ސްޕެނިޝް ލަލީގާގައި އެންމެ ފަހު ވަގުތު ރެއާލް މެޑްރިޑުން އެލްޗޭ ކޮޅަށް ޖެހި ލަނޑާއެކު މެޗު ކާމިޔާބު ކޮށްފިއެވެ.
އެލްޗޭގެ އެސްޓާޑިއޯ މަނުއެލް މާޓިނޭޒް ވަލޭރޯގައި ކުޅުނު މިމެޗު ރެއާލް އިން ކާމިޔާބު ކޮށްފައިވަނީ 3 ލަނޑު 2 ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެލްޗޭއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލް އިންނެވެ. އަދި މިމެޗު ރަނގަޅަށް ފެށީވެސް ރެއާލްއިންނެވެ. ނަމަވެސް މެޗުގެ ކުރީކޮޅު ރެއާލްއަށް ލީޑެއް ނުނެގި ދިޔައީ ވިނީޝިއަސް ޖޫނިއަރއަށް ލިބުނު ފުރުސަތުތައް ކާމިޔާބު ނުކުރެވުމުންނެވެ.
މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ. މެޗުގެ 25 ވަނަ މިނެޓުގައި ލީޑު ނެގީ ރެއާލް އިންނެވެ. ނަމަވެސް މިލަނޑަކީ ރެއާލްގެ އާޑާ ގުލަރ ޖެހި ހިލޭ ޖެހުމެއް އެލްޗޭގެ ގޯލްގެ ދަނޑީގައި ޖެހިފައި ނިކުން ވަގުތު އެޓީމުގެ ކީޕަރ މަތިއަސް ޑިރޫޓޯ ގައިގާ ޖެހިފާ ބައިކޮޅަށް ވަން ލަނޑެކެވެ. މިލަނޑު ޖެހިތާ 8 މިނެޓް ފަހުން ރެއާލް އަށް އެޓީމުގެ ދެވަނަ ލަނޑު ޖަހާ މެޗުގެ ލީޑު ފުޅާކޮށްދިނީ ޔަން ޑިއޮމޮންޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކިލިއަން އެންބާޕޭއެވެ. މިއީ މިސީޒަންގައި ބޮޑު އަގުގައި ރެއާލް އަށް ބަަދަލުވި ޑިއޮމޮންޑް އެޓީމުގައި ލަނޑެއް ޖެހުމުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ރެއާލްގެ ލީޑު ފުޅާކުރާނެ އިތުރު ދެ ފުރުސަތެއް އެމްބާޕޭ އާއި ވިނީޝިއަސްއަށް ލިބި ބޭކާރުވެފައިވެއެވެ.
މިމެޗުގެ ފުރަތަމަ ހާފާއި ޚިލާފަށް ދެވަނަ ހާފްގައި އެލްޗޭ ފެނިގެންދިޔައީ ކުޅުން ރަނގަޅުކޮށް ރެއާލްއަށް ނުރައްކާ ކުރަމުންދިޔަ ތަނެވެ. ނަތީޖާއެއްގެ ގޮތުން، މެޗުގެ 71 ވަނަ މިނެޓުގައި އަބިއެލް އޮސޯރިއޯ ޖަހައިދިން ލަނޑުން ފަރަގު ކުޑަ ކުރިއެވެ. އަދި މެޗުގެ 83 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔާ ފަރ ނީނޯ ޖަހައިދިން ލަނޑުން އެލްޗޭއިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށް ރެއާލް ހާސްކޮށްލިއެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތު ދެއްކި އިރުވެސް މެޗުގެ ނަތީޖާ އަށް ބަދަލެއް ނައުމުން މިމެޗު އެއްވަރު ވާނެކަމަށް ގިނަބަޔަކު އުންމީދުކުރިއެވެ. ނަމަވެސް އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ކާލޯސް އެސްޕީ ޖަހައިދިން ލަނޑުން ރެއާލް އިން އެންމެ ފަހު ވަގުތު މެޗުގެ ލީޑު ނަގައި މެޗު ކާމިޔަބު ކުރިއެވެ. މިސީޒަންގައި ލީގުގައި ރެއާލް ކުޅުނު ފުރަތަމަ މެޗުގައިވެސް އެސްޕީ ވަނީ އެންމެ ފަހު ވަގުތު ކާމިޔާބު ކޮށްދިން ލަނޑުން ރެއާލް ސަލާމަތް ކޮށްދީފައެވެ.
މިކާމިޔާބީ އާއެކު ރެއާލް މިވަނީ ލަލީގާގައި މިހާތަނަށް ކުޅުނު 6 މެޗުން ލިބިފައިވާ 15 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި އުޅޭ އެންމެ ފަހުގެ ޗެމްޕިއަން އެފްސީ ބާސެލޯނާ އާއި އަރާ ހަމަކޮށްފައެވެ. ނަމަވެސް ބާސާ އަދި ނުކުޅެ އެއް މެޗު އެބައޮތެވެ. މިމެޗުން ބަލިވުމުން އެލްޗޭ އުޅެނީ 2 ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައެވެ.
މިމުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ރާޔޯ ވަޔެކާނޯ އާއި އެސްޕަންޔޯލް ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި 2 ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ރާޔޯއެވެ. އަދި ވެލެންސިއާ އާއި އަލަވޭޒް ބައްދަލުކުރި މެޗު ރަށުން ބޭރުގައި އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ވެލެންސިއާއެވެ.