ޚަބަރު

ފަރަށްއަރާ ބޯޓުފަހަރުން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ލިބޭނެކަން ކަށަވަރުކުރުމަށް ޤަވާއިދެއް ހަދަނީ


  • ބޯޓު ފަރަށް އަރައިގެން ޖޫރިމަނާ ފައިސާ ނުދެއްކުމުގެ މައްސަލަ ބޮޑު

  • ރާއްޖެއަށް އަންނަ ގިނަ ބޯޓުތަކުން އިންޝުއަރެންސް ނަގާފައިނުހުރޭ

ރާއްޖޭގެ ފަރުތަކަށް އަރައި ބޯޓުފަހަރު ޖޫރިމަނާކުރުމުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ލިބޭނެކަން ކަށަވަރުކުރުމަށް ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަޝްރޫޢުތައް ހިންގާއިރު، ބޭރު ޤައުމުތަކަށް ރަޖިސްޓްރީކޮށްފައިވާ ބާޖުތަކާއި ބޯޓުފަހަރު ދިވެހި ކަނޑުތަކުގައި ހަރަކާތްތެރިވެއެވެ. މިގޮތަށް ހަރަކާތްތެރިވާއިރު، މިފަދަ ބޯޓުފަހަރު ފަރަށް އަރައިގެން އެ ފަރުތަކަށް ބޮޑެތި ގެއްލުން ލިބެއެވެ. މި ގެއްލުންތަކުގެ ބަދަލު ހޯދުމަށް އެންވާރަމެންޓް ޕްރޮޓެކްޝަން އޮތޯރިޓީން ފަރަށް އަރައި ބޯޓުފަހަރު ޖޫރިމަނާކުރެއެވެ. ނަމަވެސް ގިނަ ފަހަރަށް މި ބޯޓުތަކުން ޖޫރިމަނާ ފައިސާ ނުދައްކައެވެ.

މި މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް މަޢުލޫމާތު ދެއްވަމުން ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވީ ޖޫރިމަނާ ފައިސާ ހޯދޭނެ އެންމެ ފަހި ގޮތަކީ ރާއްޖެ އެތެރެވާ ބޯޓުފަހަރަކީ އިންޝިއުރެންސް ނަގާފައިވާ ބޯޓުތަކެއްކަން ކަށަވަރުކުރުން ކަމަށެވެ. މިހާރުވެސް ގިނަ ބޯޓުފަހަރަކީ އިންޝުއަރެންސް އޮންނަ ބޯޓުފަހަރަށްވި ނަމަވެސް، އިންޝުއަރެންސް ނޯންނަ އުޅަނދުވެސް ރާއްޖޭގެ ކަނޑުތަކުގައި ހަރަކާތްތެރިވާކަން ދަތުރުފަތުރާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.

ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވީ އުޅަނދުފަހަރުގައި އިންޝުއަރެންސް އޮންނަކަން ކަށަވަރުކުރުމަށް ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ބައިނަލްއަޤުވާމީ މުޢާހަދާއެއްކަމަށްވާ ނައިރޯބީ ކޮންވެންޝަންގައި ބައިވެރިވުމުގެ މަސައްކަތްވެސްކުރައްވަމުން އަންނަކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

"ނައިރޯބީ ކޮންވެންޝަންގައި ބައިވެރިވުމަށް ކެބިނެޓު ޕޭޕަރ ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކުގެ ކޮމެންޓް ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން. އުރޭ އުޅަނދުފަހަރާއި ފެތޭ އުޅަނދުފަހަރާ ބެހޭ ގަވާއިދެއް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން. ކޮންވެންޝަންގައި ބައިވެރިވުމާއެކު ގަވާއިދު ގެޒެޓުކުރުމުގެ ކަންކަން ކުރިއަށް ގެންދާނަން. އަޅުގަނޑުމެންގެ އަމާޒަކީ މި އަހަރުގެ ތެރޭގައި ގަވާއިދު ގެޒެޓުކުރުން." ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅޭގޮތުން ކޮމިޓީގައި ވާހަކަދައްކަވަމުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނަޢީމް ވަނީ ޖޫރިމަނާ ފައިސާ ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޖޫރިމަނާ ފައިސާ ނުދައްކާ ބޯޓުފަހަރު ރާއްޖޭގައި އަލުން އޮޕަރޭޓުކުރުން ހުއްޓުވޭނެ ގޮތެއް ނޯންނަކަމަށްވެސް ނަޢީމް ވިދާޅުވިއެވެ. އަދި ގިނަ ބޯޓުތަކުން އިންޝިއުރެންސް ރަނގަޅު ނިޒާމެއް ނުގެންގުޅޭކަންވެސް ނަޢީމް ފާހަގަކުރެއްވިއެވެ.

"ބައެއް ބޯޓުފަހަރު އެބަހުރި ފަރަށް އަރާފަހުން ނުނަގާ. އަޅުގަނޑުމެންނަށް ޖޫރިމަނާ ކުރެވެން އޮންނަނީ ބޯޓު ފަރުން ނެގީމަ. ވަރަށް ބޮޑަށް މަޝްވަރާކޮށްގެން ފައިސާ ހޯދަން މި ޖެހެނީ." ނަޢީމް ވިދާޅުވިއެވެ.

ބަންޑާރަނައިބުގެ އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި ފަރަށް އެރި ބޯޓުފަހަރު ޖޫރިމަނާ ނުދެއްކުމުގެ 9 މައްސަލައެއް ކޯޓުގައި މިހާރުވެސް ހިނގަމުންދެއެވެ. މި މައްސަލަތަކުގައި 5 މިލިޔަނެއްހާ ރުފިޔާ ޖޫރިމަނާ ފައިސާގެ ގޮތުގައި ދައުލަތަށް ލިބެންޖެހެއެވެ.