ކަނޑަށް ވެއްޓި ގެއްލި ހޯދައި ނުފެނިފައިވާ މީހާއާމެދު ގޮތް ނިންމަންވާނީ ޤާޟީކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު މިފަދައިން ވިދާޅުވެފައި މިވަނީ ކަނޑަށް ވެއްޓި ގެއްލި ހޯދަން އުޅެ ނުފެނިފަވާ މީހަކު މަރުވެފައިވާކަމަށް ބަލައި، ޣައިބަށް ކަށުނަމާދު ކުރުމާމެދު އަމަލުކުރާނެ ގޮތާ މެދު ސުވާލުކުރެވެމުންދާތީ އެކަމާ ގުޅޭގޮތުން ދެއްވި ސްޓޭޓްމަންޓެއްގައެވެ.
ވަޒީރު މިހެން ވިދާޅުވެފައިމިވަނީ މިމަހުގެ 2ވަނަ ދުވަހުގެރޭ ތ. ހިރިލަންދޫން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް "ހޮޅުދޫ ބޯޓު" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއްގައި އަލިފާން ރޯވެ، ހިނގި ހާދިސާގައި ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން ގެއްލުނު ލ. މާވަށަށް ނިސްބަތްވާ ޢުމުރުން 25 އަހަރުގެ ޢަލީ މުޝްފިގް މުޙައްމަދު ޝަރީފުގެ މައްޗަށް މާދަމާ ހުކުރު ނަމާދަށްފަހު ޣައިބަށް ކަށުނަމާދުކުރަން އެރަށު ކައުންސިލުން އިއުލާންކޮށްފައި ވަނިކޮށެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވީ، މިފަދަ ޙާލަތުގައި އެމީހާ ގެއްލުމާއި މަރާމެދު އޮތް މައްސަލަ ހުށަހަޅަންވާނީ ކޯޓަށް ނުވަތަ ޤާޟީއަށްކަމަށެވެ. އެގޮތުން ކަން ހިނގައިދިޔަގޮތް ބަލައި، އޭނާ މަރުވެއްޖެކަމަށް ޤާޟީ ކަނޑައަޅައިފި ނަމަ، ދެން އޭނާގެ މައްޗަށް ކަށުނަމާދު ކުރުމަކީ ހުއްދަކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. މިކަމުގައި ޤާޟީގެ ޙުކުމެއް އޮންނަންޖެހޭ ސަބަބަކީ މަރަކީ އޭގެ މައްޗަށް ޝަރުޢީ ގިނަ ކަންކަން ތަރުތީބުވާ ކަމަކަށް ވުމުންކަމަށް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ. އެގޮތުން ގެއްލިފައިވާ މީހެއްނަމަ އެމީހާއަކީ މިސާލަކަށް މީހަކާ އިނދެގެން މީހަކަށްވެސް ވެދާނެކަމަށާއި، ނުވަތަ ދަރީން ތިބި މީހަކު ކަމުގައި ވެސް ވެދާނެކަމަށެވެ. އަދި އެމީހަކީ މައިންބަފައިންނާއި އެއްބަނޑު މީހުން ތިބި މީހެއްކަމުގައި ވެދާ ހާލަތުގައި އެމީހުންނަކީ އޭނާގެ ވާރުތަ ވެރިންކަމަށާއި، އޭނާއަކީ އެމީހުންގެ ވާރުތަ ވެރިއެއްކަމަށެވެ.
މަރުވެއްޖެ ކަމަށް ކަނޑައެޅިއްޖެ ނަމަ އެހުރިހައި ކަމެއްގެ ޙުކުންތަކަށް ޝަރުޢީ ގޮތުން އަސަރުކުރާނެކަމަށާއި، ވަރަށް ބޮޑެތި ބަދަލުތައްވެސް އަންނާނެކަމަށެވެ. އަދި އޭނާގެ އަންބަކު ވާނަމަ، އަނބިމީހާގެ ޢިއްދަ ހަމަކޮށް އެހެން މީހަކާ އިނުން ހުއްދަވާއިރު، ގެއްލުނުމީހާ ވުޖޫދުގައި ނެތް މީހަކަށް އެހިސަބުން ވާނެކަމަށެވެ. ޤާޟީގެ އެޙުކުމަށް ފަހު، ދުވަސްތަކެއް ފަހުން އޭނާ އެނބުރި އަތުވެއްޖެ ނަމަ އެދެމެދުގައި އޭނާގެ ކަންކަމާ މެދު ހިނގާފައިވާ ކަންކަން ޞައްޙަވާނެކަން ފާހަގަކުރައްވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، އޭނާގެ އަނބިމީހާ ވެސް އެހެން މީހަކާ އިނދެގެން ހުރެއްޖެ ނަމަ އަނބުރައި އޭނާގެ ގާތަށް ދިއުން ނުވާކަމަށެވެ.
ގެއްލުނު މީހަކީ، މީހަކާ އިނދެގެން ނެތް މީހަކު ކަމުގައި ވިޔަސް އޭނާގެ މަރާ މެދު ގޮތް ނިންމަންވާނީ ޤާޟީކަމަށްވުމުން، ކަނޑަށް ވެއްޓި ގެއްލި ހޯދައި ނުފެނިފައިވާ މީހާއާމެދު ގޮތް ނިންމަންވާނީ ޤާޟީކަން ފާހަގަކުރައްވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވީ، ޤާޟީ ގޮތް ނިންމާނީ ގެއްލުނު ޙާލަތުގެ މައްޗަށް ނަޒަރު ހިންގައި ހޯދަންކުރި މަސައްކަތުގެ މައްޗަށް ބަލައި މުޅި މައްސަލައިގެ ހަފަރާތް ބެލުމަށް ފަހުކަމަށެވެ. އެހެންކަމުން ގެއްލުނު މީހާ މަރުވެފައިވާ ކަމަށް ޤާޟީ ކަނޑައަޅައިފިނަމަ، އޭނާގެ މައްޗަށް ކަށުނަމާދު ކުރެވިދާނެކަމަށާއި، އޭނާގެ މުދާ ވާރިސުންގެ މެދުގައި ބެހޭނެކަމަށެވެސް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ގެއްލިފައިވާ މީހާ މެދު ޙުކުމެއް ކަނޑައަޅަންވާނީ ގެއްލުނުތާ ހަތަރު އަހަރު ފަހުންކަމަށް ބައެއް އިލްމުވެރިންގެ ބަސްފުޅުތަކާ ހަވާލާދެއްވާ ވަޒީރު ޝަހީމް ވިދާޅުވިއެވެ. ނަމަވެސް ކަނޑަށް ވެއްޓި ގެެއްލިފައިވާ މީހާ، މަރުވެފައިވާ ކަމަށް ބޮޑަށް ބުރަވެވޭ ނަމަ، ހަތަރު އަހަރު ނުވިޔަސް ޤާޟީ އަށް ގޮތެއް ކަނޑައެޅިދާނެ ކަމަށް ދެކިވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިމަހުގެ 2 ވަނަ ދުވަހުގެ ރޭ ހިނގި ހާދިސާގައި ގެއްލުނު ލ. މާވަށު ޢުމުރުން 25 އަހަރުގެ ޢަލީ މުޝްފިގް މުޙައްމަދު ޝަރީފު، ނިޔާވީކަމަށް ނިންމައި ކަށު ނަމާދުކުރުމަށް އެރަށުކައުންސިލުން އިއުލާންކޮށްފައިވާއިރު، އޭނާ ހޯދުމުގެ މަސައްކަތް ޤައުމީ ދިފާޢީ ބާރުން އަދި ހުއްޓާލާފައި ނުވެއެވެ.