އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމު މޮނިޓަރު ކުރުމަށް ފޮނުވާފައި ތިބި އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އިދާރާ (އައިއޭއީއޭ)ގެ އޮފިޝަލުން ބޭރު ކުރާނެ ކަމުގެ އިންޒާރު އެ ޤައުމުން ދީފިއެވެ. އީރާނުގައި ތިބި އައިއޭއީއޭގެ މޮނިޓަރުން ބޭރު ކުރަން ޖެހިދާނެ ކަމަށް ބުނެ އީރާނުން އިންޒާރު ދީފައި މި ވަނީ، އެ ޤައުމަށް ބޭރުގެ ބާރުތަކުން ދެމުންދާ އިންޒާރުތަކާ ގުޅުވައެވެ. އަދި، ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން އޭޕްރިލް 12ވަނަ ދުވަހު އެމެރިކާއާ އެކު ފެށުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގެ ކުރިން އެ ކަމާ މެދު ގޮތެއް ނިންމާނެ ކަމުގައި އީރާނުން ބުންޏެވެ.
ހޮނިހިރު ދުވަހު އޮމާންގައި ފެށުމަށް ހަމަޖެހިފައިވާ މަޝްވަރާތަކަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހުށަހެޅުއްވުމެކެވެ. ޓްރަމްޕް ބޭނުން ވަނީ އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމަށް ނުފޫޒު ފޯރުވައި، އެ ޕުރޮގުރާމު ކޮންޓްރޯލް ކުރުމަށެވެ. އެއީ، އެމެރިކާގެ އިތުރުން ޔަހޫދީންނަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެމެރިކާއިން ޤަބޫލު ކުރެއެވެ. ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ފޫގަޅުއްވައިގެން ހުންނެވި ޓްރަމްޕަކީ އެ މީހުންގެ އެންމެ ބޮޑު މަދަދުގާރެވެ.
ޓްރަމްޕް ހުށަހަޅުއްވާފައި އޮތީ ދެ ޤައުމުގެ ދެމެދުގައި ސީދާ މަޝްވަރާތަކެއް ބާއްވައި، އެއްބަސްވުމެއް އެކުލަވައިލުމަށެވެ. ނަމަވެސް، އެމެރިކާއާ އެކު ސީދާ މަޝްވަރާތައް ބޭއްވުމަށް އީރާނުން ބޭނުމެއް ނުވެއެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ އޭޕްރިލް 12ވަނަ ދުވަހު އޮމާންގައި ފެށުމަށް ހަމަޖެހިފައި ވަނީ ސީދާ މަޝްވަރާތަކެއް ކަމުގައެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވެސް ވަނީ މި މޭރުމުން ވިދާޅުވެފައެވެ. ނަމަވެސް އީރާނުން ބުނީ، މަޝްވަރާތަކުގައި އޮމާނުން މެދުވެރިއެއްގެ ދައުރު އަދާކުރާނެ ކަމުގައެވެ.
އެމެރިިކާގެ ރައީސް ކަމުގެ މަޤާމާ ދެވަނަ ދައުރަކަށް ޓްރަމްޕް ޙަވާލުވެ ވަޑައިގަންނަވާފައި ވަނީ ޖަނަވަރީ 20ވަނަ ދުވަހުއެވެ. އަދި، ޖެހިގެން އައި މަހު އޭނާ ވަނީ އީރާނަށް އިންޒާރު ދެއްވައި، އެ ޤައުމަށް މަޖުބޫރު ކުރުވުމުގެ ގޮތުން ދަތި ކުރުމުގެ ފިޔަވަޅުގެ ބޮޑު ކެމްޕޭނެއް ފަށްޓަވާފައެވެ. އެއާ އެކު، ދެ ޤައުމުގެ ދެމެދުގައި ހީނަރުވެފައި އޮތް ގުޅުންތައް އިތުރަށް ގޯސްވެގެން ދިޔައެވެ.
އޭޕްރިލް 9ވަނަ ދުވަހު ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ އީރާނަށް އިތުރު އިންޒާރުތަކެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ، އެމެރިކާއާ އެކު ބާއްވާ މަޝްވަރާތަކުން އޭނާ ބޭނުންވާ ނަތީޖާ ހާސިލުނުވެ ފޭލުވެއްޖެ ނަމަ، އީރާނަށް ޙަމަލާ ދިނުމާ މެދު ގޮތެއް ނިންމަވާނެ ކަމުގައެވެ. އަދި، އެމެރިކާއިން އީރާނަށް ޙަމަލާ ދިނުމަށް ނިންމައިފި ނަމަ، އެ ކަމުގައި ޒަޔަނިސްޓު އިސްރާއީލުގެ ޔަހޫދީ ފައުޖުން ބައިވެރިވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
"އެ ކަމުގައި އިސްރާއީލުގެ ބައިވެރިވުން އޮންނާނެ ކަމާ މެދު ޝައްކެއް ނެތް، އެ [ޙަމަލާތަކުގައި] އިސް ދައުރެއް އަދާ ކުރާނީ އެ މީހުން [ޔަހޫދީ ފައުޖުން]،" ޓްރަމްޕް ވިދާޅުވިއެވެ. އޮމާންގައި ބާއްވާ މަޝްވަރާތަކުގައި އީރާން ތަމްސީލު ކުރައްވާނީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީއެވެ. އަދި، އެމެރިކާގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާނީ ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފެވެ.
އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމުގެ މަޤުޞަދަކީ ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުން ކަމުގައި އެމެރިކާއާއި ޔަހޫދީން ތުހުމަތު ކުރި ނަމަވެސް އީރާނުން އެ ތުހުމަތު ދޮގު ކުރެއެވެ. އަދި، މަޝްވަރާތަކާ ގުޅުވައި އީރާނަށް ބިރުދައްކައި އިންޒާރު ދެމުންދާ މި ދަނޑިވަޅުގައި އެ ޤައުމުގައި ހަރަކާތްތެރިވަމުންދާ އައިއޭއީއޭގެ މޮނިޓަރުން އެ ޤައުމުން ބޭރު ކުރާނެ ކަން ހާމަކުރައްވާފައި ވަނީ އެ ޤައުމުގެ ރޫހީ އެންމެ މަތީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަނާޢީގެ އިސް މުޝީރެއް ކަމުގައިވާ ޢަލީ ޝަމްޚާނީއެވެ.
"އީރާނަށް ބޭރުން ލިބެމުންދާ އިންޒާރުތަކާއި، އަސްކަރީ ޙަމަލާތަކެއްގެ އަމާޒަކަށް އީރާން ވެގެން ގޮސްފި ނަމަ އެ ކަންކަމާ ދެކޮޅަށް ފިޔަވަޅުތައް އަޅަން މަޖުބޫރު ވާނެ، އޭގެ ތެރޭގައި އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީގެ މޮނިޓަރުން ޤައުމުން ބޭރު ކުރުން ހިމެނޭ،" ޝަމްޚާނީ ވިދާޅުވިއެވެ. އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކުގައި މުއްސަނދި ކޮށްފައިވާ ޔުރޭނިއަމް ރައްކާތެރި ތަންތަނަށް ބަދަލު ކުރަން މަޖުބޫރުވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، އެމެރިކާއިން ވަނީ އެ ފަދަ ފިޔަވަޅެއް އެޅުމަކީ ބުއްދިވެރި ފިޔަވަޅަކަށް ނުވާނެ ކަމުގައި ބުނެފައެވެ. "އެ ފަދަ ފިޔަވަޅުތަކުގެ އިންޒާރު ދިނުމަކީ، އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމަކީ ސުލްޙަވެރި ޕުރޮގުރާމެއް ކަމަށް ބުނާ ބުނުމާ ފުށުއަރާނެ ފިޔަވަޅެއް. އަދި، އައިއޭއީއޭގެ މޮނިޓަރުން އީރާނުން ބޭރު ކުރުމަކީ ވެސް ބުއްދިވެރި ފިޔަވަޅެއް ނޫން،" އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޓެމީ ބްރޫސް ވިދާޅުވިއެވެ.
މި ހިނގާ ހަފުތާގެ ތެރޭގައި އެމެރިކާއިން ވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފައެވެ. އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ކޮންޓުރޯލު ކުރުމަށް އެމެރިކާއާ އެކު 2015ވަނަ އަހަރު ވެސް އެއްބަސްވުމެއް އެކުލަވައިލިއެވެ. ނަމަވެސް، އެ އެއްބަސްވުން ބާޠިލު ކޮށްފައި ވަނީ 2018ވަނަ އަހަރު ރައީސް ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައެވެ. ޓްރަމްޕްގެ ނިންމުމާ ގުޅިގެން އީރާނުން ވަނީ ޔުރޭނިޔަމް މުއްސަނދި ކުރުމުގެ މަސައްކަތްތައް އިތުރަށް ފުޅާ ކޮށްފައެވެ.