ނިމިދިޔަ މާރިޗު މަހުގެ ތެރޭގައި ވޭޕާއި ގުޅޭ މައްސަލަތަކުގައި ޖޫރިމަނާކުރި އަދަދު 123،000 ރުފިޔާއަށް އަރާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ނިމިދިޔަ މާރިޗު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 31 ގެ ނިޔަލަށް ވޭޕް ގެންގުޅެގެންނާއި، ވޭޕް ބޭނުން ކޮށްގެން ޖުމްލަ 27 މީހުން 123،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ވޭޕް ބޭނުންކުރުމުން ޖޫރިމަނާކުރި އަދަދަކީ 82،000 ރުފިޔާ ކަމަށާއި އަދި ވޭޕް ގެންގުޅެގެން ޖޫރިމަނާ ކުރި އަދަދަކީ 41،000 ރުފިޔާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަދި މީގެ އިތުރުން ވޭޕު ސިނގެރޭޓު އަދި ދުންފަތާއި ގުޅުންހުރި ބާވަތްތައް އެތެރެކޮށް ވިޔަފާރިކުރި 6 މައްސަލައެއް ހުށަހަޅާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ރާއްޖޭގައި ވޭޕު ބޭނުންކުރުމާއި ވިއްކުމާއި ހިލޭބެހުން މަނާކޮށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާޙަށް ޢަމަލުކުރަން ފަށާފައިވަނީ 15 ޑިސެންބަރު 2024 ވަނަ ދުވަހުން ފެށިގެންނެވެ.
ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެއެވެ.
އަދި މިހާރު ޤާނޫނުގައި އޮންނަ ގޮތުން ވޭޕް ކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުންކުރާ ޖޫރިމަނާގެ އިތުރަށް 50،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.
ޤާނޫނާ ޚިލާފުވާ މީހުންނަށް މޯބައިލް ފޯނުގެ ޒަރިއްޔާއިން ކުރު މެސެޖެއް، ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް ހިމަނާފައި ފުލުހުން ފޮނުވާނެއެވެ. ފުލުހުން ވަނީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާހަށް ހުރިހާ މީހުންވެސް ފުރިހަމައަށް ޢަމަލުކުރުމަށާއި ޤަނޫނު ތަންފީޒްކުރުމުގައި ފުލުހުންގެ ޚިދުމަތަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އިލްތިމާސްކުރައްވާފައެވެ.