެއް އެބައޮތްކަމަށް 2022 ވަނަ އަހަރުގެ ރާޒުވާއިން ކަލާފާނު ސްކޫލަށް ރަނަރަޕްކަން ހޯދަދިން ކޯޗު ރައްޔާން ބުންޏެވެ.

"ޕްރެކްޓިސް ކުރަން ތިން ދުވަސް ލިބުނަސް ހިތްހަމަޖެހޭ. މިކުދިންގެ މަސައްކަތް ފެނިގެންދާނެ މުބާރާތުން. އައި ހޭވް ވެރީ ހައި ހޯޕްސް ފޯރ ދެމް" ޓީމާ މެދު ކުރާ އުންމީދާ ގުޅޭގޮތުން ރައްޔާން ބުންޏެވެ.

ވެސްޓާން އޭޝިއާ ޔޫތު ޗެސް ޗެމްޕިއަންޝިޕް ކުރިއަށްދާނީ މި މަހުގެ 20 އިން 29 އަށް ތަޖަކިސްތާނުގެ ޑުޝާންބުގައެވެ.