ޚަބަރު

ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައި އަޑުއުފުލުމަށް ރޭވެސް މާލޭގައި ބޮޑު ހިނގާލުމެއް ބާއްވައިފި


  • ހިނގާލުން ބާއްވާފައިވަނީ ރޭ 20:00ގައި

  • ހިނގާލުމަށްފަހު ފަލަސްޠީނު ރައްޔިތުންނަށް ނަޞްރުދެއްވުން އެދި ޚާއްސަ ދުޢާއެއްކުރި

ފަލަސްޠީނުގެ ރައްޔިތުންނާއެކު ތިބިކަން ހާމާކޮށް ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައި އަޑުއުފުލުމަށް މާލޭގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ.

"އުއްމަތް ފަލަސްތީނާއެކު" މި ނަމުގައި ކުރިއަށްގެންދިޔަ މި ހަރަކާތަކީ ޔޫތު ފޯ ޔުނިޓީ އާއި އެހެނިހެން ޖަމިއްޔާތަކުންގެ އިސްނެގުމާއެކު، ދީނީ ޢިލްމުވެރިންނާއި، ދީނީ ޖަމްޢިއްޔާތަކުން އިސްނަގައިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. އެގޮތުން ރޭ 20:00ގައި މަޖީދީމަގު ސޯޝަލް ސެންޓަރުން ފެށިގެން މަޖީދީމަގުގައި ޚާއްސަ ހިނގާލުމެއް ވަނީ ބާއްވާފައެވެ.

މި ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. އެގޮތުން ފަލަސްޠީނުގެ ދިދަޔާއި، ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައި ތިބިކަން ދައްކުވައިދޭ އެކި ޝިޢާރުތައް ރަމްޒުކޮށްދޭ ބޯޑުތަކާއި ބެނާތައް ބޭނުންކޮށްފައިވެއެވެ.

މި ހަރަކާތުގެ ތެރެއިން ވަނީ ފަލަސްޠީނުގެ ޣާއްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ފަލަސްޠީނުގެ ޣައްޒާގެ މުސްލިމް އަޚުންނާއި އުޚުތުންގެ މިހާރުގެ ޙާލަތާމެދު ކަންބޮޑުވުން ފާޅުކޮށް، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކަށް ޔަހޫދީން ހުރަސް އަޅާއެޅުންވެސް ކުށްވެރިކޮށްފައެވެ. ހަމައެހެންމެ ފަލަސްޠީނު ރައްޔިތުންގެ މިނިވަންކަމަށްވެސް މި ހަރަކާތުގެ ތެރެއިން ވަނީ ގޮވާލާފައެވެ.

މަޖީދީމަގުގައި ކުރިއަށްގެންދިޔަ މި ހިނގާލުން ނިންމާލާފައިވަނީ އާޓިފިޝަލް ބީޗު ސަރަޙައްދަށެވެ. މި ހަރަކާތް ނިންމާލުމުގެގޮތުން ފަލަސްޠީނު ރައްޔިތުންނަށް ނަޞްރުދެއްވުމަށް އެދި ޚާއްސަ ދުޢާއެއްވަނީ ކޮށްފައެވެ.

ފަލަޞްޠީނުގެ މުސްލިމުންގެ ޙައްޤުގައި މިހާތަނަށް ރާއްޖެއިން އަޅާފައިވާ އެންމެ ބޮޑު އެއް ފިޔަވަޅަކީ، އިސްރާޢީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް އިމިގްރޭޝަންގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިޞްލާހެވެ. އަދި މި ބިލު ރައީސުލްޖުމްހޫރިއްޔާ ވަނީ ވަގުތުން ތަސްދީޤްކުރައްވާފައެވެ. އެހިނދުން ފެށިގެން ރާއްޖެއަށް އިސްރާޢީލުގެ ޕާސްޕޯޓުގައި އެއްވެސް މީހަކަށް އެތެރެނުވެވޭނެއެވެ.

މިނިންމުމަށް ތާއީދުކޮށް ގިނަބަޔަކުވަނީ ސަރުކާރަށް ތަޢުރީފުކޮށްފައެވެ. އަދި ރާއްޖެއާ ރާއްޖޭއިން ބޭރުގެ އެއްތައް ބަޔަކު އެކަން ފާހަގަކޮށް އެނިންމުމަށް މަރުހަބާކިޔާފައެވެ.

ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފަލަސްތީނުގެ ނަސްލު ހޭދުކުރުމަށް ހިންގަމުންދާ ޤަތުލުޢާންމު ވަގުތުން ހުއްޓާލުމަށް ގޮވާލައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ބައިނަލްއަޤުވާމީ އެކި މަންސަތަކުގައި ވަކާލާތު ކުރައްވަމުންނެވެ. އަދި ރާއްޖެއިން އޮންނާނީ އަބަދުވެސް ފަލަސްޠީނާއެކުކަން ހާމަކުރައްވައި ދަނީ އަޑުއުފުއްލަވަމުންނެވެ.