ޚަބަރު

ރާއްޖޭގެ "'ޓޫ އޮފް އަސް" ބޭންޑުގެ ހުށަހެޅުމަށް މަޝްހޫރު ލަވަކިއުންތެރިޔާ، އަނޫ މަލިކް ތައުރީފު އޮއްސާލައިފި


  • މި އަހަރު 12 ޓީމަކުން ވަނީ ބެޓުލްއޮފް ބޭންޑްސް އިންޓަރނޭޝަނަލްގައި ބައިވެރިވެފައި

  • ފައިނަލަށް ދިއުމަކީ "'ޓޫ އޮފް އަސް"ގެ އުންމީދެއް

އިންޑިއާގެ ދޫރްދަރްޝަން ނޭޝަނަލް އިން މިހާރު ދައްކަމުންދާ މިޔުޒިކް ރިއަލިޓީ ޝޯ ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލްގައި ރާއްޖޭގެ ޒުވާން ބޭންޑެއް ދަނީ ބައިވެރިވެ ވާދަކުރަމުންނެވެ. "ޓޫ އޮފް އަސް" ބޭންޑުން މި ޝޯވްގައި ހުށައެޅި ދެވަނަ ލަވައަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

ބެޓްލް އޮފް ބޭންޑްސްއަކީ މިދިޔަ ތިން އަހަރު އިންޑިއާގެ ބޭންޑްތަކަށް ޚާއްޞަކޮށްގެން ދޫރްދަރްޝަނާއި ސަރެގަމަ އިންޑިއާ ލިމިޓެޑް ގުޅިގެން ގެނެސްދޭ ޝޯއެކެވެ. މީގެ ކުރިން ސީޒަންތަކުގައި އިންޑިއާގެ ބޭންޑުތަކުން ބައިވެރިވިނަމަވެސް މިއަހަރު މި ޝޯގައި ދުނިޔޭގެ އެކި ގައުމުތަކުން ބައިވެރިވެވޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.

ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލްގެ ރޭގެ ޝޯގައި އިންޑިއާގެ މަޝްހޫރު މިޔުޒިކް ޑިރެކްޓަރު އަނޫ މާލިކު ގެސްޓް ޖަޖެއްގެ ގޮތުގައި ވަނީ ބައިވެރިވެފައެވެ. އެ ޝޯގައި ރާއްޖޭގެ "ޓޫ އޮފް އަސް" ބޭންޑުން ހުށަހެޅީ ދިވެހި އަމިއްލަ ރާގުގެ ދިވެހިންގެ ތެރޭގައިވެސް މަޝްހޫރު ދެލަވައެވެ. އެއީ މަޝްހޫރު ލަވަކިއުންތެރިޔާ، މަރުހޫމް މުހައްމަދު މާޖިދު (މެޒޯ މުޙައްމަދު)ގެ "މޮޅު އޮޑި" އާއި މޭނާ ހައްސާނުގެ "މިލަމިލަ ހަނދުވަރު" ލަވައެވެ.

ރާއްޖޭގެ ބޭންޑުން ލަވަ ކިޔަން ފެށުމާއެކު މުޅި މާހައުލު ވަނީ ބަދަލުކޮށްލިއެވެ. ޖަޖުންވެސް ތިބީ ހައިރާންކުރުވާފައެވެ. ބޭންޑުގެ ލަވައިގެ ތެރެއިން މިލަ މިލަ ހަނދުވަރު ފެށުމާއެކު ޖަޖުންނާއެކު މުބާރާތުގެ ބައިވެރިންނާއެކު މުޅި އޯޑިއެންސްވަނީ ތަރުހީބުގެ އަޑުން ގުގުމާލާފައެވެ.

ލަވަ ނިމި އެ ހުށަހެޅުމާއި ގުޅޭގޮތުން ގެސްޓު ޖަޖު އަނޫ މާލިކް ބުނެފައިވަނީ މި ހުށަހެޅުމަކީ، އޭނާގެ މިއުޒިކީ ހަޔާތުގައި ފެނުނު އެންމެ މޮޅުއެއް އަދި ވަރަށް ތަފާތު ހުށަހެޅުމެއްކަމަށެވެ. އަދި ލަވަތައް ހުށަހެޅި ގޮތް ފުރިހަމަކަމުން އަނޫ މާލިކުގެ ވަނީ ބޭންޑަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ހާއްސަކޮށް ބޭންޑުގެ ލީޑް އަދުހަމްގެ ހުނަރު އޭނާ ވަނީ ފާހަގަކޮށްފައެވެ. މި ބޭންޑް މެންބަރުންގެ ގޮތުގައި އަދުހަމްގެ އިތުރުން ޢަބްދުالله ޝަމްރޫޚާއި މުޙައްމަދު ނަސޫހު ބިން ނަސްރުއްދީނާއި އަޙްމަދު ޝަހީދު (ޝަހީދު ލެގަސީ) އަދި އަޙްމަދު ޖަޝީމް ޝޯވްގައި ބައިވެރިވެއެވެ.

މި މުބާރާތައް ފުރުސަތު ލިބުނުގޮތާއި އަދި މިހާރު ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ޓޫ އޮފް އަސް ބޭންޑުގެ ފަރާތުން ޕީއެސްއެމްނިއުސްއާއި ވާހަކަދައްކަމުން އަހުމަދު އަދުހަމް ބުނީ މުބާރާތައް އިންވައިޓްކުރީ ބެޓްލް އޮފް ދަ ބޭންޑްސްއިންކަމަށެވެ. އެ ބޭންޑުން މީސްމިޑީއާއަށް ދޫކޮށްފައިވާ ހުށަހެޅުންތައް ފެނި އެ މީހުން ޝޯވް ޓީމުން މެސެޖު ކުރި ކަމަށް އޭނާ ބުންޏެވެ.

އަދުހަމް ބުނީ ރާއްޖޭގެ ބޭންޑަކުން މިހެން އައިސް މި ފަދަ ގޮތަކަށް ލަވަ ހުށައަޅާފާނެކަމަށް ޝޯވްގެ އޯގަނައިޒަރުންވެސް ހީނުކުރާކަމަށެވެ. ކޮންމެ މީހަކުވެސް އެމީހުންގެ ހުށައެޅުމަށް ތައުރީފުކުރާކަަމަށް އަދުހަމް ފާހަގަކުރިއެވެ. އަދި އަބަދުވެސް އިންޓަރނޭޝަނަލް ޕްލެޓްފޯމެއްގައި ލަވަ ހުށައެެޅުމަށް ބޭނުންވާކަން ފާހަގަކަށް އޭނާ ބުނީ މިކަން މިކުރެވުނީ ގިނަ ދުވަސްތަކެއްގެ މަސައްކަތާއިއެކު ކަމަށެވެ.

އަދުހަމް ވަނީ ޓޫ އޮފް އަސް ބޭންޑުން ފައިނަލަށް ދިއުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާކަމަށް ބުނެފައެވެ. އެގޮތުން ފައިނަލައްދާ 5 ބޭންޑުގެ ތެރެއިން އެއް ބޭންޑަކީ ރާއްޖެ ތަމްސީލުކުރާ ޓޫ އޮފް އަސް ބޭންޑަށް ވާނެކަމަށް ވަރަށް އުންމީދު ކުރެވޭކަމަށް ބުނެފައެވެ. އަދުހަމް ވަނީ ރާއްޖޭގައިވެސް ހުނަރުވެރި ކުދިން ތިބިކަން ފާހަގަކޮށް ސޯޝިއަލް މިޑިއާގެ ބޭނުން ހިފައި އަމިއްލަ ހުނަރު ދެއްކުމަށް އިލްތިމާސްކޮށްފައެވެ.

ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް ޝޯ މި އަހަރު 12 ބޭންޑަކުން ވަނީ ބައިވެރިވެފައެވެ. ސެމީ ފައިނަލަށް 6 ބޭންޑެއް ދާއިރު ފައިނަލުގައި ބައްދަލުކުރާނީ 5 ބޭންޑަކުންނެވެ. މި ބޭންޑުތަކުން ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިންނާއެކު ހުށައެޅުންތައް ހުށައެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުބާރާތް ކާމިޔާބު ކުރާ ބޭންޑަކަށް ގިނަ ފުރުސަތުތަކެއް ލިބެއެވެ.