ދިވެހިރާއްޖޭން އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީ، އައިރީނާއަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް ޠާރިޤް އިބްރާހިމް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ.
މަޖިލީހުން މިގޮތަށް ރުހުން ދެއްވީ އައިރީނާއަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް ޠާރިޤް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި، އެ މައްސަލަ މަޖިލީހަށް ފޮނުއްވުމުންނެވެ.
ޤާނޫނުއަސާސީ އާއި ފޮރިން ސަރވިސް ޤާނޫނުގެ ދަށުން ބައިނަލްއަގުވާމީ ޖަމްޢިއްޔާތަކަށް ސަފީރުން އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ ރުހުން ހޯއްދަވަން ޖެހެއެވެ. އެމަނިކުފާނު އައިރީނާއަށް ކަނޑައަޅުއްވާ މަންދޫބަކަށް ޠާރިޤު އިބްރާހިމް އައްޔަން ކުރެއްވުމަށް ފޮނުވި މައްސަލަ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކުރެއްވުމަށްފަހު ޠާރިޤު އެ މަޤާމަށް އައްޔަން ކުރައްވަން ފެންނަ ކަމަށް ވަނީ ފާސްކުރައްވާފައެވެ.
ކޮމިޓީން މިގޮތަށް ފާސްކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވުމުން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ އައިރީނާއަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް ޠާރިޤް އައްޔަންކުރައްވަން ފެންނަ ކަމަށް ފާސްކުރައްވާފައެވެ.
ޠާރިޤް އިބްރާހިމަކީ ތިމާވެއްޓާއި ހަކަތައާބެހޭ ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ޠާރިޤްވަނީ މި ސަރުކާރުގެ ތިމާވެއްޓާބެހޭ ވަޒީރުގެ މަޤާމު އަދާކުރައްވާފައެވެ. އަދި މިހާރު ހުންނެވީ ރާއްޖޭން އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުގައެވެ.
މީގެ ކުރިން ރާއްޖޭން އައިރީނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަޤާމުގައި ހުންނެވީ ކުރިން އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު މުޙައްމަދު ޙުސައިން ޝަރީފެވެ.
އިޔާދަކުރަނިވި ހަކަތަޔާއި ބެހޭ ބައިނަލްއަޤްވާމީ އިދާރާ، އައިރީނާ އުފައްދާފައިވަނީ 2009 ވަނަ އަހަރުއެވެ. އެޖަމްޢިއްޔާ އުފެދުނީންސުރެ ރާއްޖެއަކީ އެ ޖަމްޢިއްޔާގެ މެންބަރު ޤައުމެކެވެ. ޔޫރަޕިއަން ޔޫނިއަންގެ އިތުރުން އެ ޖަމްޢިއްޔާގެ މެންބަރު ޤައުމުތަކުގެ ޢަދަދު 169 އަކަށް އަރައެވެ.