ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަމާލަތްތެރިކަން ކަށަވަރުކުރުމަށް ތުރުކީ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ޑޯގަން ކްލާސްގެ މަނަވަރެއް ހަދިޔާކުރަން ނިންމައިފިއެވެ.
ދިފާޢީ ވުޒާރާއިން ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޤައުމީ ދިފާޢީ ބާރުގެ ކޯސްޓު ގާޑް ދެގުނަ ކުރައްވައި، ގާބިލުކަން އިތުރުކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާޞިލުވުމަށް ރަހުމަތްތެރި ޤައުމުތަކާއެކު ބަދަހިކުރައްވަމުން ގެންދަވާ ގުޅުންތަކުގެ ނަތީޖާއެއްގެ ގޮތުން ލިބިގެންދާ މަނަވަރެއްކަމަށެވެ.
ދިފާޢީ ވުޒާރާއިން ވިދާޅުވީ މި އުޅަނދު ސިފައިންގެ ޚިދުމަތަށް ތަޢާރަފުވުމަކީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާ ރައްކާތެރިކަން މަށަވަރުކުރުމަށާއި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި، ބައިނަލްއަޤްވާމީ މުޖުތަމައުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން އަދާކުރަންޖެހޭ ދަޢުރު ފުރިހަމައަށް އަދާކުރުމަށް ލިބޭ ބޮޑު އެހީއެއްކަމަށެވެ. މިއީ އެ މަސައްކަތުގައި ދިވެހި ސިފައިންނަކީ ޤާބިލު ބަޔަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ.މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފަވާ ލަނޑުދަނޑިއަށް ވާސިލވުމަށް ނެގުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވިއެވެ.
މި އުޅަނދު ދިވެހިރާއްޖެއަށް ގެނެސް، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޚިދުމަތަށް ނެރެ، އޮޕަރޭޓްކުރުމަށް ތައްޔާރުވުމުގެ ގޮތުން، ތުރުކީ ވިލާތުގައި ދިވެހި ސިފައިންގެ ޓީމެއް ދަނީ ތަމްރީންވަމުންނެވެ. ދިފާޢީ ޒުވާރާއިން ވިދާޅުވީ ސިފައިންގެ ޚިދުމަތަށް އިތުރުކުރެވޭ މި ޤާބިލުކަމަކީ، ޤާނޫނުގައި ބަޔާންކުރާ ދިވެހިރާއްޖޭގެ ސަރަޙައްދާއި ޚާއްސަ އިޤްތިޞާދީ ސަރަޙައްދާއި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ލިބޭ ވަރަށް ވަރަށް ބޮޑު ބާރަކަށްވެގެންދާނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަން ދެއްވާ އެއް ދާއިރާއަކީ މިނިވަންކަމާ ސިޔާދަތާއި އިސްތިޤުލާލު ޙިމާޔަތްކުރުމެވެ. މަޤާމާ ހަވާލުވެވަޑައިގެން ފުރަތަމަ ދުވަހުން ފައްޓަވައިގެން، މި ސިޔާސަތުތައް ތަންފީޒުކުރައްވަން ފެއްޓެވިއެވެ. އެގޮތުން ވެރިކަމާ ހަވާލުވީތާ ގިނަ ދުވަސްތަކެއް ނުވަނީސް ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު އިފްތިތާޙްކޮށް، އަންމޭންޑް އޭރިއަލް ވެހިކަލް ސިފައިންގެ ޚިދުމަތަށް ވަނީ ތަޢާރަފްކުރައްވާފައެވެ. ޤައުމީ ދިފާޢީ ބާރުގެ އެއަރ ކޯރގެ ޚިދުމަތަށް ގެނެސްފައިވަނީވެސް ތުރުކީވިލާތުގެ އުފެއްދުމެއްކަމަށްވާ ބޭރެކްޓަރ މޮޑެލްގެ އަންމޭންޑް ކޮމްބެޓް އޭރިއަލް ވެހިކަލްތަކެކެވެ.