މާލެ ސަރަހައްދުގައި ތަރައްޤީކުރާ ޕާކިން އިމާރާތްތަކުގެ ބައެއް އިމާރާތްތައް ނިންމައި އަހަރެއްހާ ދުވަހުގެތެރޭގައި ބޭނުންކުރަން ފެށޭނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ދަތުރުފަތުރާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ ހައްލުކުރުމަށްޓަކައި މާލެ ފަހި ޕުރޮގުރާމުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން އެޗްޑީސީއާއި ގުޅިގެން 15 ޕާކިން އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް ލަސްތަކެއްނުވެ ފެށޭނެކަމަށެވެ. އަދި އޭގެތެރެއިން ބައެއް އިމާރާތްތަކުގެ މަސައްކަތް އަހަރެއްހާ ދުވަހުގެތެރޭގައި ނިމޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑު އުންމީދު ކުރާގޮތުގައި މީގެ އަމަލީ މަސައްކަތްތަށް މާލަސްތަކެއްނުވެ ފެށިގެންދާނެ. ފެށިގެން ދިޔާމަ ކުރިއަށް އޮތް އަހަރެއްހާ ދުވަސްތެރޭގައި ބައެއް އިމާރާތްތައް ބޭނުން ކުރުމުގެ ފުރުސަތު ލިބިގެންދާނެ." ދަތުރުފަތުރާއި މަދަނީ އުދުހުންތާކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.
ޕާކިން އިމާރާތްތަކަކީ މާލެ ސަރަހައްދަށް ދިމާވެފައި އޮތް ޕާކިންގެ މައްސަލައަށް ޙައްލު ހޯދުމަށާއި، އުޅަނދުތައް ރައްކާތެރިކޮށް ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.
15 ޕާކިން ޢިމާރާތަކީ 4000 އުޅަނދު ޕާކުކުރެވޭނެ ޖާގައިގެ ޕާކިން ޢިމާރާތްތަކެކެވެ. މިތަންތަނުން ޕާކިންއަށް ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަޖިސްޓްރީކުރާ އުސޫލުންނެވެ. ވިޔަފާރި އުސޫލުން ތަރައްޤީކުރާ ޕާކިން ޢިމާރާތްތަކުގެ މަސައްކަތް ކުރިއަށްއޮތް ދެތިން އަހަރުގެ ތެރޭގައި ނިމޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ އުޅަނދުތައް ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުންގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖެއަށް އެތެރެކުރާ އުޅަނދުތައް ލިމިޓްކުރުމާއި، އުޅަނދުތަކުގެ ޢުމުރު ކަނޑައެޅުމާއި، ޕާކިންއަށް ޚާއްސަ ސަރަޙައްދުތައް ކަނޑައެޅުން ހިމެނެއެވެ.
ޕާކިން މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން މިހާރުވެސް ވަނީ ހުޅުމާލޭގައި ވަރަށް ގިނަ ބިންތަކެއް ވަގުތީ ޕާކިންގެ ގޮތުގައި ހަމަޖައްސާފައެވެ.