ޚަބަރު

ފިޠުރު ޒަކާތުން ލިބުނު ފައިސާއިން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދީފި


  • ބައިމިލިއަން ދިވެހި ރުފިޔާގެ ކާބޯތަކެތި ވަނީ ފޯރުކޮށްދީފައި

  • މި ތަކެތި ފޯރުކޮށްދީފައިވަނީ އިސްރާ އެސޯސިއޭޝަންގެ އެހީތެރިކަމާއެކު

މިއަހަރުގެ ފިޠުރު ޒަކާތުން ލިބުނު ފައިސާއިން ފަލަޞްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދީފިއެވެ.

މިއަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި 13.3 މިލިޔަން ރުފިޔާ ލިބުނުއިރު، ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން ބައެއް ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ނިންމަވާފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ޒަކާތު ހައުސްއަށް ދިވެހި ރައްޔިތުން ހަވާލުކުރި ފިޠުރު ޒަކާތުން ފަލަޞްޠީނުގެ ޣައްޒާގެ ބަނޑުހައި ހޫނުކަމުގައި ޖެހިފައިވާ އާއިލާތަކަށް ފޮނުވި ބައިމިލިއަން ދިވެހި ރުފިޔާގެ ކާބޯތަކެތި އެމީހުންނަށް ފޯރުކޮށްދީފައިވާކަމަށެވެ. މިތަކެތި ފޯރުކޮށްދީފައިވަނީ އިސްރާ އެސޯސިއޭޝަންގެ އެހީތެރިކަމާއެކުގައެވެ.

ފިޠުރު ޒަކާތު ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު މިދިޔަ އަހަރު ވަނީ ފުރަތަމަ ފަހަރަށް ޒަކާތުން ފަންޑުންވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން 1 ލައްކަ ޑޮލަރުގެ އެހީއެއް ފޯރުކޮށްދީފައިވެއެވެ. އެ ފައިސާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ޣައްޒާގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ޤަތަރު ރެޑްކްރެސެންޓް ސޮސައިޓީން ކުރިއަށް ގެންދާ މަޝްރޫއަށެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ ޙަމަލާތައް، 15 މަސް ދުވަހަށްފަހު މެދުކަނޑާލާފައި ވަނީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު މި އަހަރުގެ ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޤާއިމު ކުރި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޙަމަލާ ދިނުން މެދުކަނޑާލާފައި އޮތް ދެ މަސް ދުވަހެއްހާ ދުވަހު ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވަނީ ވައްދަން ފަށާފައެވެ. ނަމަވެސް މީގެ ހަ ހަފުތާ ކުރިން ޔަހޫދީން ވަނީ ޣައްޒާއަށް ސާމާނު އެތެރެކުރުމަށް އަނެއްކާ ވެސް ހުރަސް އަޅާފައެވެ. އޭގެ ފަހުން، ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް ޔަހޫދީން ވަނީ ޣައްޒާއަށް ވަރުގަދަ ޙަމަލާތައް އަލުން ދޭން އަނެއްކާވެސް ފަށާފައެވެ.

ޣައްޒާއަކީ 2.3 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސިޓީއަކަށްވާއިރު ޣައްޒާއަށް ތަކެތި ވެއްދުން ހުއްޓިފައި އޮތުމުން ޢާންމުންގެ ޙާލަތު ވަނީ ގޯހުން ގޯހަށް ގޮސްފައެވެ. ޙަމަލާ ބަދަލުކުރުން މެދުކަނޑާލާފައި އޮތް ދުވަސްވަރު ޣައްޒާއަށް ވެއްދި ކާބޯތަކެތިވެސް މިހާރު ވަނީ ހުސްވެފައެވެ.