ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް 59 އަހަރު ފުރުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތަހުނިއްޔާ ފޮނުއްވައިފިއެވެ. ސޯޝަލް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އެހާރާއި މިހާރުގެ ހުރިހާ ޚިދުމަތްތެރީންނަށް ޝުކުރު ދަންނަވާފައެވެ. އަދި އުފާވެރި އަހަރަކީ ދުވަހަކަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
ރާއްޖޭގައި ވައިގެ ދަތުރުގެ ޚިދުމަތް އެންމެ ފުރަތަމަ ފެށީ 19 އޮކްޓޯބަރު 1960ގައެވެ. މައި ވައިގެ ބަނދަރު "ހުޅުލެ އެއަރޕޯޓް"ގެ ޚިދުމަތް ޚާއްސަ އޮފީހެއްގެ ދަށުން ދޭންފެށީ 12 އޭޕްރީލް 1966ގައެވެ. އެ އެއަރޕޯޓަށް ފުރަތަމަ އާންމު ފްލައިޓެއް ޖެއްސީ 1962 ވަނަ އަހަރު އެއަރ ސިލޯންގެ ފްލައިޓެކެވެ. ހުޅުލޭ އެއަރޕޯޓުގެ ނަމުގައި އޭރު ހުޅުވި އެއަރޕޯޓަށް އޭގެ ފަހުން ގިނަ ބަދަލުތަކެއް ވަނީ އައިސްފައެވެ.
އެއަރޕޯޓު މިހާރު ހިންގަމުންދާ ކުންފުނި އެމްއޭސީއެލް އުފައްދާފައިވަނީ 1994 ވަނަ އަހަރު އޭރު މާލެ އިންޓަނޭޝަނަލް އެއަރޕޯޓު ނަމުގައި ހިންގަމުންދިޔަ އެއަރޕޯޓުގެ ބެލެނިވެރި ފަރާތުގެ ގޮތުގައެވެ.
ޒަމާނީ ޚިދުމަތެއްގެ ގޮތުގައި ޚިދުމަތް އިތުރަށް ފުޅާކުރުމަށް ސަރުކާރުން ވަނީ އެއަރޕޯޓް ޑިވެލޮޕްކުރުމުގެ 20 އަހަރުގެ މާސްޓަރ ޕްލޭނެއް މިދިޔަ އަހަރު އިފްތިތާޙުކޮށްފައެވެ. މިއީ އަހަރަކު 25 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ކެޕޭސިޓީއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، އެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. މިހާރު ކުރިޔަށްދާ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ނިމޭއިރު ދިވެހިންގެ ފަޚުރުވެރި އެއަރޕޯޓު މުޅިން އައު އެއަރޕޯޓަކަށް ވެގެންދާނެކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.