އިނގިރޭސި ކުލަބު ލިވަޕޫލް އާއި ރާއްޖޭއާ ދެމެދު ހުނަރު ބަދަލުކުރުމުގެ ޕްރޮގުރާމެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ލިވަޕޫލް ގެ "އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު" ގެ ގޮތުގައި ރާއްޖެ ހަމަޖެއްސީ ރާއްޖޭގެ ޓޫރިޒަމް ބްރޭންޑް ވާސިލުވާ މިންވަރު އިތުރުކޮށް، ރާއްޖެއަށް ޒިޔާރަތްކުރުމަށް އިތުރު ފަތުރުވެރިންނަށް ހިތްވަރުދިނުމުގެ ގޮތުން، ތިން އަހަރާއި ހަ މަސް ދުވަހަށް ކުރިއަށްގެންދާ ކެމްޕޭނެއްގެ ދަށުންނެވެ. ރާއްޖޭގައި ލިވަޕޫލްގެ އެކަޑަމީއެއް ގާއިމުކޮށް، ސްޕޯޓްސް ޓޫރިޒަމް ހަރުދަނާ ކުރުމާއި ޑެސްޓިނޭޝަން ބްރޭޑިން އިތުރުކުރުން ފަދަ ހަރަކާތްތައް ވެސް މި ކެމްޕޭންގައި ހިންގާނެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ ރަނގަޅު ގޮތެއްގައި ކަމެއް ފެށުމަކީ ވަރަށް ގިނަ ގޮތްގޮތުން ދޮރުތައް ހުޅުވިގެންދާނެ ކަމެއް ކަމަށެވެ. އަދި ވަރަށް ގިނަ ގޮތްގޮތުން މިކަން ކުރާކަން ގިނަ ބަޔަކަށް އެނިގެންދިޔުމަކީ ފުޓްބޯޅަވެސް އަދި އެހެން ކުޅިވަރުތައް ވެސް ހުޅިވިގެންދާނެ މަގެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިއީ ދިވެހި ފުޓްބޯޅައިގެ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އިސްތިހާރުވެގެންދާ ލިބިގެންދާނެ މަގެއް ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
"ޓްރޭނިންގް ފެސިލިޓީސް އަޅުގަނޑުމެންނަށް ގާއިމުކުރަން މަގުފަހިވެފައި މިވަނީ. ހަމައެއާއެކު އަޅުގަނޑުމެންގެ ޓެލެންޓް އެކްސްޗޭންޖް ޕްރޮގްރާމްވެސް ކުރިއަށް ގެންދެވޭ ގޮތަށް މިވަނީ ރާއްޖެ އާއި ލިވަޕޫލްއާ ދޭތެރޭގައި." ރާފިޢު ވިދާޅުވިއެވެ.
ލިވަޕޫލްގެ އަރަމުން އަންނަ ކުޅުންތެރިން މައްޗަށް އެކުލެވޭ ޓީމުތަކާއި ވެޓެރަންސް ޓީމުތައް މެޗުތަކެއް ކުޅުމަށް ރާއްޖެއަށް އައުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް މީގެ ކުރިން ވަޒީރު ރާފިޢު ވަނީ ވިދާޅުވެފައެވެ.