ޚަބަރު

ތާރީޚުގައި ފުރަތަމަ ފަހަރަށް ތުރުކީވިލާތުގައި ދިވެހި އެމްބަސީއެއް


  • އެމްބަސީއާއެކު ކޮންސިއުލަރ ޚިދުމަތްތައް ހޯދަން ބޮޑު ލުޔެއް ލިބޭނެ

  • މި ރަސްމިއްޔާތުގައި ތުރުކީގައި އުޅޭ ދިވެހިންވެސް ބައިވެރިވި

ތާރިޚުގައި ފުރަތަމަ ފަހަރަށް ތުރުކީވިލާތުގައި ދިވެހި އެމްބަސީއެއް ޤާއިމުކޮށްފިއެވެ.

އެމްބަސީގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވީ، އެމަބްސީގައި ބޭއްވި ޚާއްސަ ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތަކާއެކު، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލާއި ތުރުކީގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް މެހްމެތް ނޫރީ އެރްސޮއި އަދި ރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ.

ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ޤާއިމުވެގެން ދިއުމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު ތާރީޚީ ކާމިޔާބީއެއްކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ. ޚާރިޖިއްޔާއިން ވިދާޅުވީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމަށާއި، ތުރުކިޔޭގައި ދިރިއުޅޭ ދިވެހިންނަށް ކޮންސިއުލަރ ޚިދުމަތް ފޯރުކޮށްދިނުމުގައި އެމްބަސީގެ އެހީތެރިކަން ލިބިގެންދާނެއެވެ.

މި އެމްބަސީވެގެންދާނީ ދެޤައުމުގެ ދެމެދުގައި ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ގޮތުން ގުޅުން ހަރުދަނާކުރުމަށް އިތުރު ފުރުޞަތުތައް ހޯދުމުގެ ޕްލެޓްފޯމެއްގެ ގޮތުގައި ޚާރިޖީ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.


މި ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު ޑރ. ޚަލީލް ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވަމުންދާކަމުގެ ހެއްކެއްގެ ގޮތުން ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ޤާއިމުކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، އިޤްތިޞާދީ ކުރިއެރުމާއި، ދިވެހި ސަޤާފަތް ކުރިއެރުވުމަށް އަދި ދެ ޤައުމުގެ ރައްޔިތުންގެ ދެމެދުގައި އެކުވެރިކަން އާލާކުރުމުގައި އެމްބަސީގެ ދައުރު ނުހަނު ބޮޑުކަމަށެވެ. އަދި ތުރުކީގައި ދިރިއުޅޭ ދިވެހިންނަށް، ގާތުން ކޮންސިއުލަރ ޚިދުމަތް ފޯރުކޮށްދިނުމުގައިވެސް އެމްބަސީއެއް ހުރުން ވަރަށް މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އެމްބަސީ އިފްތިތާޙް ކުރުމުން ތުރުކީގައި ދިރިއުޅޭ އަދި އެކި ބޭނުންތަކުގައި އެ ޤައުމަށް ޒިޔާރަތްކުރާ ދިވެހި ރައްޔިތުންނަށް ދިމާވާ އެކި ކަހަލަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމުގެ މަސައްކަތްތައް ފުރިހަމަ ކަމާއެކީ ކުރެވިގެންދާނެކަންވެސް ވަޒީރު ވިދާޅުވިއެވެ.

ތުރުކީގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް މެހެމަތު ނޫރީ އެރްސޮއިގެ ވާހަކަފުޅުގައި، ތުރުކީއާއި ރާއްޖެއާ ދެމެދު ޒަމާނުންސުރެ އޮތް އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން، ފަތުރުވެރިކަމާއި، ސަގާފަތާއި، އިގްތިސާދު އަދި ތައުލީމީ ދާއިރާއިން ގުޅުންތައް އިތުރަށް ތަރައްޤީވެފައިވާކަން ވެސް މިނިސްޓަރު އެރްސޮއިގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ތުރުކީ މިހާރު ފާހަގަކުރެވުނީ ދިވެހިންގެ މެދުގައި ޗުއްޓީ ހޭދަކުރުމުގައި މަޤްބޫލު މަންޒިލެއްގެ ގޮތުގައެވެ. އަދި ތަޢުލީމީ ބޭނުންތަކުގައިވެސް ގިނަ ދަރިވަރުންތަކެއް ދިރިއުޅެއެވެ.