ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އަލަށް ގާއިމުކުރާ ބައިނަލްއަގުވާމީ ސްވިމިން ޕޫލްގެ ބިންގާ އަޅައިފިއެވެ.
މިހާރު އިމަރާތް ކުރަމުންދާ ސްވިމިންގް ކޮންޕްލެކްސް އިމާރާތުގައި ތެރޭގައި ގާއިމުކުރާ ސްވިމިން ޕޫލްގެ ބިންގާ އަޅައިދިނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި، ސްވިމިން އެސޯސިއޭޝަންގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) އާއި، ބައިނަލްއަގުވާމި ސްވިމިން ޕޫލެއް އެސޯސިއޭޝަނަށް ހަދިޔާކުރި ޗަމްޕާ ހުސެއިން އަފީފްގެ އިތުރުން ބައިނަލްއަގުވާމީ ފެތުމުގެ މުބާރާތަކުން ރާއްޖެއަށް ފުރަތަމަ މެޑެލް ހޯދައިދިން އައިމިނަތު ސަޖަންއެވެ.
ހަތަރު ބުރިއަށް ހަދާ މި ސްވިމިން ކޮމްޕްލެކްސް ތައްޔާރުކުރެވިގެންދާނީ އެންމެ ޒަމާނީ ވަސީލަތްތަކާއި، ސްވިމިންގެ ތަމްރީންތަށް ކުރިއަށްގެންދެވޭ ގޮތަށެވެ. މި ކޮމްޕްލެކްސް ނިމިގެންދާއިރު 50 މީޓަރުގެ ޕޫލެއް އަދި 25 މީޓަރުގެ ޕޫލެއް ގާއިމުކުރެވިގެންދާނެއެވެ. މިއަދު ބިންގާ އެޅިގެންދިޔަ ޕޫލަށް ބޭނުންވާ ހުރިހާ ސާމާނެއް ރާއްޖެއިން ބޭރުން ގެނެސްފަވާއިރު، މި މަސައްކަތް ނިމޭނެ ކަމަށް އެސޯސިއޭޝަނުން އަންދާޒާކުރަނީ މި އަހަރުގެ ނޮވެންބަރު މަހުގައެވެ.
މި މަޝްރޫއު ކުރިއަށްދަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ މާލާ ހައިރައިޒް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްގެންނެވެ. ފެތުންތެރިންގެ ތަމްރީނުތަކާއި ހައިޖަމްޕުގެ ވަސީލަތްތައް ހިމެނޭ މި ކޮމްޕްލެކްސް ވެގެންދާނީ ޖާގަ ތަނަވަސް އަދި ވަސީލަތުގެ ގޮތުން ތަނަވަސް ތަނަކަށެވެ.
މިއީ 1500 މީހުން އެއްފަހަރާ ބޭނުން ކުރެވޭ ގޮތަށް ފަރުމާކުރަމުން އަންނަ ސްވިމިން ޕޫލެކެވެ. ފެތުމުގެ ތަމްރީންތަކަށް ބޭނުންވާ ވަސީލަތްތަކާއެކު އެ ތަން ފަރުމާ ކުރެވިގެންދާއިރު، ހައިޖަމްޕް ފެސިލެޓީއެއްވެސް ހިމެނިގެންދާނެއެވެ.