ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވަޤްފް އިމާރާތް٫ "ސަނާބިލް"އާއެކު އިތުރު މާލީ ބާރުވެރިކަމާއި ކުރިއެރުންތައް ލިބިގެންދާނެކަމަށްޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ.އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވަޤްފް އިމާރާތް٫ސަނާބިލްއަކީ ރާއްޖޭގައި އިސްލާމީ ފައިނޭންސްގެ ތެރެއިން ތަޢުލީމީ މުވައްސަސާއަކަށް ސުކޫކު އިޝޫކޮށްގެން ބިނާކުރާ ފުރަތަމަ ބިނާއެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި 7 ފަންގިފިލާއަށް އިމާރާތްކުރާ ވަޤްފް އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އެކަމަށްޓަކާ ހުޅުމާލޭގައި ބޭއްވި ޚާއްސަ ރަސްމިއާޔަތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.
އިސްލާމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ.އަލީ ޒާހިރު ވިދާޅުވީ އައިޔޫއެމްއަށް ވަރަށް މުހިން 7 ފަންގިފިލާގެ ވަޤްފް އިމާރާތް އަޅަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ.އަލީ ޒާހިރު ވިދާޅުވީ އައިޔޫއެމްއަށް މި މަޝްރޫޢުގެ ކަންކަން ކުރިއަށްގެންދިއުމުގައި ސަރުކާރުގެ ކަމާގުޅުންހުރި ފަރާތްތަކުން ބޮޑު އެއްބާރުލުމެއް ދެއްވިކަމަށެވެ. ޑރ.އަލީ ޒާހިރު ވިދާޅުވީ، މި މަޝްރޫޢުއަކީ، ޔުނިވަރސިޓީ މާލީ ގޮތުން ބާރުވެރިކުރުވަން ކުރާ މަސައްކަތެއް ނަމަވެސް، ޖާގައިގެ ގޮތުން ދިމާވާ ގޮންޖެހުންތަކަށްވެސް މި މަޝްރޫއާއެކު ޙައްލު ހޯދޭނެކަމަށެވެ.
"ޔުނިވަރސިޓީއަށް ކުރިމަތިވާ އެކި ކަހަލަ ގޮންޖެހުންތަކަށް ޙައްލު ލިބޭނެ. މިއީ ޔުނިވަރސިޓީގެ އާމްދަނީއަށް ފެށި މަސައްކަތެއް. ނަމަވެސް ޔުނިވަރސިޓީގެ ކަންކަމުގައި އިތުރު ޖާގައެއް ބޭނުންވެއްޖެ ހާލަތުގައި، މި މަޝްރީޢުގެ ސަބަބުން އެހީ ލިބޭނެ." ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ.އަލީ ޒާހިރު ވިދާޅުވިއެވެ.
މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހުޅުމާލެއިން ބިމެއް ރެޖިސްޓްރީ ކުރީ 2019ވަނަ އަހަރުގެ ޖުލައި މަހުއެވެ. އަދި މަޝްރޫޢުއަށް ކޮންޓްރެކްޓަރު ހަމަޖައްސާ އެކަމުގެ އެއްބަސްވުން ޤާއިމުކުރީ މިދިޔަ އަހަރުގެ އޮގަސްޓް 22 ވަނަ ދުވަހުއެވެ. ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ އޯކް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑްއާއެވެ.
މި ރަސްމިއްޔާތުގައި މަޝްރޫޢުގެ ތަފްސީލް ޙިއްސާކުރައްވަމުން އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްއުސްތާޛު އަޙުމަދު އަމީން ވިދާޅުވީ، މިއީ ތަޢުލީމީ އަދި މާލީ ދާއިރާއަށްވެސް ތާރީޚީ ދުވަހެއްކަމަށެވެ. މިއީ ސުކޫކު ނިޒާމުގެ ތެރެއިން ތަޢުލީމީ ދާއިރާގެ ބިނާއަކަށް މާލީ އެހީތެރިކަން ރާއްޖޭގެ ބޭންކަކުން ފޯރުކޮށްދޭ ފުރަތަމަ ފަހަރުކަމަށް އަމީން ވިދާޅުވިއެވެ.
އަދި މި އިމާރާތަކީ 2004 ވަނަ އަހަރު ކުއްލިއަތުލް ދިރާސަތުލް އިސްލާމިއްޔާ ވުޖޫދުވި ފަހުން، އެ ތަޢުލީމީ އިންސްޓިޓިއުޓްއަށް ނިސްބަތްކޮށް އިމާރާތްކުރާ ފުރަތަމަ ބިނާވެސްކަމަށް އަމީން ވިދާޅުވިއެވެ.
"މިއީ އިސްލާމިކް ފައިނޭންސް މޮޑެލްއިން، ސުކޫކަށް އިޝޫކޮށްގެން ކެޕިޓަލް މާކެޓުން ފައިނޭންސް ރެއިސްކޮށްގެން ރާއްޖޭގައި ބުނާކުރާ ފުރަތަމަ ބިނާ. މިއީ ރާއްޖޭގައި މަތީ ތަޢުލީމުގެ މުވައްސަސާއަކުން ސްކޫކެއް، އޢިލްމީ ބިނާއަކުން އިޝޫކުރި ސުކޫކަކަށް ރާއްޖޭގެ ކޮމާޝަލް ބޭންކަކުން ފުރަތަމަ އިންވެސްޓް ކުރި ފަހަރު. މިއީ ރާއްޖޭގެ މަތީ ތަޢުލީމު އަދި މާލީ ދާއިރާއަށް ތާރީޚީ ދުވަހެއް." އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްއުސްތާޛު އަޙުމަދު އަމީން ވިދާޅުވިއެވެ.
1މިލިއަން ރުފިޔާގެ 60 ސްކޫކަށް ހުޅުވާލުމުން، ބީއެމްއެލް އިސްލާމިކްއިން ވަނީ މި މުޅި ސުކޫކު ސަބްސްކްރައިބްކޮށްފައެވެ. މިއީ 10 އަހަރުގެ ސުކޫކެކެވެ.
ވަޤްފް އިމާރާތުގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމާނެކަމަށް އިސްލާމީ ޔުނިވަރސިޓީއިން ވިދާޅުވެއެވެ.