ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު އަތޮޅުތެރޭގައި އަންނަ މަހު ފަށްޓަވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މިދިޔަ މަހު ބޭއްވި ހާފިޒުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢުތައް ފުޅާކުރައްވާނެކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ އަތޮޅުތަކުގައި އިސްލާމީ މަރުކަޒު ހުރި ރަށްރަށާއި، މަރުކަޒުތައް ޤާއިމުކުރަމުންދާ ތަންތަނާއި، ބޮޑެތި އާބާދީތަކުގައި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު އަންނަ މަހުން ފެށިގެން ކުރިއަށް ދާނެކަމަށެވެ. އެގޮތުން 9 ރަށެއްގައި މި މަޝްރޫއު ކުރިއަށްގެންދަވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
- ހއ. ދިއްދޫ
- ހދ. ކުޅުދުއްފުށި
- ރ. އުނގުފާރު
- ބ. އޭދަފުށި
- އއ. ފެރިދޫ
- ދ. ކުޑަހުވަދޫ
- ގދ ތިނަދޫ
- ލ. ގަން
- ސ. ހިތަދޫ
ވަޒީރު ވިދާޅުވީ ޤުރުއާން ކިޔަވައިދިނުމުގެ ދަތިތައް ހުރި ރަށްރަށާއި، ޤުރުއާން މަރުކަޒުގެ ގޮފިތައް އަހަރުތަކެއް ވަންދެން ހުއްޓިފައި ހުރި ރަށްރަށާއި، އަލަށް ޤުރުއާން ކިޔަވައިދިނުމާއި މަރުކަޒްގެ ޤާރީ ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ ރަށްރަށުގައިވެސް ޤުރުއާން އުނގަންނައިދިނުމުގެ ކަންކަން ހަރުދަނާވެގެންދާނެކަމަށެވެ. އެގޮތުން އަންނަ މަހުން ފެށިގެން މަރުކަޒުން މުސާރަ ދޭ ގޮތައް މަރުކަޒުގެ ގޮފިތަކަށް މުދއްރިސުން ހަމަޖެހިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ފުވައްމުލައް ސިޓީގެ ޤުރުއާން މަރުކަޒަށް، އެމަރުކަޒު ހިންގާނެ ކޯޑިނޭޓަރަކާއި އިދާރީ މުވައްޒަފުންވެސް ހަމަޖެހިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
- ހއ. އުތީމު
- ނ. ވެލިދޫ
-ރ. މަޑުއްވަރީ
-ދ. މީދޫ
- ތ. ކިނބިދޫ
- ތ. ގުރައިދޫ
- ގދ. ގައްދޫ
- ލ. އިސްދޫ ކަލައިދޫ
ކީރިތި ޤުރުއާންގެ ޢިލްމުފުޅާކޮށް ޤުރުއާން ހިތުދަސްކުރާ ކުދިންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފަސޭހައިން އިމްތިހާނު ހެދޭނެ އިންތިޒާމްވެސް މިހާރު ވަނީ ހަމަޖައްސާފައެވެ. މީގެ ކުރިން ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް އެކި ހަފްލާތަކުގައި މެޑަލް ދެމުން އައިނަމަވެސް މިއަހަރުން ފެށިގެން ވަނީ ކޮންމެ ރަމަޟާންމަހެއްގެ 27 ވިލޭރޭގައި އެ ރަސްމިއްޔާތު ބޭއްވުމަށް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އަދި ދަސްވެނިވާ ދަރިވަރުންނަށް ޚާއްސަ ގައުނެއްވެސް ވަނީ ތައްޔާރުކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ އަހަރަކު 100 ހާފިޒުން ދަސްވެނިވުމެވެ.