ޚަބަރު

މިދިޔަ ހަފްތާގައި މިފްކޯއަށް މަސް ކިރުވި 243 ދޯންޏަކަށް 12.8 މިލިޔަން ރުފިޔާ


  • މިދިޔަ ހަފްތާގައި މިފްކޯއަށް 243 ދޯންޏަކުން މަސް ކިރުވާފައިވޭ

  • އެންމެ ގިނައިން މަސް ކިރުވާފައިވަނީ އަނގާރަދުވަހު

މިދިޔަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް 12.8 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި މަހަށް ނިކުތް ދޯނިތަކުގެ އަދަދުވަނީ ދެގުނައަށް އިތުރުވެފައެވެ. އެގޮތުން ކުރީ ހަފްތާގައި 101 ދޯންޏަކުން މިފްކޯއަށް މަސް ކިރުވާފައިވާއިރު، މިދިޔަ ހަފްތާގައި މިފްކޯއަށް މަސް ކިރުވާފައިވަނީ 243 ދޯންޏަކުންނެވެ.

މަސްވެރިންނަށް މިދިޔަ ހަފްތާގައި 12.8 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، އެންމެ ގިނައިން މަސް ކިރުވާފައިވަނީ އޭޕްރީލް 8 ވަނަ ދުވަހުއެވެ. އެދުވަހު 60 ދޯންޏަކަށް ވަނީ 3.1 މިލިޔަން ރުފިޔާ ދޫކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެއެވެ. މި ވަޢުދު ތަންފީޒުކުރަން ފަށާފައިވަނީ ފާއިތުވި މަސްވެރިންގެ ދުވަހުގައެވެ. މިފްކޯއިން މަޢުލޫމާތު ދެއްވާގޮތުގައި، މި އައު އުސޫލާ ގުޅިގެން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.

މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތައް ދިމާވެފައިވާ މައްސަލަތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ގެނެސްދިނުމަށް މަސްވެރިކަމުގެ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި މަސް ބަންދުކުރާ ކާރުޚާނާއެއް ހުޅުމާލޭގައި އެޅުމަށް އެ ކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ.